ކޮންމެ ބެލެނިވެރިއެއް ވެސް ބޭނުންވާނީ އެމީހެއްގެ ދަރިފުޅަކީ ކާމިޔާބު މީހަކަށް ހެދުމެވެ. އަދި މިކަން ޙާސިލްކުރުމަށްޓަކައި ކުޑައިރުންސުރެ ރަނގަޅު އާދަތައް ދަސްކޮށްދޭން ގިނަ މަސައްކަތްތަކެއް ކުރާނެއެވެ.

ދިރާސާތަކުން ދައްކާ ގޮތުގައި، އެންމެ ކުޑައިރުން ފެށިގެން ފޮތް ކިޔުމުގެ އާދަ އަށަގަންނަ ކުދިން، ބޮޑުވެގެން ވިސްނުންތޫނު ކާމިޔާބު ބަޔަކަށް ވުމުގެ ފުރުސަތު ވަރަށް ބޮޑެވެ. މިފަހަރު މި އަލިއަޅުވައިލަނީ، ކުޑަކުދިންގެ ކިބައިގައި ފޮތް ކިޔުމުގައި އާދަ އަށަގެންނެވުމަށް، މައިންބަފައިންނަށް ކުރެވިދާނެ ކަންތައްތަކަށެވެ. 

ހިތްވަރުދިނުން:

އެންމެ ފުރަތަމަ ކަމަކަށް، ފޮތް ކިޔުމަށް ކުދިންނަށް ހިތްވަރު ދޭނެ މީހަކު ބޭނުންވެއެވެ. އޭގެ މާނައަކީ، ކުއްޖާގެ ކައިރީގައި ހުރެގެން އަބަދާއި އަބަދު ފޮތް ކިޔުމަށް ބުނުމަށް ނޫނެވެ. ހިތްވަރުދޭން ވާނީ، ކުއްޖާގެ އުމުރާ ގުޅޭ ކަހަލަ ފޮތްތައް ހޯދައި، އޭނާ ޝައުގުވެރިވާނެ ގޮތަކަށެވެ. 

މިސާލު ދެއްކުން:

ކުޑަކުދިންނަކީ މައިންބަފައިން ކުރާ ކަންކަން ނަކަލު ކުރާ ހިތްވާ ބައެކެވެ. އެހެންކަމުން، މައިންބަފައިން ވާންޖެހޭނީ ދަރިފުޅުގެ ކުރިމަތީގައި ނަމޫނާ އަކަށެވެ. މިސާލަކަށް މަންމަ ނުވަތަ ބައްޕަ ގޭތެރޭގައި ފޮތް ކިޔަން އިންނަ މަންޒަރު ގިނައިން ފެންނަ ނަމަ، ތުއްތު ދަރިފުޅު ވެސް އެކަން އެގޮތަށް ކުރާނެއެވެ. މިހެން ގޮސް، ކުއްޖާގެ ޝައުގުވެރިކަން އެކަމަށް ވަރަށް ފަސޭހައިން ލެނބިދާނެއެވެ. 

އެކީގައި ފޮތްކިޔުން:

ދަރިފުޅަށް ފޮތް ކިޔަން ހަވާލުކޮށްފައި އެކަނި ބޭނދުމުން ގިނަ ފަހަރަށް އެކުއްޖާއަށް އިޙުސާސް ވާނީ އަދަބެއް ދީފައި އިންނަ ހެނެވެ. ޚާއްސަކޮށް، ފޮތް ކިޔުމުގެ އާދަ އަށަގަންނަވަން އުޅޭ ފުރަތަމަ ދުވަސްކޮޅު އެކަން އޮންނާނީ އެގޮތަށެވެ. އޭގެ ބަދަލުގައި، ދަރިފުޅާއެކު މަންމަ ނުވަތަ ބައްޕަ އިނދެގެން ފޮތް ކިޔައިދޭ ނަމަ، އެކަން މަޖާ ކަމަކަށް ވެގެންދާނެއެވެ. އަދި މައިންބަފައިންނާއެކީ ހޭދަކުރަން ލިބޭ އެ ވަގުތުކޮޅަށް ކުއްޖާ އަބަދުވެސް ބަލަމުން ދާނެއެވެ. މިގޮތަށް ފޮތް ކިޔައިދޭއިރު، ކުއްޖާއަށް ނޭނގޭ ބަސް ބަސް ކިޔައިދީ، މަޢުލޫމާތު މުއްސަނދިކުރަން މަސައްކަތް ކުރެވިދާނެއެވެ. 

