ކުޑަކުދިންނަކީ ވަރަށް ނާޒުކު ބައެކެވެ. އެމީހުންގެ ވަށައިގެންވާ ކަންކަން ވަރަށް ފަސޭހައިން ނަގައިގަނެ، އޭގެ ސަބަބުން ސިކުނޑިއަށް އަސަރުކުރާ މިންވަރު ވެސް އަވަހެވެ. އެހެންކަމުން، އެކުދިން ހެދިބޮޑުވާ މާޙައުލަކީ، އުމުރާ ގުޅޭ، ރައްކާތެރި މާޙައުލަކަށްވުން ވަރަށް މުޙިއްމެވެ.

ދަރިންނަށް ކަންކަން އަންގައިދިނުމުގައި ވަކި މިންގަނޑެއް ހިފަހައްޓަން ޖެހެނީ އެހެންވެގެންނެވެ. ކުދިންގެ އުމުރާ ގުޅޭގޮތަށް ކަންކަން ހިއްސާކޮށް، ތެދުދޮގު އޮޅުންފިލުވައިދިނުމަކީ އޮންނަ ކަމަކަށް ވިޔަސް، އެއްވެސް ގޮތަކަށް ދަރިންނާ ހިއްސާކޮށްގެން ނުވާނެ ބައެއް ކަންތައްތައް ވެއެވެ. އޭގެތެރޭގައި:

ކައިވެނީގެ މައްސަލަތައް

ދެމަފިރިން އިނދެގެން އުޅޭއިރު، ދެބަސްވުންތަކާއި އަރައިރުންވުން ހިނގާނެއެވެ. ނަމަވެސް މިގޮތަށް ހިނގާ މައްސަލަތަކުގައި، ދަރިން އޭގެތެރެއަށް ވެއްދުމަކީ ވަރަށް ނުރަނގަޅު ސިފައެވެ. ކައިވެނީގައި ޖެހޭ މައްސަލަތައް ކުރިއަށް ގެންދަން ވާނީ ވީހާ ވެސް ދަރިންނާ ދުރުގައެވެ. އެކުދިން ތިބޭ ތަންތާނގައި މަންމައާއި ބައްޕަ ޒުވާބުކުރާ ތަން ފެނިގެން ނުވާނެއެވެ. 

ތިމާގެ މީހުންގެ ގޯސް ވާހަކަ

އާއިލާ މީހުން ގޯސްކޮށްފައި ކުދިންގެ ކުރިމަތީގައި ވާހަކަ ދައްކައިގެން ނުވާނެއެވެ. މިސާލަކަށް ކުއްޖާގެ މަންމައާއި އާއިލާގެ އެހެން މީހަކާ މައްސަލައެއް ޖެހިފައި އޮތަސް، އެ މީހެއްގެ ނުބައި ވާހަކަ ދަރިންގެ ކުރިމަތީގައި ދެއްކުމަކީ، އެކުދިންގެ ސިކުނޑީގައި އެތަކެއް ސުވާލުތަކެއް އުފެދޭނެ ކަމެކެވެ. އަދި ގުޅުން ބާއްވާފައި ނުބާއްވަންވީ ކާކާ ކަން އޮޅި، އާއިލާ ބައިބައިވެގެން ދިޔުމަށް މަގުފަހިވެއެވެ. ތިމާގެ މީހަކާ މެދު ނުރުހޭ ކަމުގައި ވާ ނަމަ، އެ މީހަކާ ދަރިންނާ ދުރުކުރެވިދާނެ އިތުރު ގޮތް ގޮތް ވެސް ހުންނާނެއެވެ. 

މާމަ އާއި ކާފަގެ ގޯސް ވާހަކަ

ގިނަ އާއިލާތަކުގައި، މާމަ އާއި ކާފަ އަކީ ކުދިން ދެކެ ވަރަށް ލޯބިވާ ބައެކެވެ. ނަމަވެސް، ކުދިންގެ މައިންބަފައިންނާ އެމީހުންނާ ޖެހޭ މައްސަލައެއްގައި އެކަން ހަނދާން ނެތި، ކުދިންގެ ކުރިމަތީގައި ކާފަ އާއި މާމަ ގޯސްކޮށްފައި ވާހަކަ ދައްކާތަން އާދެއެވެ. އާންމުކޮށް މިހެން ވަނީ، މައިދައިތަ ނުވަތަ ބަފާބެ އާ ހިނގާ ދެބަސްވުންތަކުގައެވެ. ޚާއްސަކޮށް އެއްކޮޅުގެ މާމަމެން މޮޅުކޮށްފައި، އަނެއްކޮޅުގެ މާމަމެން ގޯސްކޮށްފައި ވާހަކަ ދައްކައިގެން ނުވާނެއެވެ. ކަންބޮޑުވާންޖެހޭ ސަބަބެއް ނެތި، ދަރިންނާއި އެކުދިންގެ ކާފަ އާއި މާމަމެނާ އޮންނަ ގުޅުމަށް ހުރަސްއަޅައިގެން ނުވާނެއެވެ. 

