އަތުގައި ގެންގުޅޭ ފޯނާ އެއްވަރަށް މީހާ ތަހުޒީބު ވާންޖެހޭ ވާހަކަ އަޑު އަހަން ހެއްޔެވެ؟ މީހަކު މީހަކަށް ވަނީ އޭނާ ގެންގުޅޭ އަދަބުތަކުގެ ސަބަބުންނެވެ. މަގުމަތީގައި ހިނގާއިރު ގެންގުޅެންޖެހޭ އަދަބުތަކުން ފެށިގެން، ކާމޭޒުމަތީގައި ގެންގުޅެން ޖެހޭ އަދަބުތަކެއް ވެސް ވެއެވެ.

ޚާއްސަކޮށް، އިތުރު ބަޔަކާ އެކީ އެއް ސުފުރާ ހިއްސާކޮށް ކާ ނަމަ، މި އަދަބުތައް ހުރުން ވަރަށް މުޙިއްމެވެ. 

އަނގަ ލައްޕައިގެން ކެއުން

ބައެއް މީހުން އަނގަ ފުރާ ކާ އެއްޗެހި އަޅައިގެން، އަނގަ ހުޅުވައިގެން ކާ އިރު، އެއީ ގިނަ ބަޔަކަށް "ފަކުރު" ކަމެކެވެ. ތަހުޒީބީ މުޖުތަމަޢުތަކުގައި، އަނގަޔަށް ކާއެއްޗެހި އަޅާ ހިސާބުން ވާހަކަ ދެއްކުމަކީ ހަޑި ކަމެކެވެ. ވާހަކަ ދައްކަން ވާނީ ކާއެއްޗެހި ރަނގަޅަށް ދިރުވުމަށް ފަހުގައެވެ. މީގެ އިތުރުން، އަޑު ލައްވައިގެން ކެއުމަކީ ވެސް ހުތުރު ކަމެކެވެ. 

ފޯނު މޭޒުމަތީގައި ނުބޭއްވުން

ބަޔަކާ އެކީ ކާން ގޮސްގެން އުޅޭއިރު، ފޯނު މޭޒުމައްޗަށް ދޫކޮށްލާފައި ނުބާއްވާށެވެ. ފޯނު އޮންނަން ވާނީ އަތްދަބަހުގައި ނުވަތަ ޖީބުގައެވެ. އަދި ރަސްމީ ކެއުންތަކުގައި (މިސާލަކަށް އޮފީސް މީހުންނާ އެކީ، ނުވަތަ އާއިލާގެ އިސް މީހުންނާ އެކީ)، ފޯނު އޮންނަން ވާނީ ސައިލެންޓު ގައެވެ. ވަރަށް މުޙިއްމު ކަމެއް ދިމާވެގެން ނޫނީ ފޯނާ ނުކުޅޭށެވެ. އެންމެ އެކަށީގެންވާ ގޮތަކީ، މުޙިއްމު ފޯނު ކޯލަކަށް ހާޒިރުވުމަށް، ކާ މޭޒާ ދުރަށް ޖެހިލުމެވެ. 

އުލާއި ސަމްސަލުގައި ރަނގަޅަށް ހިފޭއްޓުން

އުލާއި ސަމްސަލުގައި ހިފާއިރު، ގައިގައި ވަރު ބަހައްޓަން ވާނެއެވެ. "ކަންނެތް" ގޮތަކަށް އުލާއި ސަމްސަލުގައި ހިފަހައްޓައިގެން، ކާ އެއްޗެހި "ކޮންނަ" އުސޫލުން ކެއުމަކީ މީހާގެ ހައިބަތު ދަށް ކަމަށް ދައްކާނެ ކަމެކެވެ. އުލާއި ސަމްސާ އަދި ވަޅި ބޭނުންކޮށްގެން ކާން ޖެހޭ ގޮތުގެ ޓިއުޓޯރިއަލް އެއް ބަލައިލުމުން، ފަސޭހައިން ދަސްވާނެއެވެ.

