ސައުތު ރީޖަންގެ ރަށްތަކުގައި ޒަމާނީ ފެންވަރަށް މަގުތައް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ތެރެއިން ތ. ތިމަރަފުށްޓާއި، ލ. ގަމުގެ އިިތުރުން ގދ. ތިނަދޫ ސިޓީގައި މިވަގުތު ހިނގަމުންދާ މަސައްކަތްތަކުގެ ތަފްޞީލް އާރްޑީސީ އިން އާންމުކޮށްފިއެވެ.

ތ. ތިމަރަފުށީގައި މިވަގުތު ކުރަމުންދަނީ، ނޫރާނީ ހިނގުމުގައި ކާރބް ސްޓޯން ޖެހުމުގެ މަސައްކަތާއި، ނޫރާނީ ހިނގުމުގައި ކީވޯލް އަދި ބެކް ފިލިންގގެ މަސައްކަތެވެ.

ތިިމަރަފުށީގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މި މަސައްކަތަކީ 75.7 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ. މި މަސައްކަތް ކުރުމަށް އާރްޑީސީއާ ހަވާލުކުރީ 2019 ވަނަ އަހަރުގެ ޑިސެންބަރު މަހު އެވެ.

ލ. ގަމުގައި މިހާރު ކުރަމުންދާ މަސައްކަތްތަކަކީ، ސޭކަ ހިނގުމުގައި ކޭބަލް ޖަންކްޝަން އަދި ހޮޅި އެޅުމުގެ މަސައްކަތާއި، މިސްކިތް މަގުގައި އެކްސްކެވޭޓް ކުރުން އަދި ހޮޅި އެޅުމުގެ މަސައްކަތެވެ. މި މަޝްރޫޢަކީ، 2022 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ ތެރޭގައި، 104 މިލިއަން ރުފިޔާ އަށް އާރްޑީސީއާ ހަވާލުކުރެވުނު މަސައްކަތެކެވެ.

ސައުތު ރީޖަންގެ ރަށްތަކުގެ ތެރެއިން، މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ އަނެއް ރަށަކީ ގދ. ތިނަދޫ ސިޓީ އެވެ. ތިނަދޫ ސިޓީގައި މިހާރު ކުރިއަށްދަނީ، އަމަލީ މަސައްކަތް ނިމި އިންސްޕެކްޓް ކުރުމުގެ މަސައްކަތެވެ. މި މަޝްރޫޢަކީ 78.8 މިލިއަން ރުފިޔާ އަށް 2021 ވަނަ އަހަރުގެ އޭޕްރީލް މަހުގައި އާރްޑީސީއާ ހަވާލުކުރެވުނު މަސައްކަތެކެވެ.