ދަރިން ތަރުބިއްޔަތު ކުރުމަކީ ވަރަށް ބޮޑު ޒިންމާއެކެވެ. ދަރިފުޅު ކުޑައިރު މައިންބަފައިން އެކުއްޖާއާ މެދު އަމަލު ކުރާ ގޮތަކުން، އެކުއްޖާގެ މުސްތަޤުބަލަށް އޭގެން އަސަރު ކުރާ ކަމަކީ ފެންނަން ހުރި ކަމެކެވެ. ހަމަ އެގޮތަށް، ބުނެވޭ ބަހެއްގެ ސަބަބުންވެސް ކުއްޖާގެ ހިތް މަރައިލާ، އަމިއްލަ ނަފްސާމެދު އޮންނަ އިތުބާރު ފަނޑު ކޮށްލައެވެ.

އެހެންކަމުން، ކުޑަކުދިންނާ ވާހަކަ ދައްކަން ޖެހޭނީ ވަކި އުސޫލުތަކަކުންނެވެ. އެގޮތުން، ދަރިފުޅާ ދިމާލަށް އެއްގޮތަކަށްވެސް ބުނެގެން ނުވާނެ ބަސްތައް ހުރެއެވެ. މިފަހަރު މި ބަލައިލަނީ އެފަދަ ކަންކަމަށެވެ.

1. "ތި ކިޔޭ އެއްޗެއް ދަރިފުޅަކަށް ނޭނގޭ" 

ބޮޑުވަމުން އަންނަ ވަރަކަށް، ކުދިން ދައްކާނީ ވެސް ބޮޑެތި ވާހަކައެވެ. އަދި ހިތުގައި އުފެދޭ ސުވާލުތައް މައިންބަފައިން ކައިރިން އޮޅުންފިލުވައި، ރަނގަޅު ގޮތް ހޯދަން އުޅޭއިރު، އެކުދިންނަށް އެކަމުގައި އެއްބާރުލުން ދޭންވާނެއެވެ. އޭގެ ބަދަލުގައި ދަރިފުޅު ތި ދައްކަނީ ނުވެސް އެނގޭ ވާހަކައެއް ނޫންހޭ ކިޔައި، އޭނާގެ އަނގަ ބަންދުކޮށްލުމުން، ދެވަނަ ފަހަރަށް އެގޮތަށް ސުވާލު ކުރަން ޖެހިލުންވާނެއެވެ. 

2. "ތި އެއްޗެހި ކެއީމަ ފަލަވާނެ"

ދަރިފުޅު މާ ގިނައިން ޖަންކް ފުޑް ފަދަ ހަށިގަނޑަށް ނުރަނގަޅު އެއްޗެހި ކާން އުޅޭނަމަ، އޭގެން ލިބޭ ސިއްޙީ ގެއްލުންތައް ރަނގަޅަށް ކިޔައިދޭށެވެ. އޭގެ ބަދަލުގައި، "ހިކި" "ފަލަ" މި ބަސްތައް ބޭނުންކުރުން ހުއްޓައިލާށެވެ. އެހެން ނޫނީ، އެކުދިންނަށް އަމިއްލަ ހަށިގަނޑާ ދޭތެރޭ އޮންނަ އިތުބާރު ކުޑަވެ، ބޮޑުވަމުން އަންނަ ވަރަކަށް އަމިއްލަ މީހާގެ ސިފަދެކެ ފޫހިވާން ފަށާނެއެވެ.  

3. "އަބަދު ނުރޮއެބަލަ"

އެއްބައި ކުދިންނަކީ ވަރަށް އަވަހަށް ހިތުގައި ޖެހި ރޮވޭ ކުދިންނެވެ. އެކަހަލަ ކުއްޖަކާ ދިމާލަށް ނުރޯށޭ ބުނުމުގެ ބަދަލުގައި، އޭނާ ދެރަވީ ކިހިނެއްވެގެންތޯ އޮޅުންފިލުވައި، އޭނާގެ ހިމާޔަތުގައި އަބަދުވެސް ހުރިކަން ދައްކާށެވެ. 

4. ފިރިހެން ކުދިން/ އަންހެން ކުދިން ތިހެން ނޫޅޭނެ

ފިރިހެން ކުއްޖަކު ރޯން ފަށާއިރަށް ގިނަ ބެލެނިވެރިންނަށް ބުނެވޭ ޖުމްލައަކީ "ފިރިހެން ކުދިންނެއް ނުރޯނެ" މިހެންނެވެ. ހަމަ މިގޮތަށް އަންހެން ކުއްޖަކު މާ ހަރަކާތްތެރިކޮށް، އަޑުގަދަކޮށް އުޅޭނަމަ "ތިއީ ފިރިހެން ކުދިން އުޅޭ ގޮތޭ" ބުނެވެއެވެ. ނަމަވެސް ކުޑަކުދިން ދިމާލަށް އެފަދަ އެއްޗެހި ބުނުމަކީ، އެކުދިންގެ ނަފްސާނީ ދުޅހަޔޮ ކަމަށް އަސަރު ކުރާ ކަމެކެވެ. 

5. "ތިއީ ކުޑަ ކުއްޖެއް، އަހަރެން މިއީ ބޮޑު މީހާ، އެހެންވީމަ އަހަރެންގެ ބަސް އަހަން ޖެހޭނެ"

މިގޮތަށް ބުނާނަމަ، އެކުދިންނަށް ހީވާނީ ބޮޑެތި މީހުން ކުރާ ކޮންމެ ކަމަކީ ރަނގަޅު ކަމެއް ކަމަށެވެ. އަދި ކުޑަކުދިންނަކީ އެއްވެސް އެއްޗެއް ނުވިސްނޭ ބައެއް ކަމަށް ދެކި، އެކުދިންގެ ޙިޔާލުތައް ފާޅުކުރަން ފަސްޖެހޭނެއެވެ. 

6. "ކީއްވެތަ ދައްތަހެން/ބޭބެހެން ނޫޅެނީ"

ކޮންމެ ކުއްޖަކީ ތަފާތު ކުއްޖެކެވެ. އެހެންކަމުން، އެއް ކުއްޖަކު އަނެއް ކުއްޖަކާ އަޅައިކިޔައި ފާޑުކިޔުމަކީ ބެލެނިވެރިންނަށް ހެދޭ ވަރަށް ބޮޑު ގޯހެކެވެ.

7. "ތިޔެއް ނުގަނެވޭނެ"

ދަރިފުޅު ބޭނުންވާ އެއްޗެއް ގަންނާނެހާ މާލީ ތަނަވަސްކަން އެވަގުތަކު ނެތް ނަމަ، ސީދާ އޭތި ނުގަނެވޭނެ ކަމަށް ބުނުމުގެ ބަދަލުގައި، ނުގަނެވޭ ސަބަބު ބުނާށެވެ. މިސާލަކަށް، މިވަގަތު ގަނެވެން ނެތީ މުހިއްމު އެހެން އެއްޗެހި ގަންނަން ހުރުމުން ކަމަށާއި، ނުވަތަ ދަރިފުޅު ބޭނުންވާ އެތި ގަންނަން ފައިސާ އެއްކޮށްފައި ފަހުން ގަންދޭނެ ކަމަށް ބުނުމުން އޭނާ މާ ހިތްހަމަޖެހޭނެއެވެ