ދިރިއުޅުމަކީ ހަނގުރާމަައެކެވެ. މިހަނގުރާމައިގައި ހިތްދަތިކަމާއި ދަތި އުނދަގޫ އެތައް ކަމަކާއި ކުރިމަތިލާން ޖެހެއެވެ. ހަޔާތުގެ ކަންކަން ތިބާ ބޭނުންވާ ގޮތް ނޫން އެހެން ގޮތް ގޮތަށް ދިމާވާފަހަރުވެސް އަންނާނެއެވެ. ކަން ކުރަން ރާވައި، އަޒުމު ކަނޑައަޅައިފައިވާ ގޮތާއި ހިލާފުވާ ފަހަރުވެސް އަންނާނެއެވެ. ކޮންމެ ބޭފުޅެއްވެސް ކައިވެނި ކުރާނީ އުމުރު ދުވަހު އެއްކޮން އުޅުމުގެއުންމީދުގައެވެ. ނަމަވެސް ބައެއް ފަހަރު ކިތަންމެ އުންމީދު ކުރިކަމުގައި ވިޔަސް ކައިވެނި ރޫޅި ދެމީހުން ވަކިވާން ޖެހޭ ފަހަރު އާދެއެވެ. ދެފަރާތުުން ކިތަންމެ މަސައްކަަތް ކުރިނަމަވެސް އެކީގައިނޫޅެވޭ ފަހަރު އާދެއެވެ. މި ހާލަތުގައި ދެމީހުން އެެއްކޮން ދަރިން ތިބޭނަމަ އިތުރަށް ވިސްނައި ފިކުރު ކުރަން ޖެހެއެވެ. 

ދަރިންނަކީ އަމާނާތެކެވެ. އެންމެ ފަހު ވަގުތާ ޖެހެންދެންވެސް އެދަރިންގެ ހައްގުތައް ހޯދައިދޭން މަސައްކަތް ކުރުމަކީ ކޮންމެ މަޔަކު ބަފަޔަކުވެސް ކުރަން މަޖުބޫރު ކަމެކެވެ. ދެމަފިރިން ވަކިވިކަމުގައި ވިޔަސްވެސް ދަރިންނަށް މަންމައާއި ބައްޕަގެ ލޯބި ލިބެންޖެހެއެވެ. އެކުދިން ހެޔޮ ގޮތުގައި ބޮޑު ކުރުން އެެއީ މަންމަ އަދި ބައްޕަ، ދެމީހުންގެ ޒިންމާއެކެވެ. ނަމަވެސް ބައެއް ފަހަރުވަރިވާ ފަހުން ކަންކަން މިހެންވާ ތަނެއް ނުފެނެއެވެ. ފެންނަނީ ވަރިވީ ދެމީހުންގެ މެދުގައި އޮންނަ ރުޅިވެރިކަމާއި ހަސަދަވެރި ކަމުގައި ދަރިން ހަލާކުވާ ތަނެވެ. އެކަކު އަނެކަކަށް އުނދަގޫކޮށް، ޖެއްސުން ކުރުމަށް ދަރިން ބޭނުން ކުރާތަނެވެ. މަންމަ ކައިރީގައި ހުންނަ ކުއްޖާ ބައްޕައަށް ނުދައްކާ، އަދި ބައްޕަ ކައިރީ ހުންނަ ކުއްޖާ މަންމައަށް ނުދައްކާ ގެންގުޅޭތަންވެސް ނުހަނުގިނައިން ފެނެއެވެ. ހިތާމައަކީ މީގެ ހުރިހާ ދެރައެއް ދަރިންނަށް ލިބޭކަމެވެ. އެއްވެސް ކުއްޖަކު އެކުއްޖެގެ މަޔަކު ބަފަޔަކަށް ނުދައްކާ، ދުރުކުރުވައިގެން ގެންގުޅުމަކީ އެކުއްޖާއަށް ދެވޭއަނިޔާއެކެވެ. ދެމީހުންގެ މެދުގައި އޮންނަ ރުޅިވެރިކަމުން ދަރިންނަށް އަސަރު ކުރިޔަ ދީގެން ނުވާނެއެވެ. 

