ވިހެއުމަކީ ވޭންހުރި ކަމެކޭ ކިޔާ އަޑު އަބަދުވެސް އިވެއެވެ. ނަމަވެސް، ވިހެއުމަށްފަހު ދިމާވާ ކަންކަމަކީ އެއަށްވުރެ ދަތި އުނދަގޫ ކަންކަމެވެ. އެގޮތުން ރޭގަނޑުގެ ނިދި ގެއްލުމާއި، އަމިއްލަ ހަށިގަނޑަށް އަޅައިލަން ޖެހޭ ވަރަށް އަޅައިނުލެވުން ހިމެނެއެވެ. އެހެނަސް، ވީ ވަރަކުން ވަގުތު ހޯދައިގެން، ކޮންމެ މަޔަކު ވެސް ބަލަން ވާނީ އަމިއްލަ ހަށިގަނޑަށް ފަރުވާ ބެހެއްޓޭތޯއެވެ.

އެގޮތުން ތިރީގައި މި އަލިއަޅުވައިލަނީ ވިހެއުމަށްފަހު ސިއްޙަތަށާއި ހަންގަނޑަށް އަންނަ ބަދަލުތަކަށް ފަރުވާ ހޯދުމުގެ ގޮތުން ސަމާލުކަން ދޭންވީ ކަންކަމަށެވެ. 

1. ސާފުތާހިރުކަން

ވިހެއުމަށްފަހު އަބަދުވެސް އުޅެން ޖެހޭނީ ކުޑަ ދަރިފުޅުގެ ކަންކަމުގައެވެ. އެގޮތުން ނެޕީ ބަދަލުކުރުމާއި، ގާތުން ދިނުމާއި، ދަރިފުޅު ފެންވަރުވައި ރީތި ކުރުވުމުގައި އުޅޭއިރު، އަމިއްލަ މީހާގެ ސާފުތާހިރުކަމަށް ފަރުވާ ކުޑަކޮށްލެވުމަކީ ވެދާނެ ކަމެކެވެ. ނަމަވެސް، އެއީ ރަނގަޅު ގޮތެއް ނޫނެވެ. ކޮންމެ ދުވަހަކުވެސް މަދުވެގެން އެއްފަހަރު ފެންވެރޭތޯ ބަލަން ވާނެއެވެ. އަދި ގޭތެރޭގައި ލައިގެން އުޅޭ އަންނައުނު ޤަވާއިދުން ބަދަލުކޮށް، ރީތިވެގެން ހުރުމުން މީހާއަށް ތާޒާކަން ލިބިގެންދާނެއެވެ.

2. ނަފްސާނީ ދުޅަހެޔޮކަމަށް ޔޯގާ އަދި ކަސްރަތު

ވިހެއުމަށްފަހު ހާސްވެ ސްޓްރެސް ވާނަމަ، އެކަމުން އަރައިގަތުމަށް އޮތް އެންމެ މޮޅު ގޮތަކީ ކަސްރަތުކުރުމެވެ. ދުވާލުގެ ކޮންމެވެސް އެއް ވަގުތެއް ހުސްކޮށްގެން މިކަން ކުރާށެވެ. 30 މިނިޓަށް ވެސް އެންމެ ރަނގަޅު ވާނެއެވެ.

3. ރަނގަޅު ކާނާ ކެއުން

އެއްބައި މައިންނަށް ވާ ގޮތަކީ، ދރިފުޅުގެ ކަންކަމުގައި އަބަދު އުޅެން ޖެހުމުން ލިބޭ ހާސްކަމާހެދި، ގިނައިން ކެވޭ ގޮތް ވުމެވެ. ނަމަވެސް، ބަނޑުބޮޑުވުމުން އިތުރުވި ބަރުދަން ލުއިކުރުމަކީ ވެސް ވަރަށް ބޮޑު އަޒުމަކަށް އޮންނަނީ ވެފައެވެ. އެހެންކަމުން، މި ދެ ކަންތަކާ ހަނގުރާމަކުރަން ޖެހުމުން ލިބޭ ހާސްކަން އޮންނަނީ ބޮޑުވެފައެވެ. ސަބަބަކީ، އެއްކޮޅުން ކެއުން ހުއްޓާނުލެވިގެން އުޅޭއިރު، އަނެއްކޮޅުން ބަރުދަނާމެދު ފިކުރު ކުރެވުމެވެ. މިކަމުގައި ހަދަން ޖެހޭނެ ގޮތަކީ، ދުޅަހެޔޮ ކާނާ ކެއުމަށް އިސްކަން ދިނުމެވެ. އަދި ޖަންކް ފުޑް ކެއުމުން ދުރުހެލިވެ، ރަނގަޅު ޑައިޓެއް މެއިންޓެއިން ކުރަން ވާނެއެވެ. މިގޮތުން، ޑައިޓްގައި ހިމަނަން ވާނީ ފައިބާ އިން މުއްސަނދި ވެފައިވާ ކާނާގެ ބާވަތްތަކާއި، މޭވާގެ އިތުރުން ފެހި ތަރުކާރީއެވެ. ނަމަވެސް، ދޭތެރެ ދޭތެރެއިން ހިތް އެދޭ ކަހަލަ އެއްޗެއް ކާލުމަކީ މައްސަލައެއް ނޫނެވެ.

