ރޭގަނޑުގެ ނިންޖަކީ ހަށިގަނޑަށް ވަރަށް މުހިންމު އެއްޗެކެވެ. އަދި މުޅި ދުވަހު ހެލިފެލިވެ އުޅުމަށް ވެސް، ނިދި ވަރަށް ބޭނުންވެއެވެ. ކިތައްމެ ކުޑަ ކަމެއް ކުރިޔަސް، ސިކުނޑިއަށް އަރާމު ނުލިބޭނަމަ އެކަމަކަށް ސަމާލުކަމެއް ނުދެވޭނެއެވެ.

ނަމަވެސް އަރާމު ނިންޖެއް ހޯދަން އެއްބައި މީހުންނަށް ވަރަށް އުނދަގުލެވެ. ރޭގަނޑު ކިތަންމެ އަވަހަކަށް ނިދަން އޮށޯތަސް، ނިދެނީ އެހާމެ ހާލުންނެވެ. މިއީ އެކި ސަބަބުތަކާހެދި ދިމާވާ ކަމެކެވެ. އޭގެތެރޭގައި މިކަންކަން ހިމެނެއެވެ:

1. ކޮޓަރީގެ ފިނިހޫނުމިން: ފަސޭހައިން ނިދޭނީ ހަށިގަނޑަށް ފިނިކަން ލިބުމުން. ހޫނުގަދަ ކޮޓަރިއެއްގައި ނިދަން ވަރަށް އުނދަގޫވާނެ. އެހެނަސް މާ ފިނިގަދަވިޔަސް ކަމަކު ނުދާނެ. 

2. ނިދުމުގެ ކުރިން ކަސްރަތުކުރުން: މިއީ ރަނގަޅު ކަމެއް ނޫން. ހާއްސަކޮށް ކާޑިއޯ ކަސްރަތުތައް ކުރުމުން، ހިތުގެ ހިނގުން އަވަސްވެ، ހަށިގަނޑުގެ ފިނިހޫނުމިން ވެސް އުފުލިގެންދޭ. ނަމަވެސް ކަސްރަތެއްގެ ގޮތުގައި ނިދަން ދިއުމުގެ ކުރިން ކުޑަކޮށް ހިނގައިލުން ރަނގަޅުވާނެ.

3. ސްޓްރެސް ވުން: މިއީ ނިދަން އުނދަގޫވުމުގެ އެންމެ އާންމު ސަބަބު. ނިދަން އޮންނައިރު ސިކުނޑީގައި ފިކުރުތައް ހުންނަނަމަ، ސިކުނޑިއަށް އަރާމެއް ނުލިބޭނެ. އެހެންކަމުން، މިކަން ހައްލުކުރުމަށް ނިދަން ދިޔުމުގެ ކުރިން ތިމާ ސްޓްރެސްވާ ހުރިހާ ކަމެއް ފޮތެއްގައި ނޯޓުކޮށްލާ. އަދި ހަމަ އޭގެ ކައިރީގައި، ތިމާ ޝުކުރުވެރިވާ ކަންކަން ވެސް ލިޔެލާ. އޭރުން ފިކުރުތަކަށް ކޮންމެވެސް ވަރެއްގެ ލުޔެއް ލިބިގެންދާނެ.

4. ކޮފީ ބުއިން: ނިދަން ދިޔުމުގެ ކުރިން ކޮފީ ބުޔުމަކީ ބުއްދިވެރިކަމެއް ނޫން. އެންމެ ރަނގަޅީ ހަވީރުގެ ފަހުން ކޮފީ ނުބުއިން. 

5. ކައިރީގައި އޮންނަ މީހާގެ ސަބަބުން: ބައިވެރިއަކާއެކު ނިދާނަމަ، އަދި އޭނާއަކީ ގުގުރިދަމާ މީހެއް ނަމަ ތިމާއަށް ނިދަން އުނދަގޫ ވެދާނެ. އެހެންކަމުން އެކަމުން ސަލާމަތްވުމަށް ކަންފަތުގައި އިއާޕްލަގް ޖަހައިގެން ނިދާ. 

7. ކޮޓަރި އަލިގަދަވުން: ނިދަން އެންމެ އަރާމު ވާނީ އަނދިރި ތަނެއްގައި. އަދި ހާއްސަކޮށް، އަލީގައި ނިދަން އުނދަގޫވާ މީހުންނަށް ކިތައްމެ ކުޑަކުޑަ އައްޔެއްގެ ސަބަބުން ވެސް ނުނިދިދާނެ.

8. ނިދުމުގެ ކުރިން ކެވޭ އެއްޗެއްގެ ސަބަބުން ވެސް ނިދަން އުނދަގޫ ވެދާނެ. ނިދަން އޮށޯތުމުގެ ކުރިން ލުއި އެއްޗެއް ކާން ބޭނުންވާނަމަ، ޕްރޮޓީން އެކުލެވޭ އެއްޗެއް ކައިލާ. މިސާލަކަށް އާމަންޑު.