އާދެ، މައިންބަފައިން ވަކިވުމުން ދަރިންނަށް އޭގެ އަސަރު ކުރާނެއެވެ. ނަމަވެސް އެކުރާ އަސަރު ކުރަނީ ކިހާ މިންވަރަކަށްތޯ އެއީ މައިން ބަފައިންގެ އަތްމަތީގައި އޮތް ކަމެކެވެ. ދެމަފިރިންއެކީގައި ނޫޅުނު ކަމުގައި ވިޔަސްވެސް ދަރިންނަށް މަންމައާއި ބައްޕަ ދެމީހުންގެ ލޯބި ލިބި، ދެމީހުންނާއި އެކީގައި ވެސް އެކަށީގެންވާ ވަރަށް ވަގުތު ހޭދަ ކުރަން ލިބޭނަމަ ދަރިންނަށްވަރިވުމުގެ ސަބަބުން ކުރާ އަސަރު ކުޑަވެއެވެ. ކުރީގެ ބައިވެރިޔާ ދެކެ ތިބާ ކިތަންމެ ނަފްރަތު ކުރިނަމަވެސް، އޭނާ ވާނީ ހަމަ އެދަރިފުޅުގެ މަންމަ ނުވަތަ ބައްޕައަށެވެ. އަދި އެއީ އެ ދަރިފުޅުގެ ދިރިއުޅުމާއި ހެދި ބޮޑުވުމަށް އެއްވަރެއްގެ މުހިންމު ދެމީހުންނެވެ. 

ދެމީހުންގެ މެދުގައި އަމިއްލަ ކިތަންމެ މައްސަލައެއް ހުރިކަމުގައިވިޔަސް ކުދިންގެ ކުރިމަތީގައި ވީހައިވެސް އެމައްސަލަތައް ނުދައްކާ، ކުދިންގެ ކަންކަމުގައި ވީހާވެސް ގުޅިގެން އުޅެވޭތޯމަސައްކަތް ކުރާށެވެ. ކުއްޖާއަށް މުހިންމު ދުވަސް ތަކުގައި ދެމީހުންވެސް ބައިވެރިވާށެވެ. ބައެއް ފަހަރު ކުރީގެ ބައިވެރިޔާ އާއި ކިތަންމެ އެއްތަން ވާން ބޭނުން ނުވި ކަމުގައިވިޔަސް ކުއްޖާ އަށްޓަކައި އެ ގުރުބާނީ ވާންޖެހެއެވެ. އަދި އޭގެ ސަބަބުން ކުދިންނަށް އެތައް ފައިދާއެއް ކުރެއެވެ. އެއްވެސް ކުއްޖަކު އެކުއްޖެއްގެ މައިންބަފައިންގެ މެދުގައި އޮންނަ ރުޅިވެރިކަން ދެކޭކަށް ބޭނުމެއް ނުވާނެއެވެ. އެހެން ކަމުން އެކަކު އަނެކަކުގެ ގޯސް ވާހަކަ ދަރިން ކައިރީގައި އަދި ދަރިންނަށް އިވޭ ގޮތަށްވެސް ނުދައްކާށެވެ. ދަރިންގެ ހިތުގައި ހަސަދަވެރިކަމާއި ރުޅިވެރިކަން އުފެއްދުން އެއީ ދަރިންނަށް އެންމެ ރަނގަޅު ގޮތެއް ނޫނެވެ.

މުޖުތަމައުގައި އަޅުގަނޑު މެންނަށް ވަރި ވުމުގެ ސަބަބުން ހަލާކުވެދާ ކިތައް ކުދިން ފެނޭތޯއެވެ؟ ދެމަފިރިން ވަކިވުމުގެ ސަބަބުން ޑިޕްރެޝަން ފަދަ ނަފްސާނީ ބަލިތަކާއި ކުރިމަތިލަމުންއަންނަ ކިތައް ކުދިން އުޅޭތޯއެވެ؟ މިއީ މައިންބަފައިން ރަނގަޅު ފިޔަވަޅުތައް އަޅައިގެން ކުއްޖާގެ ދުޅަހެޔޮކަން އިސްކޮށްފިނަމަ ދުރު ކުރެވޭނެ ކަންކަމެވެ. ކައިވެނި ރޫޅުނު ކަމުގައިވިޔަސްވެސް ދަރިންގެ ކަންކަމުގައި ދެ ފަރާތުންވެސް ބައިވެރިވެ، ދަރިންނަށް ދަރިން މުހިންމުކަން އިހުސާސް ކޮށްދެއްވާށެވެ.