4. ގިނަގިނައިން ފެންބުއިން

ކަމެއްގައި މާ ބުރަކޮށް އުޅޭއިރު، އެންމެ ފަސޭހައިން ހަނދާން ނައްތައިލެވޭ ކަމަކީ މިއެވެ. ނަމަވެސް ދުޅަހެޔޮ ސިއްހަތަކަށާއި އުޖާލާ ހަންގަނޑަކަށް އެންމެ މުހިއްމު އެކައްޗަކީ ވެސް ފެނެވެ. ހަމައެއާއެކު، ފެނަކީ ވިހެއުމަށްފަހު ފުރަމެޔަށް (ލިވާއަށް) ވަރަށް ފައިދާހުރި އެއްޗެކެވެ. ކޮންމެ ދުވަހަކުވެސް މަދުވެގެން 8 ތަށި ފެން ބޯން އާދަކުރަންވާނެއެވެ.

5. ވީހާވެސް ގިނައިން އަރާމުކުރުން

މިއީ ވިހެއުމަށްފަހު ކުރަން އެންމެ އުނދަގޫ ކަންތަކެވެ. ނުލާހިކު އަރާމުކޮށް ރޭގަނޑު ނިދާފައި އޮއްވައި ވެސް ކުޑަދަރިފުޅު ރޯން ފެށުމުން ޖެހޭނީ ހޭލާށެވެ. ނަތީޖާއެއްގެ ގޮތުން، މި ދުވަސްވަރު ގިނައިން ހުންނާނީ ނިދި ހަމަ ނުވެއެވެ. ނަމަވެސް، މުޅި ދުވަހު ވަރުބަލި ކަމުގައި އުޅުމަށްވުރެ، ގިނަ ގިނައިން އަރާމު ކުރެވޭތޯ ބަލަންވާނެއެވެ. އެގޮތުން ކުރެވިދާނެ އެއް ކަމަކީ، ދަރިފުޅު ނިދާ ކޮންމެ ގަޑިޔަކު މައިމީހާ ވެސް ނިދި ލިބޭތޯ ބެލުމެވެ. މިގޮތަށް ދުވާލު ގަޑީގައި ނެޕް ނަގައިގެން ނިދި ހަމަކުރެވިދާނެއެވެ. 

6. ޕޯސްޓްޕާޓަމް ޑިޕްރެޝަނަށް ސަމާލުވުން

ޕޯސްޓްޕާޓަމް ޑިޕްރެޝަނަކީ، ވިހެއުމާ ގުޅިގެން ދިމާވާ ޑިޕްރެޝަންގެ ބާވަތެކެވެ. މީގެ އަލާމަތްތަކުގެ ތެރޭގައި، އަބަދު ޑިޕްރެސްވެ މޫޑް ސްވިންގްސް އައުން، ކަމަކާ ނުލައި ވެސް ރޮވޭ ގޮތް ވުން، ދަރިފުޅާ ގުޅުން ބަދަހިކުރުމަށް އުނދަގޫވުން، އާއިލާއާއި ރައްޓެހިންނާ ދުރުވުން، އަބަދު ވަރުބަލިވެފައި ހުރުން، ރުޅިގަދަވެ ކުދި ކުދި ކަންކަމާ ފޫހިވުން އަދި މި ނޫނަސް އަލާމާތްތައް ހިމެނެއެވެ. މިކަންކަން ވިހެއުމަށްފަހު މާ ދުވަސް ވަންދެން ކުރިއަށްދާނަމަ އެއީ ޕޯސްޓްޕާޓަމް ޑިޕްރެޝަން ކަމަށް ބަލާށެވެ. އެހެންކަމުން ވީހާވެސް އަވަހަށް ނަފްސާނީ ޑޮކްޓަރެއްގެ އެހީ ހޯދަން ވާނެއެވެ. އަދި މިކަމާ ބެހޭގޮތުން ފިރިމިހާއާއާއި، ގާތް މީހުންނާ ވާހަކަދައްކައި، ޕޯސްޓްޕާޓަމް ޑިޕްރެޝަނަކީ ކޯއްޗެއް ކަން ކިޔައިދޭންވާނެއެވެ. ނޫންނަމަ، އެމީހުން ހީކުރާނީ ތިބާ އުޅެނީ ދަރިފުޅުގެ ޒިންމާތަކުން ރެކެން ކަމަށެވެ. ނަތީޖާއެއްގެ ގޮތުން، އެންމެ ކައިރީގައި އުޅޭ މީހުން އަބަދު ތިބާ ކުށްވެރިކޮށް ފާޑުކިޔައި ހެދުމުން ލިބޭނީ އިތުރު ހިތާމައެކެވެ