ސެންޓްރަލް ރީޖަންގެ ތިން ރަށެއްގައި ޒަމާނީ ފެންވަރަށް މަގުތައް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ތެރެއިން މިވަގުތު ހިންގަމުންގެންދާ މަސައްކަތްތައް އާރްޑީސީ އިން އާއްމުކޮށްފިއެވެ.

އެގޮތުން، އާރްޑީސީ އިން އާއްމުކޮށްފައިވަނީ ނ. ހޮޅުދޫ އާއި ނ. ވެލިދޫގެ އިތުރުން އދ. މާމިގިލީގައި ޒަމާނީ ފެންވަރަށް މަގުތައް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ތެރެއިން މިވަގުތު ކުރިއަށްދާ މަސައްކަތްތަކުގެ މަޢުލޫމާތެވެ.

ނ. ހޮޅުދޫގައި މިހާރު ކުރިއަށްދަނީ، ހަސަންކަލޭފާނު މަގުގައި ކާރބް ސްޓޯން ޖެހުން އަދި ބެކް ފިލިންގގެ މަސައްކަތާއި، މޫސާކަލޭފާނު މަގުގައި ބެކް ފިލިންގ އަދި އެކްސްކަވޭޓް ކުރުމުގެ މަސައްކަތުގެ އިތުރުން މޫސާކަލޭފާނު މަގުގައި ސްޓޯރމް ވޯޓަރ ޖަންކްޝަން ބެހެއްޓުމުގެ މަސައްކަތެވެ.

ހޮޅުދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަސައްކަތް ކުރުމަށް އާރްޑީސީއާ ހަވާލުކުރީ 2022 ވަނަ އަހަރުގެ އޮކްޓޫބަރު މަހު އެވެ. މިއީ 71 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ. 

ވެލިދޫގައި މިހާރު ކުރަމުންދަނީ، އޯޝަން މަގުގައި މަގު ބައްތި ޖެހުމުގެ މަސައްކަތާއި، ޗާންދަނީ މަގުގައި ކްރޮސް ކެޗްޕިޓް ރަނގަޅު ކުރުމުގެ މަސައްކަތުގެ އިތުރުން ސޯސަން މަގުގައި ޓްރީ ޕިޓް ބެހެއްޓުމުގެ މަސައްކަތެވެ. 

ވެލިދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަޝްރޫޢަކީ 2021 ވަނަ އަހަރުގެ ނޮވެންބަރު މަހުގައި 88.5 މިލިއަން ރުފިޔާ އަށް އާރްޑީސީއާ ކުރުމަށް ހަވާލުކުރެވުނު މަސައްކަތެކެވެ.

ސެންޓްރަލް ރީޖަންގެ ރަށްތަކުގެ ތެރެއިން، މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ އަނެއް ރަށަކީ އަދ. މާމިގިއްޔެވެ. މާމިގިލީގައި މިހާރު ކުރިއަށްދަނީ، ބޮންތިޖެހި މަގުގައި ދުވާރުގެ މަސައްކަތާއި، ރަށްދެބައި މަގުގައި ކޯނަރ ކާރބް ޖެހުމުގެ މަސައްކަތެވެ. މި މަޝްރޫޢަކީ 95 މިލިއަން ރުފިޔާ އަށް 2020 ވަނަ އަހަރުގެ ސެޕްޓެންބަރު މަހުގައި އާރްޑީސީއާ ހަވާލުކުރެވުނު މަސައްކަތެކެވެ.