ކޮންމެ މީހަކީވެސް އެމީހެއްގެ ދިރިއުޅުމުގައި ވަރަށް ބުރަކޮށް އުޅޭ މީހެކެވެ. ވަޒީފާއަށް ދާ މީހުންނާއި، ވަޒީފާއަށް ނުގޮސް ގޭތެރޭގެ މަސައްކަތުގައި އުޅޭ މީހުންވެސް އެހާމެ ބުރައެވެ. ކޮންމެދުވަހަކު އެއް ކަމެއް ތަކުރާރުކޮށް ކުރަންޖެހުމުން ވެސް ސިކުނޑިއަށް ހާސްކަން ވެރިވެއެވެ.

ތިމާގެ ސިއްޙަތަށް އެއްގޮތަކަށްވެސް ރަނގަޅު ކަމެއް ނޫނެވެ. ކޮންމެ މީހަކުވެސް ވަކި ހިސާބަކުން ބްރޭކެއް ބޭނުންވާނެއެވެ. މިފަހަރު މި ކިޔައިދެނީ، ބްރޭކެއް ނަގަން މަޖުބޫރުވެއްޖެ ކަމުގެ އަލާމާތްތަކެވެ.

 ބޮލުގައި ރިހުން

އަބަދާއި އަބަދު ބޮލުގައި ރިއްސާފައި ހުންނަ ނަމަ އެއްވެސް ކަމަކަށް ރަނގަޅަށް ސަމާލުކަމެއް ނުދެވޭނެއެވެ. މާ މަތީ ދަރަޖައަކަށް ސްޓްރެސް ވާނަމަ ގަދަޔަށް ބޮލުގައި ރިއްސައި، ލޮލަށާއި ކަރަށް ވެސް ތަދުވާނެއެވެ. މިއީ ބްރޭކެއް ނަގަން ޖެހޭ ކަމުގެ އަލާމާތެކެވެ. 

 ބަނޑުގެ މައްސަލަތައް

ސިކުނޑިއާއި މުޅި ހަށިގަނޑު ވަރުބަލިވެފައި ހުންނަނަމަ، ހަޖަމުގެ ނިޒާމަށް ވެސް ބުރޫ އަރާނެއެވެ. އެގޮތުން ބަނޑުގައި ރިއްސައި، ބޮޑުކަމުދިޔުމަށް އުނދަގޫވެ ނުވަތަ މާ ގިނައިން ފާހާނާއަށް ދެވޭގޮތް ވުމަކީ ވެސް މީހާ މާ ބޮޑަށް ވަރުބަލިވެފައިވާ ކަމުގެ އަލާމާތެކެވެ. 

އަވަސްއަވަހަށް ރޯގާޖެހުން

ސްޓްރެސްގެ ސަބަބުން ހިތުގެ ހިނގުން އަވަސްވެ، ލޭ ދައުރުވުން އާދައިގެ މިނަށްވުރެ އަވަސްވެއެވެ. ނަތީޖާއެއްގެ ގޮތުން ދިފާއީ ނިޒާމު ބަލިކަށިވެ، ފަސޭހައިން ރޯގާތަކަށް މަގުފަހިވެއެވެ. 

ވަރުބަލިވެ ނިދަން އުނދަގޫވުން 

އާއްމުކޮށް ވަރުބަލިވެފައި ހުންނައިރު ނިދައިލަން ވަރަށް ފަސޭހައެވެ. ނަމަވެސް ބުރަކޮށް އުޅުމުގެ ސަބަބުން ސިކުނޑިއާއި ހަށިގަނޑު މާ ބޮޑަށް ވަރުބަލިވެ، ނިދަން އުނދަގޫވާ ގޮތް ވެއެވެ. ރޭގަނޑު ނިދަން އުނދަގޫވެގެން އުޅޭނަމަ އެއީ މަސައްކަތާ ދުރުވެ އަރާމުކޮށްލަން ޖެހޭކަމުގެ އަލާމާތެކެވެ.

މޭގައި ރިހުން

މޭގައި ރިއްސުމަކީ ވެސް މަސައްކަތާ ކުޑަކޮށް ދުރުވެލަން ޖެހޭކަމުގެ އަލާމާތެކެވެ. އަދި ހާއްސަކޮށް މިއީ ކުޑަކަމެއްގެ ގޮތުގައި ނަގައިގެން ނުވާނެއެވެ. ނޫންނަމަ ހިތުގެ ބަލިތަކަށް މަގުފަހިވުން އެކަށީގެންވެއެވެ.