ސާފުތާހިރު ވެގެން އައުން

ސުފުރާ މައްޗަށް އަންނައިރު އަންނަން ވާނީ ރަނގަޅަށް ސާފުތާހިރުވެ، ރީތިވެގެންނެވެ. މިސާލަކަށް ސުފުރާ މަތީގައި މޫނު ސާފުކުރުމާއި، ސެންޓު ޖެހުމާއި މޭކަޕް ކުރުން ފަދަ ކަންކަމަކީ ދުރުވާން ޖެހޭ ކަންކަމެވެ. ކެއުމުގެ ކުރިން ރަނގަޅަށް އަތް ދޮވުމަށް ވެސް އާދަކުރަން ޖެހެއެވެ.

ޓިޝޫ ނުވަތަ ތުންފުހޭ ފޮތިގަނޑު ބޭނުންކުރުން

ގިނަ ރެސްޓޯރެންޓުތަކުން ލިބެން ހުންނަނީ ޓިޝޫ އެވެ. ޓިޝޫގެ ބޭނުން ކުރާއިރު، އެއްފަހަރާ ބައިވަރު ޓިޝޫތަކެއް ނަގައިގެން ނޫޅޭށެވެ. އޭގެ ބަދަލުގައި، ޓިޝޫ ނަގަން ވާނީ ބޭނުންވާ މިންވަރަކުންނެވެ. ޓިޝޫ އަށް ވުރެ "ޕޮޝް" ގޮތަކީ ތުންފުހޭ ފޮތިގަނޑު ބޭނުންކުރުމެވެ. 

އެހެން މީހުންނާ އެއްވަރަކަށް ކެއުން ކުރިއަށް ގެންދިޔުން

ކެއުމުގެ ދުވެލި ބަހައްޓަން ވާނީ، މެދުމިނެއްގައެވެ. މާ އަވަސް އަވަހަށް ކެއުމަކީ ހަޑި ކަމެކެވެ. އޭގެ ބަދަލުގައި، ދެން ތިބޭ މީހުން ކާ ވަރަށް ބަލައިގެން، އެމީހުންނާ އެއް ދުވެއްޔެއްގައި ކުރިއަށް ދެވޭތޯ ބަލާށެވެ. 

ގުދު ލައިގެން ނީނުމާއި، އުޅަނބޮށި މޭޒުމައްޗަށް ނޭރުވުން

މީހާ އިށީނދެގެން އިންނަން ވާނީ ބުރަކަށި ތެދު ކޮށްގެނެވެ. އަދި ކެއުމުގައި އުޅަނބޮށި މޭޒުމައްޗަށް އެރުވުމަކީ ވެސް މާ އެދެވިގެންވާ ކަމެއް ނޫނެވެ. އެކަމަކު ކާ އެއްޗެހި ގެނައުމުގެ ކުރިން ވާހަކަ ދައްކަން ތިބޭއިރު، އުޅަނބޮށި މޭޒުމައްޗަށް އެރުވިޔަސް މައްސަލައެއް ނެތެވެ. 

މޭޒުގެ އެކޮޅުގައި ހުންނަ އެއްޗެހި ދިއްކޮށްލަން އެދުން

ތިމާ އަތް ނުފޯރާ ހިސާބުގައި ހުރި އެއްޗެއް ބޭނުންވާ ނަމަ، އެއަށް އަތްފޯރުވަން މަސައްކަތް ކުރުމުގެ ބަދަލުގައި އެ ފަރާތުގައި އިށީނދެގެން އިންނަ މީހާ ކައިރީގައި އެ އެއްޗެއް ދިއްކޮށްލަން އެދުމަކީ އަދަބުވެރި ގޮތެވެ. 

މަތީގައި ފާހަގަކޮށްފައިވާ ކަންތައްތަކުގެ އިތުރުން، އަހަރެމެންނަކީ މުސްލިމުންނަށް ވީތީ ގެންގުޅެންޖެހޭ އާދަތަކެއް ވެސް ވެއެވެ. އެކަމަށް އަހަރެމެން މިސާލު ނަގަނީ މާތް ނަބިއްޔާ (ޞ) ގެ ހަޔާތްޕުޅަށް ބަލައިގެންނެވެ. ކެއުމުގެ ކުރިން ބިސްމި ކިޔުމާއި، ކަނާތުން ކެއުމަކީ އޭގެތެރެއިން ބައެއް އަދަބުތަކެވެ.