ސިފައާ ބެހޭގޮތުން ބުނާ ބަދު ބަސް

ކުއްޖާގެ ސިފަ، ނުވަތަ އެހެން މީހެއްގެ ސިފައަށް ކޮމެންޓު ކުރަމުން، "ހަޑި"، "ފަލަ"، "ކަޅު"، މިފަދަ މަލާމާތުގެ ބަސްތައް އެއްވެސް ގޮތަކަށް ބޭނުންކޮށްގެން ނުވާނެއެވެ. އޭގެ ބަދަލުގައި، ކުއްޖާއަށް ދަސްކޮށްދޭން ވާނީ ކޮންމެ މީހެއް ވެސް އެމީހެއްގެ ސިފައިގައި ބަލައިގަތުމެވެ. އަދި ހުރިހާ އިންސާނުން ވެސް ހެއްދެވީ އެއް ފަރާތުން ކަން ހަނދާންކޮށްދީ، މީހުންގެ ސިފައަށް ކުރާ މަލާމާތަކީ އެ ފަރާތަށް ކުރެވޭ މަލާމާތެއް ކަން ބުނެދޭން ވާނެއެވެ. 

މުސްތަޤުބަލާ މެދު އޮންނަ ކަންބޮޑުވުން

ކޮންމެ މީހަކީ ވެސް އެ މީހެއްގެ މުސްތަޤުބަލާމެދު ވިސްނާނެ މީހެކެވެ. މާދަން ވާނެ ގޮތެއް އެކަކަށް ވެސް ނޭނގޭނެއެވެ. މިކަން ދަރިފުޅަށް ކިޔައިދިނަސް، އަބަދާއި އަބަދު އޭނާގެ ކުރިމަތީގައި މުސްތަޤުބަލާމެދު ކަންބޮޑުވެ އެވާހަކަ ދައްކާނަމަ، އޭނާގެ ހިތުގައި ވެސް ހާސްކަން އުފެދޭނެއެވެ. އަދި ޅައުމުރުގެ ދުވަސްތައް އޭގެ ގޮތުގައި ހޭދަކުރުމަށް ހުރަސް އެޅޭނެއެވެ. މީގެ ބަދަލުގައި، މުސްތަޤުބަލަށް ތައްޔާރުވެ ހުރުމަށް ހަނދާންކޮށްދީ، މުސްތަޤުބަލު އުޖާލާ ކުރުމަށް ކުރެވިދާނެ ކަންކަން ކިޔައިދިނުމަށް އިސްކަންދޭށެވެ. 

މަންމަ ބައްޕައާ އަޅާކިޔައި ޝަކުވާ ކުރުން

ދަރިންގެ ކުރިމަތީގައި، ދެން ހުންނަ ބެލެނިވެރިޔާ (މަންމަ ނުވަތަ ބައްޕަ) ގެ ޝަކުވާ ނުކުރާށެވެ. މިސާލަކަށް "މަންމަ އެވެނި ކަމެއް ކޮށްދެމެއް ނޫންހޭ އެކަމަކު ބައްޕަ އެއްވެސް ކަމެއް ނުކޮށްދެޔޭ"، މި ބީދައިން އަޅާކިޔައި ނުހަދާށެވެ. ކުއްޖާގެ ހިތުގައި މަންމަ ނުވަތަ ބައްޕައާ މެދު ނަފްރަތު އުފެއްދުމަކީ، އޭގެ ސަބަބުން އެތަކެއް ނޭދެވޭ އަސަރުތައް ކުރާނެ ކަމެކެވެ. ކުރިން ވެސް ބުނި ހެން، ދެމަފިރިންގެ ދެމެދުގައި ހިނގާ ޒުވާބުތައް ބާއްވަން ވާނީ ދެމަފިރިންގެ ދެމެދުގައެވެ.