ދަރިއެއް ބެލުމުގެ ޒިންމާއަކީ ނުހަނު ބޮޑު ޒިންމާއެކެވެ. ދަރިފުޅަށް ގަޑިންގަޑިއަށް ކާންދީ، އަންނައުނާއި ކުޅޭއެއްޗެހި ގަނެދީ، ސްކޫލަށް ގެންދިޔުމަކީ އެ ޒިންމާގެ ވަރަށް ވެސް ކުޑަ މިންވަރެކެވެ. އެ ދަރިފުޅު ބޮޑުވެގެން ހެޔޮލަފާ ކާމިޔާބު މީހަކަށް ވަނީ، މައިންބަފައިން ކުޑައިރު ދޭ ތަރުބިއްޔަތުންނެވެ.

ދަރިން ތަރުބިއްޔަތު ކުރުމުގައި އެކި މައިންބަފައިން އެކި ގޮތްތައް ގެންގުޅޭއިރު، ކޮންމެހެން އުނިވެގެން ނުވާނެ ކަންތައްތަކެއް ވެއެވެ. އެއީ ދަރިފުޅުގެ ގައިގައި އެންމެ ކުޑައިރުން ފެށިގެން އަށަގަންނުވަން ޖެހޭ މުހިންމު ސިފަތަކެވެ. މިފަހަރު މި އަލިއަޅުވައިލަނީ އޭގެތެރެއިން ބައެއް މުހިންމު ސިފަތަކަށެވެ. 

ވިސްނުންތެރިކަން

މިތަނުގައި ވިސްނުންތެރިކަމޭ މި ބުނަނީ، ކަންކަމުގައި ޑީލްކުރާއިރު، ދެން ތިބޭ މީހުންގެ ނަޒަރުން ވިސްނުމުގެ ވާހަކައެވެ. އެގޮތުން ހަމްދަރުދީގެ ސިފައަކީ މިކަމަށް ވަރަށް މުހިންމު ސިފައެކެވެ. އެހެން މީހުންގެ ހާލަތަށް ވިސްނައި، ހަމްދަރުދީވާން ދަސްކޮށްދޭން ޖެހެއެވެ. މިއީ ކުއްޖާގެ ވިސްނުންތެރިކަން އިތުރުވެގެންދާ ކަމެކެވެ. 

ބަލި ގަބޫލުކުރުން

ދިރިއުޅުމުގައި ތިމާ ބޭނުންވާ ގޮތަށް ހުރިހާ ކަމެއް ކޮންމެ ފަހަރަކު ނުވާނެކަން، އެންމެ ކުޑައިރުން ފެށިގެން ދަރިފުޅަށް ކިޔައިދޭން ޖެހެއެވެ. އަދި ބަލި ގަބޫލު ކުރުމުގެ ރީތި އާދަ ދަސްކޮށްދޭން ވާނެއެވެ. އޭގެ ބަދަލުގައި ދަރިފުޅު ބޭނުންވާ ގޮތަށް ކަމެއް ނުވުމުން ބޮޑާހާކައި، ރުޅިވެރިކަން ދެއްކުމަކީ ވަރަށް ގޯސް ސިފައެއްކަން ވިސްނައިދޭނެ ޖެހެއެވެ. އެހެން ނޫންނަމަ ދަރިފުޅު ބޮޑުވުމުން، ބަލި ގަބޫލުކުރަން އުނދަގޫވެ، މީހާ ނަފްސާނީ ގޮތުން ބަލިކަށިކޮށްލުމުގެ ފުރުސަތު ބޮޑެވެ.

ޒިންމާނެގުން

ދަރިފުޅަށް ކުރެވޭ ކަންކަމުގެ ޒިންމާ ނަގައި، އޭގެން ކުރާ އަސަރުތަކަށް ކުރިމަތިލާން ދަސްކޮށްދޭން ވާނެއެވެ. މިސާލަކަށް ދަރިފުޅުގެ އަތުން އެއްޗެއް ހަލާކުވުމުން، އެކަން އެހެން މީހެއްގެ ބޮލަށް ނުޖަހައި، އެކަމަށް އެއްބަސްވުމުގެ އާދަ ދަސްކޮށްދިނުމަކީ މި ސިފަ އަށަގެންނެވުމަށް ކުރެވިދާނެ ވަރަށް ކުޑަކުޑަ ކަމެކެވެ. ހަމަ އެގޮތަށް، ކުއްޖާގެ އުމުރާ އެއްވަރަށް އަމިއްލަ ނިންމުންތައް ނިންމުމުގެ ޒިންމާ އެކުއްޖާގެ އަތްމައްޗަށް ދޫކޮށްލުމުން، ބޮޑުވެގެން ޒިންމާދާރު މީހަކަށް ވުމަށް ބާރަކަށް ވެއެވެ. 

އިހުތިރާމް ކުރުން

އެހެން މީހުންގެ ނަސްލާއި ނަސަބަކަށް ބެލުމެއް ނެތި އެންމެންނަށް ވެސް އިހުތިރާމްކޮށް، ރީތި ބަހުން ވާހަކަދައްކަން ދަސްކޮށްދޭން ވާނެއެވެ. އަދި ތަފާތުކުރުމަކީ ކޮބައިކަމާއި، ނާއިންސާފުން އެއްވެސް ކުއްޖަކާ މެދު ކަންކަން ވާނަމަ އެކަމާ ދެކޮޅަށް ބަސްބުނުމަށް ވެސް ދަސްކޮށްދޭން ވާނެއެވެ.

މައްސަލަ ހައްލުކުރުން

ޕްރޮބްލަމް ސޯލްވިންގ ނުވަތަ މައްސަލަ ހައްލުކުރުމުގެ ސިފަ، ކުއްޖާގެ އުމުރާ އެއްގޮތަށް ދަސްކޮށްދޭށެވެ. އޭގެތެރޭގައި، ކަންކަމުގައި ސުވާލުކޮށް، ކަންކަން ދެނެގަންނަން ދަރިފުޅަށް ބާރުއަޅަން ވާނެއެވެ. އޭރުން މައްސަލައެއް ކުރިމަތިވުމުން، އެކަމަށް އެންމެ އެކަށީގެންވާ ހައްލަކީ ކޮބައިކަން އެނގޭވަރަށް ކުއްޖާގެ ސިކުނޑި ހުޅުވިގެންދާނެއެވެ. 

އަމިއްލަ ނަފްސަށް އިތުބާރުކުރުން

މި ސިފަ އަށަގެންނެވުމަށް، ކުއްޖާ ކުރާ ރަނގަޅު ކަންކަމާއި ހޯދާ ކާމިޔާބީތައް ފާހަގަކޮށް އެކަމަށް ތަޢުރީފުކުރާށެވެ. ނަމަވެސް އަމިއްލަ ނަފްސަށް އިތުބާރު ކުރުމާއި، ބޮޑާވުމުގެ ތަފާތު ކުއްޖާއަށް އެނގޭވަރު ކުރަން ވާނެއެވެ.