ކިތައްމެ ބުރަކޮށް އުޅުނަސް، މައިންބަފައިން ދަރިންނަށް ދޭންޖެހޭ ވަގުތު ކޮންމެހެނެއް ވެސް ދޭންވާނެއެވެ. ކުއްޖާ ނަފްސާނީ ގޮތުން ހެދިބޮޑުވުމަށް، މައިންބަފައިންގެ ފަރާތުން ލިބެންޖެހޭ އަޅާލުމާއި ސަމާލުކަން ވަރަށް މުޙިއްމެވެ.

މުޅި ދުވަހު ބިޒީކޮށް އުޅުނަސް، ދުވަހުގެ ކޮންމެވެސް އެއް ވަގުތެއް ދަރިފުޅަށް ހުސްކުރަން ވާނެއެވެ. އެގޮތަށް އެންމެ ރަނގަޅަށް ހަމަޖެހިލައިގެން ހުސްކޮށްލެވޭނެ އެއް ވަގުތަކީ، ދަރިފުޅު ނިދަން ބާއްވާ ވަގުތެވެ. އެ ވަގުތު ކުއްޖާ ވެސް ހުންނާނީ ކުރަންޖެހޭ ހުރިހާ ކަމެއް ނިމި، ހަމަޖެހިލައިގެނެވެ. އެހެންކަމުން ދައްކަން ބޭނުންވާ ވާހަކަތައް އަޑުއަހާލެއް ވެސް ފަސޭހަ ވާނެއެވެ. ދަރިފުޅުގެ ދުވަސް ދިޔަ ގޮތާ ބެހޭގޮތުން އެހިދާނެ މުޙިއްމު ބައެއް ސުވާލު ތަކަކީ: 

މުޅި ދުވަހު އެންމެ އުފާވި ކަމަކީ ކޮބާ: މި ސުވާލުގެ މަޤުސަދަކީ، ޕޮޒިޓިވް ކަންކަމަށް އިސްކަން ދިނުމަށް ދަރިފުޅުގެ ސިކުނޑި އާދަ ކުރުވުމެވެ. އެގޮތުން، އެންމެ ފުރަތަމަ އަހާ ސުވާލަކަށް މި ސުވާލު ހެދުމުން، އުފާވެރި މާޙައުލެއް އުފެދިގެންދާނެއެވެ. 

އެއްވެސް ކަމަކާ ހެދި ދެރަވާން ޖެހުނު ތަ: މިއީ ދަރިފުޅުގެ އިޙުސާސްތައް ރަނގަޅަށް ބޭރުކުރުމަށް އެހީވެދޭނެ ސުވާލެކެވެ. ކުއްޖާ ކަމަކާ ދެރަވި ކަމަށް ބުނެފި ނަމަ، އެއީ ކީއްވެގެން ތޯ އާއި، އެކަން އެހެން ވިޔަ ނުދޭން މަސައްކަތް ކުރާނެ ކަމުގެ ޔަޤީންކަން ދޭށެވެ. 

މިއަދު އަލަށް އެއްވެސް ކަމެއް / އެއްޗެއް ދަސްވިތަ: ކުއްޖާ ހެދިބޮޑުވަމުން އަންނަ ސްޓޭޖުގައި، އާ ކަންކަން ދަސްކުރުމުގެ ޝައުގުވެރިކަން އުފެއްދުމުގެ ގޮތުން މިއީ އަހަން ރަނގަޅު ސުވާލެކެވެ. 

މާދަމާގެ ކޮން ކަމަކަށް އެންމެ އިންތިޒާރު ކުރެވެނީ: އަބަދުވެސް ކުރިއަށް އޮތް ތަނަށް ރަނގަޅު ކަންކަން ވާނެ ކަމަށް ވިސްނުމުގެ މުޙިއްމުކަން ކުއްޖާއަށް ކިޔައިދޭށެވެ. މިސާލަކަށް މިއަދަކީ އެހާ އުފާވެރި ދުވަހަކަށް ނުވިޔަސް، މާދަމާ ވަރަށް އުފާވާ ކަހަލަ ކަމެއް ވެދާނެ ކަމަށް ބުނެދޭށެވެ. މީގެ އިތުރުން، މި ސުވާލު އެހުމުން ކުއްޖާ ބޮޑަށް ޝައުގު ހުންނަ ކަންކަމަކީ ކޮބައިކަން އެނގިދާނެއެވެ. 

