ކާމަރަނގައަކީ "ސްޓާ ފުރުޓް" އަށް ދިވެހިން ކިޔާ ނަމެވެ. ތަރިއެއްގެ ބައްޓަމަށް އިންނަ މި މޭވާއަކީ އާންމުގޮތެއްގައި ހުތް މޭވާއެކެވެ. ނަމަވެސް މިއީ ހުތޭ ކިޔާފައި ދޫކޮށްލެވޭ ވަރަށްވުރެ ފައިދާތައް ގިނަ އެއްޗެކެވެ.

ތިރީގައި މި ހިއްސާކޮށްލަނީ ކާމަރަނގައިން ހަށިގަނޑަށް ލިބޭ ބައެއް ފައިދާތަކެވެ.

1. ހަށިގަނޑަށް ބޭނުންވާ ފައިބަރ މަތީ މިންވަރަކަށް ލިއްބައިދިނުމުގެ ސަބަބުން، ކާއެއްޗެހި ހަޖަމުކުރުން ފަސޭހަކޮށްދެއެވެ. 

2. ކާމަރަނގައިގައި ސޮލިއުބަލް ފައިބަރ އެކުލެވޭ މިންވަރު މަތިކަމުން، ނުރަނގަޅު ކޮލެސްޓްރޯލް ލެވެލް ދަށް ކޮށްދެއެވެ. 

3. ކާމަރަނގައިގައި ކެލޮރީސް ހިމެނެނީ ވަރަށް މަދުންނެވެ. ވުމާއެކު، ބަރުދަން ލުއިކުރުމަށް މި މޭވާ އެހީވެދެއެވެ. އެއީ އޭގައި އެކުލެވޭ ވިޓަމިންސް އާއި މިނެރަލަސްގެ ސަބަބުން ގިނައިން ކެއުމާ ދުރުކޮށްދޭތީއެވެ.

4. ކާމަރަނގައިގައި އެކުލެވޭ ޕޮޓޭސިއަމްގެ ސަބަބުން ލޭގެ ޕްރެޝަރު ވަކި ހަމައެއްގައި ހިފަހައްޓައި، ހިތުގެ ބަލިތަކާ ދުރުކޮށްދެއެވެ. 

5. ފެން ގިނަ މޭވާއެއް ކަމުން، މީހާ ހައިޑްރޭޓް ކޮށްދެއެވެ. 

6. ކާމަރަނގައަކީ މާބަނޑު މީހުންނަށް ވެސް ވަރަށް ރަނގަޅު މޭވާއެކެވެ. އެއީ ބަނޑުގައި އޮންނަ ދަރިފުޅު ހެދިބޮޑުވުމަށް ބޭނުންވާ ގިނަ ވިޓަމިންސް އާއި މިނެރަލްސް އަދި ފޮލިކް އެސިޑް އޭގައި ހިމެނޭތީއެވެ. 

7. ވިޓަމިން ސީ، ޒިންކް، މެގްނީޒިއަމް، މެންގަނީޒް، ޕޮޓޭސިއަމް އަދި ފޮސްފަރަސް ފަދަ މާއްދާތަކުގެ އެހީގައި ދިފާއީ ނިޒާމު ވަރުގަދަކޮށްދެއެވެ. 

8. ވިޓަމިން އޭ އިން ލޮލުގެ ފެނުން ރަނގަޅު ކޮށްދެއެވެ.