މާލެ، ވިލިނގިލި، ގުޅިފަޅު އަދި ތިލަފުށިގައި ހައި-ކެޕޭސިޓީ ޓްރާންސްމިޝަން ލައިނަކުން އެއްކަރަންޓު ވިއުގައަކުން ގުޅާލުމުގެ މަސައްކަތްކުރުމަށް ޗައިނާގެ ޓީބީއީއޭ ގްރޫޕާއެކު ސްޓެލްކޯ އިން އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ.

ސްޓެލްކޯ އިން ބުނީ، މި އެއްބަސްވުމުގެ ދަށުން، މާލެ، ވިލިނގިލި، ގުޅިފަޅު އަދި ތިލަފުށި ހިމެނޭ ސަރަހައްދުގެ ޑިމާންޑަށް ބޭނުންވާ ވަރުގެ ނެޓްވޯކެއް ޤާއިމްކުރެވިގެންދާނެ ކަމަށެވެ.

މީގެތެރެއިން، 150 މެގަވޮޓްގެ ޑުއަލް-ފިއުލް ޕަވާ ޕްލާންޓް ގާއިމްކޮށް، ސެންޓްރަލް އެއް ޕަވާ ސްޓޭޝަނުގެ ޒަރިއްޔާއިން ދެމެހެއްޓެނިވި ގޮތެއްގައި އިތުބާރާއެކު ކަރަންޓު ފޯރުކޮށްދިނުމުގެ ޔަގީންކަންދެވިގެންދާނެ ކަމަށް ވެސް ސްޓެލްކޯ އިން ވަނީ ބުނެފައެވެ.

އަދި، ޒަމާނާއެކު ހަކަތައިގެ ޑިމާންޑް ބޮޑުވަމުންދާ ދިއުމަށް މި މަރުކަޒީ އިންޖީނުގޭގެ ސަބަބުން ފުރިހަމަ ހައްލެއް ލިބިގެންދާނެ ކަމުގެ ޔަގީންކަން ސްޓެލްކޯއިން ދެއެވެ.

ދިވެހި އެންމެހާ ރައްޔިތުންނަށް އިތުބާރާއެކު މުސްތަގުބަލަށް ދެމެހެއްޓެނެވި ގޮތެއްގައި ކަރަންޓުގެ ހިދުމަތް ފޯރުކޮށްދެއްވުމަށް ބާރު އަޅައި، ރާއްޖޭގެ އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒުގެ ފުރިހަމަ ލީޑާޝިޕާއެކު ދެއްވަވާ އިރުޝާދާއި އެހީތެރިކަމަށް ހިތުގެ އެންމެ ފުން މިނުން ޝުކުރު އަދާކުރައްވާ، އެ ފުރުޞަތު ދެއްވިކަމަށްޓަކާ ފަޚުރުވެރިވާ ކަމަށް ވެސް ނިންމާލަމުން ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ، ޙުސައިން ފަހުމީ ވިދާޅުވިއެވެ.

މިއީ، ދިވެހިރާއްޖޭގެ ހަކަތައިގެ އިންފްރާސްޓްރަކްޗަރ އިތުރަށް ކުރިއެރުވުމަށް އެޅިގެންދިޔަ މުހިއްމު ފިޔަވަޅެއް ކަމަށް ވެސް ސްޓެލްކޯ އިން ގަބޫލުކުރެއެވެ.