މިއަދު ދިމާވީ ކޮން ބަޔަކާ: ސްކޫލުގައި ނުވަތަ އެ ނޫން މާޙައުލެއްގައި ކުއްޖާއާ ދިމާވެ، ވާހަކަ ދެއްކީ ކޮންބައެއް ތޯ ސުވާލު ކުރާށެވެ. މި ސުވާލު އެހުމުން، ކުއްޖާގެ ސޯޝަލް ސްކްލިސް ހުރި ވަރު ފެނިގެންދާނެއެވެ. އަދި އެހެން ކުދިންނާ ވީހާވެސް ގުޅިގެން އުޅެން ބާރުއަޅާށެވެ. 

އެއްވެސް މީހަކަށް ދަރިފުޅު އެހީވިން ތަ، ނުވަތަ އެއްވެސް މީހަކު ދަރިފުޅަށް އެހީވިތަ: މި ސުވާލުގެ އަލީގައި، އެކަކު އަނެކަކަށް އެހީތެރިވެ ހިތްހެޔޮކަން ދެއްކުމުގެ މުޙިއްމު ކަން ކިޔައިދޭށެވެ.

މުޅި ދުވަހު އެންމެ އުނދަގޫ ކަމަކަށް ދިމާވީ ކޮން ކަމެއް: މިއީ ކުއްޖާއަށް ދިމާވާ ގޮންޖެހުންތައް ދެނެގަތުމަށް ކުރާ ސުވާލެކެވެ. އަދި ކުއްޖާ ދޭ ޖަވާބާ ގުޅުވައިގެން، އެކަމެއް ފަސޭހަ ކުރުމަށް ކުރެވިދާނެ ކަންކަމާ ބެހޭގޮތުން ކުއްޖާގެ ޚިޔާލު ހޯދައި، މަޝްވަރާ ކުރާށެވެ.

އެންމެ ޝުކުރުވެރި ވަނީ ކޮންކަމަކަށް؟ މުޅި ދުވަހު ހިނގައިދިޔަ ކަންތައްތަކުގެ ތެރެއިން، ދަރިފުޅު އެންމެ ޝުކުރުވެރިވާ ކަންތައްތަކަކީ ކޮބައިތޯ އަހާށެވެ. އަދި ކޮންމެ އިންސާނަކު ވެސް ހެއްދެވި ފަރާތަށް ކޮންމެ ދުވަހަކު ޝުކުރުވެރި ވާން ޖެހޭ ކަންތައްތަކެއް ވާ ކަމުގައި ކިޔައިދޭށެވެ. 

މަތީގައި ވާ ސުވާލުތަކުގެ މައިގަނޑު ބޭނުމަކީ، ދަރިފުޅާއި ބެލެނިވެރިޔާއާ ދެމެދު ވަރުގަދަ ގުޅުމެއް އުފެދުމެވެ. އަދި ދަރިފުޅުގެ ކޮންމެ ކަމެއް ވެސް ހިއްސާ ކުރެވޭ ވަރުގެ ގާތް މީހަކަށް ބެލެނިވެރިޔާ ވުމެވެ. އަނެއް ބޭނުމަކީ، ކުއްޖާގެ ސިކުނޑި ގިނަ ކަންކަމަށް ލޯ ހުޅުވައިދީ، ޕޮޒިޓިވް ކޮށް ވިސްނަން ދަސްކޮށްދިނުމެވެ. އޭރުން ކުއްޖާއަށް ދިމާވާ ގޮންޖެހުންތަކާ ވެސް ކެރިގެން ކުރިމަތިލާނެ ހިތްވަރު ލިބޭނެއެވެ.