ރިވެތި އަޚުލާޤަކީ މިއަދު ތަދު އެއްޗެކެވެ. ސިފައެއްގެ ގޮތުން އަގުހުރި ސިފައެކެވެ. ނަމަވެސް ބާޒާރުގައި ރިވެތި އަޚުލާޤަށް އޮތް ތަރުހީބު ކުޑަވެ، ރިވެތި އަޚުލާޤުގެ އަގު މިއަދު މި ދަނީ ދަށްވަމުންނެވެ. އެ އަޚުލާޤުގައި ފެންވަރެއް ނެތިގެނެއް ނޫނެވެ. ނަމަވެސް ތަރުހީބާއި ތާއީދު ކުޑަކަމުންނެވެ. މަގުބޫލުކަން ނެތުމުންނެވެ. ޝައުގުވެރިކަމާއި ސަމާލުކަން ނެތުމުންނެވެ.

ގިނަ ބަޔަކަށް މިއަދު ކަމުދަނީ އަޚުލާޤެއް ނެތް މީހުންނެވެ. ލަދެއް ހަޔާތެއް ނެތް މީހުންނެވެ. ގޮތެއް ފޮތެއް ނެތް މީހުންނެވެ. ލެއްވިހާ ވިޔާނުދާ ކަންކަމާއި ބޮޑެތި ފާފަތައް ކުރާ މީހުންނެވެ. ނަމޫނާ ބައެއްގެ ގޮތުގައި ދެކެނީވެސް އެމީހުންނެވެ. ލޯތްބާއި އިހުތިރާމު ކުރަނީ އެމީހުންނަށެވެ. ތަރުހީބު ދެނީ އެމީހުންނަށެވެ. އިޝްތިހާރުކޮށް ކުރިއަށް ނެރެ ދައްކަނީ އެމީހުންނެވެ.

ރިވެތި އަޚުލާޤުގެ ވެރިން ބާކީ ކޮށްފިއެވެ. މީހެއްގެ ސަމާލުކަމެއް، ޝައުގުވެރިކަމެއް އެއިން އިންސާނަކަށް ނުލިބެއެވެ. މީހެއްގެ ތައުރީފެއް، ތަރުހީބެއް އެއިން މީހަކަށް ނުލިބެއެވެ. ރިވެތި އަޚުލާޤުގެ ވެރިންގެ އަޑު އަހާނެ ވެރިއަކުވެސް މިއަދު ނެތެވެ. އެފަދަ އިންސާނުން ފެންނަނީ މުޖުތަމައުގައި ބާކީކޮށްފައި ތިބޭތަނެވެ.

ނޫނޭވާ މިއޮތީ ދުނިޔެއެކެވެ! ބަސް އަހާ، ފަސްއިރު ނަމާދުކޮށް، ހެޔޮލަފާ އާއިލީ، ގެވެހި އުޅުމެއް އުޅޭ ޒުވާނުންނަށް މިއަދު ކުރަނީ މަލާމާތެވެ. ކުރަނީ ޖެއްސުމެވެ. ކިޔަނީ އެއްޗެއްސެވެ. ޖައްސަނީ ވައްތަރެވެ. ވާނީވެސް އެހެންތާއެވެ! ބަސްއަހާކަމުން ރައްދުގައި އެމީހުން ކަމެއް ނުކުރާނެއެވެ. މަށަށް ކީއްހެއްޔެވެ؟ 

އާނއެކެވެ! ބަސް އަހާ ކިޔަމަންތެރި މީހުން ބާކީކޮށްފިއެވެ. އަޚުލާޤެއް ނެތް، ގޮތެއް ފޮތެއް ނެތް، ހޯބޯލައްވާ، މީހުންނަށް ސަނާ ކިޔާ އިޙްތިރާމުކޮށް ތައުރީފު ކުރަން ފަށައިފިއެވެ. ވިސްނާލާށެވެ! ތިބާގެ ރަށުގެ ހާލަތާމެދު ފިކުރުކޮށްލަބަލާށެވެ. ތިޔަ ރަށުގައިވެސް ކަންކަން ވަމުންދަނީ މިފަދަ ގޮތަކަށް ނޫންތޯއެވެ! އަޚުލާޤެއް ނެތް، ގޮތެއް ފޮތެއް ނެތް، ހޯބޯލައްވާ މީހުންނަށް، އެމީހުން ބޭނުންވާ ކަންކަން ރަށުތެރެއިން ފަރުޖެހެއެވެ. އެމީހުން ކުރިމަތީގައި ނޫނެކޭ ބުނަން ރަށުގެ ވެރިން ފަސްޖެހެއެވެ. ނަމަވެސް ރިވެތި އަޚުލާޤު ލިބި ތިބި މީހުންގެ ކުރިމަތީ ރަށްރަށުގެ ވެރިންވެސް ގަދަކަން ދައްކާތީ ފެނެއެވެ. އާނއެކެވެ! ވާނީވެސް އެހެންތާއެވެ. އެ ރިވެތި އަޚުލާޤުގެ ސަބަބުން، އެވެރިން ބޭނުންވި ކަމެއް ނުވުމުން، މާދަމާ ނުކުމެ ރަށު ތަރައްގީއަށް ހުރަސް އަޅާނެ ބަޔަކު ކަމުގައި އެބައިމީހުން ނުވާނެއެވެ. އެހެނެއްކަމަކު އަޚުލާޤެއް ނެތް، ގޮތެއް ފޮތެއް ނެތް، ހޯބޯލައްވާ މީހުންނަށް، އެމީހުން ބޭނުންވާ ކަމެއް ނުވެއްޖެނަމަ، މާދަމާ ނުކުމެ ރަށު ތަރައްގީއަށް ހުރަސް އަޅާފާނެއެވެ. ހުރިހާ ތަނަކު، ގަދަކަމާއި ބާރުވެރިކަމާއި ޝަރަފު މިހިރަ ހުރެގެން ދެވެނީ އަޚުލާޤެއް ނެތް، ގޮތެއް ފޮތެއް ނެތް، ހޯބޯލައްވާ މީހުންނަށެވެ! މިއީ ހިތި ހަގީގަތެކެވެ!

ދެން ނިކަންހުރެ މާދަމާގެ މުސްތަގުބަލު ސިފަކޮށްލަބަލާށެވެ! އަމިއްލަ އަތްތަކުން އަމިއްލަ ދަރިންގެ މުސްތަގުބަލު ބަނަކޮށްލަނީއެވެ. ބަސްއަހާ ކުދިންވެސް ވިޔާނުދާ މަގު އިހްތިޔާރު ކުރަން ފަށައިފިއެވެ. ހުލްޤު ހެޔޮ ޒުވާނުން ހުސްވާން ފަށައިފިއެވެ. ޅަދަރިންގެ ހަޔާތްކެނޑެން ފަށައިފިއެވެ! މިއީވާ ދުނިޔެއެކެވެ. މާކަ ގިނަ ދުވަހެއް، ދެނެއް މިތަނަކު ނެތެވެ! އިޞްލާޙުވެ ތައުބާވާށެވެ!