އެމީހުންނާއި އެކު އުޅެނީ ހުސް އޭގެ މީހުންނެވެ. މިއީ އަހަރެމެން ވަރަށް ގިނައިން ކިޔާ އުޅޭ އިބާރާތްކޮޅެކެވެ. ނުސީދާކޮށް ބުނެވެނީ ލަނޑަޔާ ވާނީ ލަނޑައޭ ބުނާ އަދަބީބަހެވެ. ތެދެކެވެ! އެމީހުންނާއި އެކު އުޅޭނީ ހަމަ އޭގެ މީހުންނެވެ! ދުނިޔެ ދައްކާ ހަގީގަތަކީވެސް މިއީއެވެ.

މީހެއްގެ ގޮތެއް އެހެން މީހަކަަށް ނޭނގޭނެއެވެ! ނަމަވެސް އެހެންމީހުންގެ ގޮތް މީޒާން ކުރަން، މި ދުނިޔޭގައި ބަލާ ކަންތައްތަކެއް ހުރެއެވެ. އެއީ އިންސާނީ ޠަބީއަތުން އިންސާނާގެ ބުއްދި އެކަންކަމުގެ މައްޗަށް އިސްކޮށް ގެންނަ ހުލާސާ ނަޒަރިއްޔާއެކެވެ. މިކަން މިމަގުން މީޒާން ކުރުމަށް ކޮންމެ މީހެއްގެވެސް އެކުވެރިން އަދާކުރަނީ ވަރަށް ބޮޑު ދައުރެކެވެ. 

ތިމާގެ އެކުވެރިންނީ ވިޔާނުދާ ބަޔަކު ކަމުގައި ވާނަމަ، ތިމާވެސް އޮންނާނީ އެ އެކުވެރިންގެ އެ ވިޔާނުދާކަމުގެ ލިސްޓުގައި ޖެހިފައެވެ. އެއީ އަދި ތިމާ އެ މީހުންނާ އެއްވަރަށް ވިޔާނުދާ މީހެއް ކަމުގައި ނުވި ނަމަވެސް މެއެވެ. ވިޔާނުދާ ބަޔަކާއި އެކު އުޅެން، ވިޔާދާ މީހަކަށް އުނދަގޫވާނެއެވެ. އެހެންކަމުން އެމީހެއްގެ އުޅުންވެސް ގިނަފަހަރަށް ބަދަލުވާނީ ވިޔާނުދާ އުޅުމަކަށެވެ. މިކަން ރައްދުވަނީ އަހިވަކާޖެހި އަހިވަކެއް ފާވާނޭ ބުނާ އަދަބީބަހާއެވެ.

އެހެންމީހުންގެ ކުރިމަތީގައި ތިމާގެ އަގު ވެއްޓި، ތިމާއަށް އެހެންމީހުން ކުރާ އިހްތިރާމު ކުޑަވެ، ތިމާގެ ގަދަރު ކުޑަވެގެންދަނީވެސް ތިމާގެ އެކުވެރިންގެ ސަބަބުންނެވެ. މާތުރަ ތިމާގެ އަގު އުފުލި، ތިމާއަށް ކުރާ އިހްތިރާމު ބޮޑުވެ ތިމާގެ ގަދަރު އުފުލިގެން ދަނީވެސް ހަމަ ތިމާގެ އެކުވެރިންގެ ސަބަބުންނެވެ. އެހެންކަމުން ތިމާއީ އާންމުންގެ ކުރިމައްޗަށް ނުކުމެ، ހަރުދަނާ ޝަހުސިއްޔަތަކަށް ވާން އެދޭ މީހެއްނަމަ، ތިމާގެ އެކުވެރިންނާއިމެދު ސަމާލުވާށެވެ. އެކުވެރިންގެ ގޮތުގައު ގާތްކުރާ މީހުންނާއިމެދު ފަރުވާތެރިވާށެވެ. އާއްމުން ތިބާ އާއި މެދު ދެކޭނީ، ތިބާ ގާތްކޮށް ގެންގުޅޭ އެކުވެރިންނާއިމެދުވެސް ދެކޭ ނަޒަރަކުންނެވެ. އެހެންކަމުން އެ އެކުވެރިންނީ ހެޔޮ، ލަފާދާރު ބަޔަކަށް ހަދާށެވެ. އެއީ ވިޔާނުދާ ބަޔަކު ކަމުގައި ވަނީނަމަ، ތިބާގެ ހަރުދަނާކަން ބަލައިގަންނާނޭ މީހަކު ނުހުންނާނެއެވެ.

އާދޭހެވެ! އެމީހުންނާއި އެކު އުޅެނީ ހުސް އޭގެ މީހުންނެވެ! އެމީހުން ލޭބަލްކުރީ އޭގެ މީހުންގެ ގޮތުގައެވެ! މިކަން ހިނގަނީ އިންސާނީ ފިތުރަތާއި ޠަބީއަތުގެ މަގުންނެވެ. އެހެންކަމުން އަބަދުވެސް ވިޔާދާ އެކުވެރިން އިހްތިޔާރުކުރަން ސަމާލުކަން ދޭންވާނެއެވެ. އެއްގޮތަކަށްވެސް ވިޔާނުދާ މީހުން، ތިމާ އާއި ގާތްކޮށްގެން ނޫޅޭށެވެ. އެހާރުން ތިމާވެސް އެ ވިޔާނުދާކަމުގައި ޖެހި ފާވެގެން ހިނގައިދާނެއެވެ!