ރޭގަނޑުގެ ކެއުން ނިންމައިލުމާއެކު ނިދި އަންނަ މީހުން އުޅެއެވެ. ހަމައެހެންމެ، ދުވަހުގެ ތާވަލް އޮންނަގޮތުން، ފެންވަރަން ލިބޭ ވަގުތުކޮޅަކީ ކައިގެން އެ ލިބޭ ވަގުތަށް ވެދާނެއެވެ. ނަމަވެސް މިއީ ހައްތާވެސް ކައިގެން ކުރަން ނުވާންވީ ކަންތައްތައް ކަން އެނގޭ ހެއްޔެވެ؟

1. ނިދުން

ކައިގެން، ކާ އެއްޗެހި ހަޖަމުވާން އެއްވެސް ވަގުތެއް ނުދީ ނިދުމަކީ ހަށިގަނޑަށް ގެއްލުންހުރި ކަމެކެވެ. އަދި މިއީ ބަރުދަން އިތުރުވުމަށްވެސް މަގުފަހިވާ ކަމެކެވެ. ޑޮކްޓަރުން ބުނާ ގޮތުގައި، ނިދުމުގެ ތިން ގަޑިއިރު ކުރިން ރޭގަނޑުގެ ކެއުން ނިންމަން ވާނެއެވެ. އޭގެފަހުން ބަނޑުހައިވާނަމަ، މޭވާއެއް ނުވަތަ ތަރުކާރީގެ ބާވަތެއް ލުއިކޮށް ކާލެވިދާނެއެވެ.

2. ސިނގިރޭޓު ބުއިން

ކަމުގެ މާހިރުން ބުނާ ގޮތުގައި، ކައި ނިންމައިގެން އެއް ސިނގިރޭޓު ބުއިމެކޭ، އެއްފަހަރާ 10 ސިނގިރޭޓު ބުއިމެކޭ ހަމަ ހަމައެވެ. މިކަމަށް ހެއްކެއް ނެތަސް، ދުންފަތުގެ އިސްތިއުމާލުކުރުމަކީ އެއްގޮތަކަށް ވެސް ހަށިގަނޑަށް ފައިދާހުރި ކަމެއް ނޫނެވެ. 

3. ފެންވެރުން

ކައި ނިންމާގޮތަށް ފެންވެރުމަކީ، ކާއެއްޗެހި ހަޖަމުވުން ލަސްކޮށްދޭ ކަމެކެވެ. ސަބަބަކީ، ފެންވަރާއިރު ލޭ ދައުރުވަނީ ހަޖަމުގެ ނިޒާމު ނޫން އެހެން ހިސާބުތަކަށް ކަމަށްވާތީއެވެ. 

4. މޭވާ ކެއުން

މޭވާއަކީ ކެއުމުގެ ކުރިން ކާންޖެހޭ ބާވަތެކެވެ. ސަބަބަކީ، ކައި ނިންމައިގެން މޭވާ ކާނަމަ، ރަނގަޅަށް މޭވާ ހަޖަމު ނުވާތީއެވެ. އެހެންކަމުން ކެއުމުގެ ކުރިން މޭވާ ނުކެވޭނަމަ، ދެން މޭވާ ކާން ވާނީ ކެއެމުގެ އެއް ގަޑިއިރު ފަހުންނެވެ.

5. ސައިބުއިން

ސައިފަތަކީ އެސިޑިކް އެއްޗަކަށްވުމުން، ހަޖަމުވުމަށް ބުރޫ އަރައެވެ. ހަމައެހެންމެ، ކާއިރު ޕްރޮޓީންގެ ބާވަތެއް ހިމެނޭނަމަ، ސައިގެ ސަބަބުން ހަށިގަނޑަށް އެތެރެވާ ޕްރޮޓީން ހަރުވެގެން ދެއެވެ. އެހެންކަމުން ޕްރޮޓީން ހަޖަމުކުރުމަށް އުނދަގޫވެއެވެ. މީގެ އިތުރުންވެސް، ހަށިގަނޑަށް އެތެރެވާ އަޔަންގެ މާއްދާ އެތެރެވުމަށް ސައިގެ ސަބަބުން ބުރޫ އަރައެވެ. ވީމާ، ކެއެމުގެ ކުރިންނާއި ފަހުން ސައި ބުއިން ރަނގަޅެއް ނޫނެވެ. ސައި ބޯން ވާނީ ކައިގެން އެއްގަޑިއިރު ވުމުންނެވެ. ނުވަތަ ކެއެމުގެ ގަޑިއިރެއް ކުރިންނެވެ.