ލައިބްރެރީއަށާއި ފޮތް ފިހާރަތަކަށް ގެންދިޔުން:

ދަރިފުޅުގެ ފޫހިފިލުވައިދޭން ބޭރަށް ދާ ކޮންމެ ފަހަރަކު ޕާކަށް، ނުވަތަ ރެސްޓޯރެންޓަކަށް ދިޔުމުގެ ބަދަލުގައި، ހަފްތާއަކު އެއްފަހަރު ނަމަވެސް ލައިބްރެރީއަށް ގެންދާށެވެ. އެތަނުން އެހެން ކުދިންނާ ދިމާވެ، ފޮތް ކިޔުމަކީ ވެސް ފޫހިފިލުވުމަށް ކުރެވިދާނެ ކަމެއް ކަން ކުއްޖާއަށް ވިސްނޭނެއެވެ. އަދި ކުޅޭ އެއްޗެހި ގަންނަން ދާ ބީދައިން ދޭތެރެދޭތެރެއިން، ދަރިފުޅު ބޭނުންވާ ކަހަލަ ފޮތެއް ގަންނަން އޭނާ ގޮވައިގެން ދާށެވެ. 

ފޮތާ ބެހޭ ގޮތުން ވާހަކަ ދެއްކުން

ކުއްޖާ އޭރެއްގައި ކިޔަން ގެންގުޅޭ ފޮތާ ބެހޭގޮތުން ސުވާލުކޮށް، ވާހަކަ ދައްކާށެވެ. މިހެން ވާހަކަ ދެއްކުމުން، ކުއްޖާގެ ސިކުނޑި ހުޅުވި، ކުރިން ނޭނގޭ ކަންކަން އެނގިގެން ދާނެއެވެ. އަދި އޭނާއަށް ފޮތް ފަހުމު ވީ ވަރު ބެލެނިވެރިޔާއަށް އެނގިގެންދާނެއެވެ. 

ކާމިޔާބީ ފާހަގަކުރުން

ދަރިފުޅު ފޮތެއް ކިޔާ ނިންމާލުމުން، ނުވަތަ މުޅިން އާ ލެވެލް އެއްގެ ފޮތެއް ކިޔަން ފެށުމުން، އެ ކާމިޔާބީ ފާހަގަކުރަން ވާނެއެވެ. އޭރުން އޭނާއަށް އިތުރު ހިތްވަރެއް ލިބި، ފޮތް ކިޔުމުގެ އަޒުމު ވަރުގަދަ ވެގެންދާނެއެވެ.

ފޮތް ކިޔާ މާހައުލެއް ބިނާކުރުން

ފޮތް ކިޔުމަށްޓަކައި ގޭތެރޭގެ ވަކި ޙާއްސަ ތަންކޮޅެއް ހަދާށެވެ. އެތާނގައި ކުޑަ ނަމަވެސް ފޮތް ހަރުގަނޑެއް ބަހައްޓައި، ކުއްޖާ ޝައުގުވެރިވާނެ ކަހަލަ ފޮތްތައް ވައްދާފައި ބަހައްޓާށެވެ. އަދި ފޮތް ކިޔަން އިށީނދެވޭ އަރާމު ގޮނޑިއެއް ނުވަތަ މެޓެއް ބަހައްޓަން ވާނެއެވެ. މި "ބުކް ކޯނާ" ފަރުމާ ކޮށްފައި ހުންނަން ވާނީ ކުޑަކުދިންގެ ޝައުގުވެރިކަން ދަމައިގަންނާނެ ގޮތަކަށެވެ.

ސްކްރީން ޓައިމް މަދުކުރުން

ދަރިފުޅު ސްކްރީން (ޓީވީ، ފޯނު، ޓެބު) ބޭނުންކުރާ ވަރު ލިމިޓް ކޮށްފައި ބާއްވާށެވެ. އޭރުން ހުސް ވަގުތުގައި ފޮތްކިޔުން ފަދަ ފައިދާ ހުރި ކަންކަން ކުރަން ފުރުސަތު ލިބޭނެއެވެ.