ދަތް އުނގުޅުމަކީ މީހާ ސާފުތާހިރުކޮށް ހުރުމަށް، ކޮންމެ ދުވަހަކު އާދަކޮށް ކުރާ ކަމެކެވެ. ކޮންމެ މީހަކު ވެސް މަދުވެގެން އެއްފަހަރު ނަމަވެސް ދަތް އުނގުޅާނެއެވެ. އަނގައިގެ ސާފުތާހިރު ކަމަށް ޚާއްސަ ސަމާލުކަމެއް ދޭންޖެހޭ އެއް ސަބަބަކީ، އަނގައަކީ މީހާގެ ހަށިގަނޑު ތެރެއަށް ޖަރާސީމު ވަނުމުގެ ފުރުސަތު އެންމެ ބޮޑު އެއް ޒަރިއްޔާއަށް ވުމެވެ. އެހެންކަމުން، ދަތް އުނގުޅަން ބޭނުންކުރާ ބުރުސް ވާން ޖެހޭނީ ޖަރާސީމުން ވީހާވެސް ބޮޑަށް ރައްކާތެރިވެފައިވާ އެއްޗަކަށެވެ.

މިފަހަރު ކިޔައިދޭން މިއުޅެނީ، ދަތް އުނގުޅާ ބުރުސް ބެކްޓީރިއާއިން ރައްކާތެރިކުރުމަށް، އޭތި ގެންގުޅެންވީ ގޮތެވެ:

ބޭނުންކުރުމަށްފަހު ރަނގަޅަށް ދޮވުން

ދަތް އުނގުޅާ ނިމުމުން ކޮންމެ ފަހަރަކު ވެސް ރީތިކޮށް ފެނުން ބުރުސް ދޮވެލަން ވާނެއެވެ. އޭރުން ބުރުހުގައި ހަރުލާފައި ހުންނަ ދަތް އުނގުޅާ ބޭހާއި، ކާ އެތިއެތިކޮޅު އަދި ބެކްޓީރިއާ ފިލާނެއެވެ. ފެން އިސްކޫރު ދަށުގައި 30 ސިކުންތެއް ހާ އިރު ވަންދެން ބުރުސް ބަހައްޓައިގެން އިނގިލިތަކުން ސާފުކޮށްލުމުން ރަނގަޅުވާނެއެވެ. އަދި ހަފްތާއަކު އެއްފަހަރު ހައިޑްރޮޖެން ޕެރޮކްސައިޑް ނުވަތަ ވައިޓް ވިނިގާ ބޭނުންކޮށްގެން 30 މިނިޓު ވަންދެން ބުރުސް ޑީޕް-ކްލީން ކޮށްލުމަކީ އެދެވިގެންވާ ގޮތެއް ކަމަށް ކަމުގެ ތަޖުރިބާކާރުން ލަފާދެއެވެ. 

ބުރުސް ރައްކާކުރުން

ދަތް އުނގުޅާ ނިމުމުން ބުރުސް ރައްކާކޮށްފައި ބަހައްޓަނީ ކޮންތާކު، ކޮން ގޮތަކަށް ހެއްޔެވެ؟ ގިނަ މީހުން ބުރުސް ކޮންމެވެސް ކަހަލަ ކޮންޓެއިނަރެއްގެ ތެރެއަށް ލައި ނުވަތަ ކެޕެއް އަޅުވާފައި ބަހައްޓަނީ، އެއީ އެންމެ ރައްކާތެރި ގޮތް ކަމަށް ދެކިގެންނެވެ. އެކަމަކު ދަތުގެ ޑޮކްޓަރުން ގެ އިރުޝާދަކީ، ދަތް އުނގުޅާ ނިމުމުން ބުރުސް އެއްވެސް ވަރަކަށް ބަންދުނުކޮށް، ހާމަ ތަނެއްގައި ބެހެއްޓުމެވެ. އެއީ ރަނގަޅަށް ހިކެން ދެނެވެ. ރަނގަޅަށް ހިކުމަށްފަހު، ކެޕެއް އަޅުވާލިޔަސް އެންމެ ރަނގަޅު ވާނެއެވެ. މީގެ އިތުރުން، ފާހަނަ ތަށްޓާ ކައިރި ހިސާބެއްގައި ބުރުސް ބަހައްޓައިގެން ނުވާނެއެވެ. އަދި ތެތް ތަންތާނގައި ވެސް ބެހެއްޓުމަކީ ސާފުތާހިރު ގޮތެއް ނޫނެވެ. 

އެހެން މީހަކާ ހިއްސާ ނުކުރާތި!

ދެމަފިރިން އެއް ބުރުހެއް ހިއްސާކުރުމަކީ މަދުން ނަމަވެސް ބައެއް މީހުން ކޮށް އުޅޭ ކަމެކެވެ. ނަމަވެސް މިއީ އެއްވެސް ހާލެއްގައި ކޮށްގެން ވާނެ ކަމެއް ނޫނެވެ. އެކަކު އަނެކަކުގެ ބުރުހުން ދަތް އުނގުޅާ ނަމަ، ބެކްޓީރިއާ އާއި ވައިރަސް އެކަކުގެ ގައިން އަނެކަކުގެ ގަޔަށް އަރައި ތަފާތު ގައިން ގަޔަށް އަރާ ބަލިތައް ފެތުރުމަށް މަގުފަހިވެއެވެ. ދަތް އުނގުޅާ ބުރުހާއި ރޭޒަރު ފަދަ ތަކެއްޗަކީ ވަރަށް ޕާސަނަލް އެއްޗެހި ކަން ހަނދުމަ ކުރާށެވެ. 

ގަވާއިދުން ބަދަލުކުރުން

ދަތް އުނގުޅާ ބުރުސް އެންމެ ގިނަ ވެގެން ތިން މަހުން ބަދަލުކުރަން ވާނެއެވެ. ނުވަތަ އޭގެކުރިން ބުރުހުގެ ނަރުތައް އެގޮތް މިގޮތަށް ހުންނަން ފަށައިފި ނަމަ އަވަހަށް ބަދަލު ކޮށްލާށެވެ. މީގެ އިތުރުން، ބަލިކޮށް އުޅޭ ދުވަސްވަރު ބޭނުންކުރާ ބުރުސް، ބަލިން ރަނގަޅު ވެގެން ބޭނުންކޮށްގެން ނުވާނެއެވެ. އޭގެ ބަދަލުގައި އައު ބުރުހެއް ގަނެގެން ބޭނުންކުރަން ފަށާށެވެ.

ވަކިން ބެހެއްޓުން

އެއް ބުރުހަށް ވުރެ ގިނަ ބުރުސް އެކައްޗެއްގެ ތެރޭގައި ބެހެއްޓުމަކީ އެދެވިގެންވާ ގޮތެއް ނޫނެވެ. ނޫން ނަމަ އެއް ބުރުހުން އަނެއް ބުރުހަށް ޖަރާސީމު ދައުރު ކުރާނެއެވެ. ބުރުސްތައް ބަހައްޓަން ވާނީ އެކަތި އަނެއްކައްޗާ ވަކިން، ދުރުގައެވެ.