ބޭކިންގް ސޮޑާ އަކީ ކޮންމެ ގެޔެއްގައިވެސް އާންމުކޮށް ގެންގުޅޭ ރައްކާތެރި އަދި އަގުހެޔޮ އެއްޗެކެވެ. އާންމުކޮށް ބޭކިންގް ސޮޑާ  ކޭކު އަދި ކުކީސް ފަދަ ތަކެތި ހަދަން ބޭނުން ކުރި ކަމުގައިވިޔަސް، ބޭކިން ސޮޑާ ގޭތެރޭގައި ބޭނުން ކުރެވޭނެ ބައިވަރު ގޮތްތައް ހުރެއެވެ. ބޭކިންގް ސޮޑާ އަކީ ތަންތަން ސާފު ކުރުމަށާއި ނުބައި ވަސްތައް ފިލުވައިލުމަށް ދެވަނައެއް ނެތްވަރުއެއްޗެކެވެ.

އަންނައުނު ދޮންނަ އިރު ބޭކިންގް ސޮޑާ ބޭނުން ކުރެވޭ ކަމަކީ ގިނަ މީހުންނަށް ނޭންގި އޮތް ކަމަކަށް ވެދާނެއެވެ. ނަމަވެސް އެއްޗެހި ދޮންނަ އިރު ބޭކިންގް ސޮޑާ އެޅުމުން ހެދުންތަކުގައިހުންނަ ނުބައި ވަހާއި، ލައްތައް ފިލުވާލަދެއެވެ. އަދި މީގެ އިތުރުން ކިލާވެފައިވާ އަންނައުނުގެ ކުލަވެސް އަލިވާނެއެވެ. ބޭކިންގް ސޮޑާގެ އެންމެ ރަނގަޅު އެއް ކަމަކީ އެއީ ކާންވެސް ބޭނުންކުރެވޭހާ ހަށިގަނޑަށް ރައްކާތެރި އެއްޗަކަށް ވުމެވެ. އެހެންކަމުން އެއްޗެހި ދޮންނަން އަދި އެހެން ކަންކަމަށް ބޭނުން ކުރާ އިރުގައި ބާރުގަދަ ކެމިކަލްތައް ހުރެދާނެކަމުގެ ބިރެއް ނޯވެއެވެ.

އެއްޗެހި ދޮންނަ އިރު ބޭކިން ސޮޑާ ބޭނުން ކުރާ ގޮތް:

1. 4 ޖޯޑު ތާފަނާ ފެނަށް 1 ޖޯޑު ބޭކިންގް ސޮޑާ ގިރުވާލާނީއެވެ.
2. ދޮންނަ މެޝިނުގެ މެދަކާއި ހަމަޔަށް ފެން އެޅުމުން ހުޅުވޭ ކަހަލަ މެޝިނެއް ނަމަ، އެވަރަށް ފެން އެޅުމުން ބޭކިންގް ސޮޑާ ގިރުވާފައި ހުރި ފެން ކޮޅު އަޅާލާނީއެވެ. ފެން އެޅެން ފެށުމަށްފަހުގައި ނުހުޅުވޭ ކަހަލަ މެޝިނެއް ނަމަ، ހެދުންތައް އެޅުމަށްފަހުގައި ބޭކިންގް ސޮޑާ ގިރުވާފައި ހުރި ފެންކޮޅު އަޅާލާނީއެވެ.
3.އާންމުކޮށް ބޭނުން ކުރާ ޑިޓަރޖެންޓް އަޅާލާފައި ދޮންނަން ޖައްސާލާނީއެވެ.

 

ތެލުން ޖެހޭ ލައްތައް ފިލުވަން ބޭކިންގް ސޮޑާ ބޭނުން ކުރާނެ ގޮތް:

1. ލައް ޖެހިފައިން ފުށް ނޫން އަނެއް ފުށުން ލަކާއި ދިމާލުގައި ފެން ކޮޅެއް ލާނީއެވެ.
2. ލައް ފޮރުވޭ ވަރަށް ބޭކިންގް ސޮޑާ ލަކުގެ މައްޗަށް އަޅާލާނީއެވެ.
3. ތަށި ދޮންނަން ބޭނުން ކުރާ ސައިބޯނިން ކުޑަ އެތިކޮޅެއް ލާފައި އަތުން ނުވަތަ މަޑު ބުރުހަކުން އުނގުޅާލާނީއެވެ.
4. 15 މިނެޓު ވަންދެން ބައިންދާލާފައި އާންމުކޮށް ދޮންނަހެން މެޝިނަށް ލާފައި ދޮވެލާނީއެވެ.
5. އެއް ފަހަރުން ނުފިލައިފި ނަމަ އަނެއްކާވެސް ހަމަ މިހެން ހަދާމުން ގެންދާށެވެ.

 

ކުލަ އަލި އަދި ހުދު އަންނައުނުގެ ކުލަ އިތުރަށް އަލި ކުރުމަށް ބޭކިންގް ސޮޑާ ބޭނުން ކުރާނެ ގޮތް:

1. 2 ޖޯޑު ތާފަނާ ފެނަށް 1/2 ޖޯޑު ބޭކިންގް ސޮޑާ ގިރުވާލާނީއެވެ.
2. މެޝިނަށް އަންނައުނުތައް އެޅުމަށް ފަހުގައި އޭގެ މައްޗަށް ބޭކިންގް ސޮޑާ ގިރުވާފައި ހުރި ފެން ކޮޅު އާޅާލާނީއެވެ.
3. އާންމުކޮށް ބޭނުން ކުރާ  ޑިޓަރޖެންޓް އަޅާލާފައި ދޮންނަން ޖައްސާލާނީއެވެ.

 

ބޭކިންގް ސޮޑާ ޑިޓަރޖެންޓާއި އެކީގައި ދޮންނަ މެޝިނަށް އަޅާއިރު ބޭކިންގް ސޮޑާކޮޅު ހުރީ ރަނގަޅަށް ގިރިފަތޯ ބަލަންވާނެއެވެ. އަދި ބޭކިންގް ސޮޑާ ބޭނުން ކުރަން އޮންނަ ވަރަށް ވުރެއްއިތުރަށް ބޭނުން ނުކުރުމަށް ވެސް ސަމާލުވާން ވާނެއެވެ. އެއްޗެހި ދޮންނައިރު ބޭކިންގް ސޮޑާ ބޭނުން ކުރުމުން ހާއްސަކޮށް ދުންވަސް އަދި ކާއެއްޗެހީގެވެސް ފިލައިގެން ދާނެއެވެ. މީގެކުރީގައި ބޭކިންގް ސޮޑާ އަޅައިގެން އެއްޗެހި ނުދޮންނަ ނަމަ އަވަހަށް ބޭކިންގް ސޮޑާ އަޅައިގެން ދޮންނަން ފަށާށެވެ!