ޑައިޓު ކޮށްގެންނާއި ކަސްރަތު ކޮށްގެން ބަރުދަން ލުއިކުރަން ވަގުތު ނަގާކަން ކޮންމެ މީހަކަށް ވެސް އެނގެއެވެ. ނަމަވެސް މިފަހަކަށް އައިސް މަޝްހޫރު މީހުން، ޚާއްސަކޮށް ހޮލީވުޑް ތަރިން، ކުއްލިއަކަށް ހިކިފައި ހުންނަތަން ފެނެއެވެ. މިކަމުގެ ފަހަތުގައި ވާ ސިއްރު، ބޭރުގެ މީޑިއާތަކުން ވަނީ ތިލަކޮށްފައެވެ.

ޑައިޓާއި ކަސްރަތު އެއްފަރާތުގައި ބާއްވާފައި، މަޝްހޫރު މީހުން މިހާރު ބޭނުންކުރަނީ މުޅިން އެހެން އުކުޅެކެވެ. އެއީ ބޭސް ކެއުމެވެ. 'އޮޒެމްޕިކް' ނަމަކަށް ކިޔާ މި ބޭހަކީ ހަޤީޤަތުގައި ޓައިޕް 2 ހަކުރުބަލި ހުންނަ މީހުންނަށް ޚާއްސަ ބޭހެކެވެ. މި ބޭސް ބޭނުންކުރުމުން، މީހާގެ ސިކުނޑިއަށް ބާރުފޯރުވައި، ކެއުމާ ދުރުކޮށްދެއެވެ. ހަކުރުބަލީގެ އިތުރުން، ކޮލެސްޓްރޯލް ހުންނަ މީހުންނާއި، ހިތުގެ ބަލި ހުންނަ މީހުންނަށް ވެސް ބައެއް ފަހަރު 'އޮޒެމްޕިކް' ދެއެވެ. ކުރުގޮތަކަށް ބުނާނަމަ، މި ބޭހަކީ ބަލި މީހުންނަށް ޚާއްސަ ބޭހެކެވެ. ސިއްޙަތު ރަނގަޅު މީހުން ހަމަ ހުރެ ބަހައްޓާފައި ބަރުދަން ލުއިކޮށްލަން ބޭނުންކުރުން ރަނގަޅު ބޭހެއް ނޫނެވެ.

ނަމަވެސް ހޮލީވުޑް ތަރިންގެ މެދުގައި 'އޮޒެމްޕިކް' މި ވަނީ ޓްރެންޑަކަށް ވެފައެވެ. ހަށިގަނޑު ހިއްކާލަން ބޭނުންވާ މީހުން ކަސްރަތުންނާއި ޑައިޓު ކޮށްގެން ނަތީޖާ ފެންނަން ދުވަސް ނަގާތީ، މި ބޭސް އިޚުތިޔާރު ކުރަނީ "ޝޯޓްކަޓެއް" ގެ ގޮތުގައެވެ. އެކަމަކު، އެހާ ފަސޭހައިން ޙާސިލުވާ ކަމެއްގެ ފަހަތުގައި ބައިވަރު ނުރައްކާ ވާނެކަން ވެސް ކަށަވަރެވެ. ސިއްޙީ މާހިރުން ބުނާ ގޮތުގައި، ހޮލީވުޑްގައި ހިނގަމުން އެ ދާ އާ ޓްރެންޑްގެ ނުރައްކާ ފެންނަން އަހަރުތަކެއް ނަގާނެ ކަމަށެވެ. އެ ބޭސް ބޭނުންކުރަން ނުވާ މިންވަރަށް އެއެއް މިއެއް ނުބަލައި ބޭނުންކުރުމުން، ސިއްޙަތަށް ކުރާ ގެއްލުން ވަގުތުން ވަގުތަށް ނުފެނުނަސް، ދިގު މުއްދަތުގައި ހާމަވެގެން ދާނެ ކަމަށެވެ. 

 

ކްލޯއީ ކާޑޭޝިއަން

ސިއްޙީ މާހިރުންގެ އަނެއް ކަންބޮޑުވުމަކީ، މަޝްހޫރު މީހުން ރީތިވުމުގެ ނިޔަތުގައި 'އޮޒެމްޕިކް' ބޭނުންކުރާ މިންވަރު އިތުރުވެފައި އޮތުމުގެ ސަބަބުން، އެ ބޭސް ލިބުން ދަތިވެފައި ވުމެވެ. އެގޮތުން، ހަޤީޤަތުގައި ބޭހުގެ ބޭނުން ޖެހިފައި ވާ ބަލި މީހުންނަށް އެ ބޭހުގެ ތަދުކަން ދަނީ ކުރިމަތިވަމުންނެވެ. މިކަމާ ގުޅިގެން ގިނަ ބަޔަކު ދަނީ ތަރިންނަށް ފާޑުކިޔަމުންނެވެ. 

'އޮޒެމްޕިކް' ބޭނުންކޮށްގެން ހިކިފައި ތިބި މީހުންކަމަށް މީޑިއާތަކުން ޝައްކުކުރާ މީހުންގެ ތެރޭގައި، ހޮލީވުޑްގެ މަޝްހޫރު ޝޯ ހޯސްޓު އަދި އެކްޓްރެސް އޯޕްރާ ވިންފްރޭ، ރިއަލިޓީ ޓީވީ ތަރި ކްލޯއީ ކާޑޭޝިއަން، އެކްޓްރެސް ރިބެލް ވިލްސަން އަދި ބިލިއަނަރު އީލޮން މަސްކު ފާހަގަކޮށްލެވެއެވެ. މީގެ ތެރެއިން ބައެއް ތަރިން ވަނީ އެކަމަށް އެއްބަސް ވެސް ވެފައެވެ.