'ސްޓްރެސް'، މި ބަހަކީ ހަފްތާއެއްގެ މަތިން އެތައް ފަހަރަކު އަހަރެމެން އަޑު އަހާ، އަދި ބޭނުން ކުރާ ބަހެކެވެ. 'ސްޓްރެސް' އަކީ ކަންކަމާއި ގުޅިގެން ޕްރެޝަރު ވުމުންނާއި ބޯހާސް ވުމުން ކުރެވޭއުނދަގޫ އިހުސާސެކެވެ. 'ސްޓްރެސް' ވުމަކީ ދިރިއުޅުމުގެ ކޮންމެވެސް ހިސާބެެއްގައި ހުރިހާ އެންމެނަށްވެސް އިހުސާސް ކުރެވޭ ކަމެކެވެ. އަދި ބައެއް މީހުންނަށް އަނެއްބައި މީހުންނަށްވުރެއް ގިނައިން އިހުސާސް ކުރެވޭ ކަމެކެވެ. މާ ބޮޑަށް 'ސްޓްރެސް' ވުމުގެ ސަބަބުން ހަށިގަނޑަށް ކުރާ އެތައް ނޭދެވޭ އަހަސަރެއް ހުރެއެވެ. އެހެން ކަމުން 'ސްޓްރެސް' ވާން ފެށުމުން ވީހާވެސް އެއާ ދުރުވެ، އެކަން ފިލުވާލަން މަސައްކަތް ކުރަން ޖެހެއެވެ.
'ސްޓްރެސް' ބޮޑުވާން ފެށީމަ ފެންނަ ބައިވަރު އަލާމާތްތައް ހުރެއެވެ. މާ ބޮޑަށް ހާސްވެ، ކަންތަކާ ވިސްނި، ހަނދާން ބަލިވެ، ރުޅި ގަދަވެ، ބޮލުގައި ރިއްސުން އަދި ނިދަން އުނދަގޫވުން އެއީ 'ސްޓްރެސް' ބޮޑުވުމުން ދިމާވެދާނެ ބައެއް ކަންކަމެވެ. އަދި މީގެ އިތުރުން އަވަހަށް ވަރުބަލިވެ، މޫނުގައި ބިހި ނެގުން އަދި ބޮލުން އިސްތަށި ފޭބުން ކަހަލަ ކަންކަންވެސް ދިމާވެދާނެއެވެ. މާބޮޑަށް ކަންކަމާއި 'ސްޓްރެސް'ވާ ނަމަ ގާތް މީހަކާއި 'ސްޓްރެސް'ވާ ކަންކަން ހިއްސާ ކޮއްލުމުން ލުޔެއް ލިބޭނެއެވެ. އަދި އެކަނިވެސް ކުރެވިދާނެ ބައިވަރު ކަންތައް ހުރެއެވެ.
އާންމުކޮށް ގިނަ މީހުން 'ސްޓްރެސް' ފިލުވަން ގެންގުޅެނީ ނުރަނގަޅު އާދަތަކެވެ. 'ސްޓްރެސް' ފިލުވުމުގެ ނަމުގައި ސިނގިރޭޓު ބުއިމާއި، ބަލާ ނުލާ ކެއުމާއި، ބޯން އެކަށީގެން ނުވާ ވަރަށް ކޮފީބުއިން ކަހަލަ ކަންކަން ކޮށް އުޅެއެވެ. މިކަހަލަ ނުރަނގަޅު އާދަތަކުގެ ސަބަބުން މީހާގެ 'ސްޓްރެސް' އަކަށް އެއްވެސް ބަދަލެއް ނާންނާނެއެވެ. 'ސްޓްރެސް' ފިލުވާލަން ކުރަންވީ ހަށިގަނޑަށްގެންލުން ނުވާ ފަދަ ކަންކަމެވެ. މިސާލަކަށް ހިނގާލަން ދިޔުން، ލަވަޔެއް އަޑުއަހާލުން، ރަނގަޅަށް ނިދާލުން ނުވަތަ މަޖާ އެއްޗެެއް ބަލާލުން ކަހަލަ ކަން ކަމެވެ.
މާބޮޑަށް 'ސްޓްރެސް' ވާން ފެށުމުގެ ކުރިން 'ސްޓްރެސް'އާ ދުރުހެލިވާން މަސައްކަތް ކުރުން މުހިންމު ކަމަށް ތީރު މީޑިއާއިން ދެކެމެވެ. ސަބަބަކީ 'ސްޓްރެސް' ބޮޑުވުމުގެ ސަބަބުން ލިބޭނަފްސާނީ ގެއްލުންތަކުން ދުރާލާ ސަލާމަތް ވުމަށެވެ. 'ސްޓްރެސް' އަކީ އަޅާ ނުލައި ބަހައްޓައިފި ނަމަ ބޮޑުވަރުވެގެން އެންޒައިޓީ އަދި ޑިޕްރެޝަންއަށް މަގުފަހިވާ އެއްޗެކެވެ. ދިރިއުޅުމުގެވައްޓަފާޅި ބަހައްޓާ ގޮތުން ކަންކަމާއި 'ސްޓްރެސް' ވާ ވަރު ކުޑަ ކުރެވޭނެއެވެ. ހަށިގަނޑަށް ފައިދާ ލިބޭ ރަނގަޅު ކާނާ ކައި، ގަވާއިދުން ކަސްރަތުކޮށް، ނިދި ހަމަވާ ވަރަށް ނިދުން ފަދަކަންކަމަކީ ސިކުނޑީގެ އޮވަރ ރޯލް 'ސްޓްރެސް' ލެވެލް ކުޑަކޮށްދޭ ކަންކަމެވެ. ނަމަވެސް އެއީ އެންމެ ދުވަހަކުން ނުވަތަ ދެދުވަހަކު ކޮއްގެނެއް ނޫނެއެވެ. އެއީ އާންމުކޮށް ދިރިއުޅުމުގެ ވައްޓަފާޅިބަހައްޓާ ގޮތް ކަމުގައިވާ ނަމައެވެ.
'ސްޓްރެސް'އާ ކުރިމަތި ލާން ނުޖެހޭ ދިރިއުޅުމެއް ކޮންމެ މީހެއްވެސް ބޭނުން ވާނެކަން ޝައްކެއްނެތެވެ. އަދި މިއީ ނުވާނެ ކަމެއް ވެސް ނޫނެވެ. މިކަން ހާސިލް ކުރުމަށް ޖެހެނީ ނުރަނގަޅުއާދަތައް ދޫކޮށްލާފައި އަމިއްލަ ނަފްސަށް އަޅާލާށެވެ. އަދި ލިޔުމުގައި ފާހަގަ ކޮށްފައިވާ ގޮތަށް 'ސްޓްރެސް'ވާ ކަންކަމާ ދިމާވުމުން ބޮޑުވަރު ނުވަނީސް 'ސްޓްރެސް' ފިލުވާލަން މަސައްކަތްކުރުމުން “ސްޓްރެސްޑް ލައިފް”އެއް އުޅެން ޖެހުމުގެ ފުރުސަތު ކުޑަވެއެވެ.
ހިޔާލު
ފޮނުއްވާ ޚިޔާލުތައް ޝާއިޢުކުރެވޭނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭތޯ ބެލުމަށް ފަހު ކަމުގައި ދަންނަވަން