އަވަސް ދުވެލީގައި ބަދަލުވަމުން މި ދާ ދުނިޔޭގައި، އެންމެންވެސް އުޅެނީ ވަރަށް ހައްސާސް ދިރިއުޅުމެއްގައެވެ. އަބަދުވެސް ކޮންމެވެސް ކަމެއް ނުވެގެން، އެކަމާ ވިސްނާ ފިކުރު ކުރުމުގައި އުމުރުގެ ބޮޑުބައި ހޭދަކުރެއެވެ. ނަމަވެސް، އެ ހާސްކަމުގެ ތެރެއިން ނުކުމެ، ނަފްސާނީ ގޮތުން ސިކުނޑި "ރިފްރެޝް" ކޮށްލުމުން، ދިރިއުޅުމުގައި ނުވެފައި ހުންނަ ކަންކަމަކުން މާ ބޮޑު އަސަރެއް މީހާގެ މުޅި ހަޔާތަކަށް ނުކުރާނެއެވެ.

ނަފްސާނީ ގޮތުން ދުޅަހެޔޮކަން ހޯދުމަށް، ދިރިއުޅުމުގެ ވައްޓަފާޅިއަށް ބަދަލު ގެންނަން ޖެހެއެވެ. ހެނދުނު ހޭލާ ގޮތަކުން ވެސް މީހާގެ މުޅި ދުވަސް ރަނގަޅަށް ގޮސްފާނެއެވެ. ނުވަތަ އޭގެ އިދިކޮޅަށް ވެސް ގޮސްފާނެއެވެ. އެހެންކަމުން، ހޭލެވޭ ވަގުތުން ފެށިގެން، ދުވަހުގެ ބާކީ ބައި ރަނގަޅަށް ދޭތޯ މަސައްކަތް ކުރުން މުޙިއްމެވެ.

ފުރަތަމަ ކަމަކީ ހެނދުނު ހޭލާ ގަޑިއެވެ. އަވަހަށް ނިދާ ހޭލާ މީހުން، ލަހުން ހޭލާ މީހުންނަށްވުރެ ދިރިއުޅުމުގައި ކާމިޔާބު ކަމަށް ދިރާސާތަކުން ސާބިތުކޮށްދެއެވެ. ހެނދުނު ވަޒީފާއަށް ދާން އޮންނަ މީހުން، ވަގުތު އޮއްވައި ހޭލުމުން، ހަމަޖެހިލައިގެން ތައްޔާރުވެ ސައިބޮއެގެން ދެވޭއިރު، މިއީ މުޅި ދުވަހުގެ މޫޑު ރަނގަޅު ކޮށްދޭނެ މުޙިއްމު ކަމެކެވެ. ވަޒީފާއަށް ދާން ނެތަސް، ހެނދުނާ ހޭލުމުގެ އާދައަކީ ކޮންމެ މީހެއްގެ ކިބައިގައި ހުންނަން ޖެހޭ އާދައެކެވެ. 

ހެނދުނުގެ ނާސްތާއަކީ އަނެއް މުޙިއްމު ކަންތަކެވެ. މިއީ ދުވަހުގެ އެންމެ މުޙިއްމު މީލް ވެސް މެއެވެ. އެހެންކަމުން ނާސްތާއަށް ކާންވާނީ ފައިދާހުރި ކާނާއެވެ. ބައެއް މީހުން ފުރަތަމަ ހޭލައިގެން ގަދަޔަށް ކެއުމުގެ ބަދަލުގައި، ބަނޑު ހަމައަކަށް އަޅުވައިލަން ތާފަނާ ފެން ބޮއެ އުޅެއެވެ. ފެނުގެ ތެރެއަށް އެކި ކަހަލަ ފައިދާހުރި ބާވަތްތައް އަޅާ އުޅޭ މީހުން ވެސް ގިނައެވެ. މިއީ ބަރުދަން ލުއިކުރާ މީހުންނަށް ވެސް ރަނގަޅު ފަރުވާއެކެވެ. މީގެ އިތުރުން، ދުވަހުގެ ބާކީ އޮތް ބަޔަށް ވާވަރަށް ހަށިގަނޑާއި ސިކުނޑިއަށް ހަކަތަ ހޯދުމަށް، ޕްރޮޓީން އާއި ފައިބަރ އެކުލެވޭ ކާނާ އިސްކުރާށެވެ. 

ހެނދުނު ގަޑީގައި ދޭ އަތްވަކީ، ހަށިގަނޑަށް ފައިދާހުރި އެއްޗެކެވެ. ހޭލައިގެން، އަވީގައި ޖެހިލުމުން މީހާގެ މޫޑާއި ހަކަތައަށް ރަނގަޅު އަސަރުތަކެއް ކުރުވައެވެ. ގާތްގަނޑަކަށް 10 ނުވަތަ 15 މިނެޓު އަވީގައި މަޑުކޮށްލުމުން، ސިކުނޑި ތާޒާވެ ނަފްސާނީ ދުޅަހެޔޮކަމަށް ބާރު ލިބެއެވެ. 

ނިދާ ހޭލާ ގޮތަށް ފޯނުގެ ސްކްރީނަށް ގެއްލުމުގެ ބަދަލުގައި، ހެނދުނު ގަޑިއަކީ ސްކްރީނާ އެއްކޮށް ދުރުވާ ގަޑިއަކަށް ހަދާށެވެ. އަދި އެ ވަގުތަކީ އަމިއްލަ މީހާއަށް ދޭ ވަގުތަކަށް ހަދައި، ދުނިޔޭގައި ހިނގާ އެހެން ކަންކަމާ ދުރުވެލާށެވެ. އެ ދުވަހެއްގައި ކުރަން ހުރި ކަންކަމަށް ވިސްނާ، އެކަންކަން ކުރާނެ އެންމެ އެދެވޭ ގޮތްތައް ސިކުނޑީގައި ރާވާލާށެވެ. ސިކުނޑީގައި ހުންނަ ހިޔާލުތައް ތަރުތީބު ކޮށްލުމުން، ދިރިއުޅުމުގެ އެހެން ކަންކަން ތަރުތީބު ވެގެން ދާނެއެވެ. 

ކަސްރަތު ކުރަން އެންމެ މުނާސަބު އެއް ވަގުތަކީ ވެސް ހެނދުނެވެ. ދުވުމާއި ހިނގުން ފަދަ ކަސްރަތުތަކަކީ ހެނދުނު ގަޑިއާ ރައްޓެހި ކަސްރަތެވެ. މިކަމުގެ ސަބަބުން މީހާގެ ސިކުނޑި ތާޒާވުމުގެ އިތުރުން ކަންނެތް ކަމާ ދުރުވެ، ދުވަހަށް ވާވަރަށް ހަކަތަ ވެސް ލިބޭނެއެވެ.

މަތީގައިވާ ކަންކަން ކުރަން ފަށައި، ވަކި ދުވަހެއް ވަންދެން އަޖުމަ ބަލައިލާށެވެ. ކޮންމެވެސް އެއް ގޮތަކުން ދިރިއުޅުމަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމާމެދު ޝައްކެއް ނެތެވެ.