ބައިވެރިޔާ ދެކެ ކިތަންމެ ލޯބިވިޔަސް، އޭނާ ތިބާއާ މެދު ދެކެނީ ހަމަ އެހާ ލޯބިން ހެއްޔެވެ؟ ދެމީހުން ތި އުޅޭ ގުޅުމުގައި އެއްވެސް ކުރިމަގެއް އެބަ އޮތް ހެއްޔެވެ؟ މި ސުވާލުތައް މުހިއްމުވާ އެއް ސަބަބަކީ، ފޫހި ފިލުވައިލުމަށް ނުވަތަ "ޓައިމް ޕާސް"އަކަށް މީހުންނާ ރައްޓެހިވުމަކީ މިޒަމާނުގައި އާންމު ކަމަކަށް ވެފައި ވާތީއެވެ.
އެހެންކަމުން މިފަހަރު މި ކިޔައިދެނީ، ބައިވެރިޔާ ތިބާއާމެދު ސީރިއަސް ނޫން ކަން އަންގައިދޭ ބައެއް ނިޝާންތަކެވެ. އެއީ ފަހަރުގައި ތިބާއަކީ އޭނާގެ ދެވަނަ އިޚުތިޔާރަށް ވުމުން ކަމަށް ވެސް ވެދާނެއެވެ.
1. އާއިލާއާއި ރައްޓެހިންނާ ދިމާނުވުން
އާއިލާއާއި ރައްޓެހިންނަށް ލޯބިވެރިޔާ ތަޢާރަފް ކޮށްދިނުމަކީ ގިނަ ފަހަރަށް ސީރިއަސް ގުޅުމެއްގައި ފެންނާނެ ކަމެކެވެ. ނަމަވެސް ދުވަހަކުވެސް އޭނާގެ އާއިލާ މީހަކާ ނުވަތަ ގާތް ރައްޓެއްސަކާ ބައްދަލުކުރަން ނުގެންދާނަމަ، ނުވަތަ ތިބާ އެކަމަށް އެދުމުން ބަހަނާ ދައްކާނަމަ އޭގެ މާނައަކީ އޭނާއަށް ތިބާ އެހާ މުހިއްމު ނޫން ކަމެވެ. އަދި މާދަމާ ވެސް ދޫކޮށްފައި ގޮސްދާނެ ކަމެވެ.
2. އަބަދުވެސް ބިޒީ ވެފައި ހުރުން
ފޫހިފިލުވުމަށް ރައްޓެހިވެގެން އުޅޭ މީހަކަށް ތިބާ ފެންނާނީ އޭނާ ބޭނުންވާ ވަގުތުތަކުގައި އެކަންޏެވެ. އެހެން ހުރިހާ ވަގުތެއްގައި ގުޅައިލިޔަސް އަބަދުވެސް ބުނާނީ "ބިޒީ" ކަމަށެވެ. އަދި ތިބާއާ އެކީ ވަގުތު ހޭދަ ނުކުރަން އެތައް ބަހަނާއެއް ދައްކާނެއެވެ.
3. ކަމެއް ޖެހުމުން އަޅާނުލުން
ތިބާ ކަމަކު ބޭނުންވުމުން ނުވަތަ ހިތާމައެއް ކުރިމަތިވެގެން ދިޔަސް، އޭނާ ބަލާނީ އެކަމަކުން ރެކެވޭތޯއެވެ. ހަގީގީ ލޯބިވާ މީހަކު އެފަދަ ވަގުތެއްގައި ދުރަށް ނުދާނެކަން ހަނދާން ކުރާށެވެ.
4. މުސްތަގުބަލާ ބެހޭގޮތުން ވާހަކަ ނުދެއްކުން
ކައިވެނީގެ ވާހަކަ ފެށުމުން ވާހަކަ އޮޅުވާލައި، މުސްތަގުބަލާ ބެހޭ އެއްވެސް ވާހަކައެއް ދައްކަން ތައްޔާރު ނޫންނަމަ، އޭގެ މާނައަކީ އޭނާއަށް ތިއީ މާ މުހިއްމު މީހެއް ނޫން ކަމެވެ. އަދި ކުރިމަގުގައި އޭނާގެ ދިރިއުޅުމުގައި ތިބާއަށް އެއްވެސް ޖާގައެއް ނެތް ކަމެވެ.
5. ތަންތަނަށް ދާން ކިޔާފައި ފަހު ވަގުތު ކެންސަލް ކުރުން
ދެމީހުން އެކުގައި ތަނަކަށް ދާން ރާވާފައި، ތައްޔާރުވެގެން ގުޅުމުން ކޮންމެވެސް ބަހަނާއެއް ދައްކާފައި ނުދެވޭނެ ކަމަށް ބުނުމަކީ ވަރަށް ކަމުނުދާ މީހުން ކުރާ ކަމެކެވެ. އަދި އެކަން ތަކުރާރު ވާނަމަ އޭގެ މާނައަކީ ތިބާއަށްވުރެ މުހިއްމު މީހެއް ނުވަތަ ކަމެއް އޭނާގެ ދިރިއުޅުމުގައި ހުންނަ ކަމެވެ.
ހިޔާލު
ފޮނުއްވާ ޚިޔާލުތައް ޝާއިޢުކުރެވޭނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭތޯ ބެލުމަށް ފަހު ކަމުގައި ދަންނަވަން