އުރީދޫ މޯލްޑިވްސްގެ ލީޑަރޝިޕް ޑިވެލޮޕްމަންޓް ޕްރޮގްރާމްގެ ޝަރަފުވެރި ހާވާޑް ޔުނިވަރސިޓީއާ ގުޅިގެން ކުރިއަށް ގެންދާކަން ފަޚުރުވެރިކަމާއެކު އިޢުލާންކޮށްފިއެވެ.

އުރީދޫއިން ބުނެފައިވާގޮތުގައި 2021 ވަނަ އަހަރު ފެށި މި ޕްރޮގްރާމަކީ އެ ކުންފުނީގެ މުވައްޒަފުންބާރުވެރިކޮށް ކުރިއަރުވައި، ދުނިޔޭގެ ފެންވަރުގެ ތަމްރީނާއި ހުނަރާއި ތަޖުރިބާ ހޯދައިދިނުމުގެ ގޮތުން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. އަދި މިއީ މިހާތަނަށް މިފަދަ ޔުނިވާސިޓީއަކުން މުވައްޒަފުންނަށް ރާއްޖޭގައި ތަމްރީނު ފޯރުކޮށްދެވޭ ފުރަތަމަ ފަހަރެވެ.

“ކޮންމެ އަހަރަކުވެސް އުރީދޫގެ އުއްމީދީ ދެ ލީޑަރުން މި އިންޓެންސިވް ޕްރޮގްރާމުން ގްރެޖުއޭޓްވެ، ކުންފުނީގެ ތެރޭގައި އިނޮވޭޝަނާއި ކުރިއެރުމަށް އަގުހުރި އިލްމު ތަކެއް ގެނެސްދޭ ކަމަށާއި މި އިނީޝިއޭޓިވްގެ ސަބަބުން، ހުނަރުވެރިން ތަރުބިއްޔަތުކުރުމަށާއި، މުވައްޒަފުންގެ ކުރިއެރުމަށް އިންވެސްޓްކުރުމަށް ދެމިތިބޭނެ ކަމުގެ ޔަޤީންކަން ލިބިގެންދާކަމުގައި އުރީދޫއިން ބުނެއެވެ.

“އަޅުގަނޑުމެންގެ އުރީދޫ ޓީމުގެ ސްޓާފުން ގްރެޖުއޭޓްވެ، މިހާރު ޝަރަފުވެރި ހާވާޑް ލީޑާޝިޕް ޕްރޮގްރާމްގައި ކިޔަވަމުން އަންނަ ދަރިވަރުންނާ މެދު އަޅުގަނޑު ވަރަށް ފަޚުރުވެރިވަން. މި ބޭފުޅުންގެ ވިސްނުންތަކަކީ ޙަޤީޤަތުގައިވެސް އަޅުގަނޑުމެންގެ ކުންފުނީގެ މުސްތަޤްބަލް ރަމްޒުކޮށްދޭ، އަމިއްލަ ކުރިއެރުމާއި ލީޑަރޝިޕް ޑިވެލޮޕްމަންޓަށް އެބޭފުޅުން ދެއްވާ އަހައްމިއްޔަތުކަން ކަށަވަރުކޮށްދޭ ކަމެއް. އުރީދޫގައި، އަޅުގަނޑުމެންގެ ހުރިހާ މާކެޓެއްގައި ވެސް ހުނަރުވެރިކަން ތަރުބިއްޔަތުކޮށް، ލީޑަޝިޕް ކުރިއެރުވުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރެވޭ. އަދި ކުރިއަށް އޮތް އަހަރުތަކުގައި މި ޕްރޮގްރާމުގައި ކިޔެވި ސްޓާފުންގެ ފަރާތުން އިނޮވޭޝަނާއި އެކްސެލެންސް އަށް މަގުފަހިވެގެންދާނެ ކަމަށް އުއްމީދު ކުރަން.” އުރީދޫ މޯލްޑިވްސްގެ ޗެއާޕާސަން އަދި ގްރޫޕް އެޗްއާރު އެންޑް ސަސްޓެއިނަބިލިޓީ އޮފިސަރު ފާތިމާ އަލް ކުވާރީ

އުރީދޫ މޯލްޑިވްސްގެ ޗީފް އެގްޒެކެޓިވް އޮފިސަރު ޚާލިދު އަލްހަމާދީ ވިދާޅުވީ ލީޑާޝިޕް ޑިވެލޮޕްމަންޓް ޕްރޮގްރާމަކީ ލީޑާޝިޕާއި އުފެއްދުންތެރިކަމުގެ ސަގާފަތެއް ކުރިއެރުވުމަށް ކުރާ މަސައްކަތުގެ މުހިންމު ތަނބެއް ކަމަށާއި އެ ކުންފުނީގެ ދަސްވެނިންނާ މެދު ވަރަށް ފަޚުރުވެރިވާކަމަށެވެ. މިކަމުން ރަމްޒުކޮށްދެނީ ރާއްޖޭގައި ޓެލެކޮމިއުނިކޭޝަން އަދި ހިދުމަތް ފޯރުކޮށްދިނުމުގައި އާ މިންގަނޑުތަކެއް ކަނޑައެޅުމަށް އުރީދޫއިން ކުރާ މަސައްކަތްކަން ފާހަގަކުރެއްވިއެވެ.

އުރީދޫ މޯލްޑިވްސްގެ ޑިރެކްޓަރ އެޗްއާރް ފަޒްނާ މަންސޫރު ވިދާޅުވީ އުރީދޫ ތަރައްގީ ކުރަނީ މުވައްޒަފުން ކުރިއަރުވައިގެން ކަމަށާއި މި ޝަރަފުވެރި ޕްރޮގްރާމަކީ އަމިއްލަ އަދި ޕްރޮފެޝަނަލް ކުރިއެރުމަށް ހިތްވަރު ލިބޭ ޓްރާންސްފޯމޭޓިވް އެކްސްޕީރިއަންސެއް ކަމަށެވެ.

އުރީދޫއިން ބުނެފައިވާގޮތުގައި ރާއްޖޭގައި ޓެލެކޮމިއުނިކޭޝަން އަދި ޑިޖިޓަލް ހިދުމަތްތައް ފޯރުކޮށްދޭ އެންމެ އިސް ފަރާތެއްގެ ހައިސިއްޔަތުން، އުރީދޫ މޯލްޑިވްސް އަކީ އަންނަން އޮތް ޖީލުގެ ލީޑަރުން ތަރުބިއްޔަތު ކުރުމަށް އަބަދުވެސް މަސައްކަތް ކުރާ ކުންފުންޏެކެވެ. ރާއްޖޭގައި މިފަދަ ފާހަގަކޮށްލެވޭ ފުރުސަތެއް ހޯދައިދިނުމުގައި އިސްކޮށް ހަރަކާތްތެރިވާ ފަރާތަކަށް ވުމަކީ ފަޚުރުވެރިވާ ކަމެކެވެ.