މޭވާއެކޭ ބުނުމުން އާއްމުކޮށް ސިކުނޑީގައި ދޭނެ ރަހަ އަކީ ފޮނި ރަހައެކެވެ. ހުތް ރަހައެކެވެ. ފޮންޏާއި ހުތުގެ ތާސީރުގެ ތެރެއިން މަޑު ހިތިރަހަ އަކީވެސް ބައެއް މޭވާތަކުގައި ދޭ ރަހައެކެވެ. މި ރަހަ ތަކުގެ ސިއްރަކީ ސްޓާޗް ނަމަކަށް ކިޔާ މާއްދާއެކެވެ. މި ފޮނި ރަހައިގެ ތެރޭގައި އެމުނި އެކުލެވިގެންވަނީ އެކި ކަހަލަ ވިޓަމިން ތަކާއި މިނަރަލް ތަކެވެ.

ވިޓަމިނާއި މިނަރަލަކީ އެތައް ހާސް ވައްތަރެއް އެކުލެވިގެންވާ ބާވަތްތަކެކެވެ. އެކި މިނަރަލްތަކުގައި އެކި ރަހަ ދޭއިރު، ސޯޑިއަމް ނަމަކަށް ކިޔާ މި މިނަރަލް އަކީ އޭގައި ލޮނުރަހަ ދޭ މިނަރަލްއެކެވެ. މިއީ އޭގެ ޒާތަށްވެސް ލޮނުގެ މާއްދާއެކެވެ. މޭވާތަކުގެ ތެރޭގައި ސޯޑިއަމްގެ މާއްދާ ހުންނަ މޭވާ މަދުވާނެއެވެ.

ސޯޑިއަމް ނުވަތަ ލޮނުގެ މާއްދާ އެއްމެ ގިނަ މޭވާ އަކީ ޒައިތޫންޏެވެ. ޒައިތޫނީގައިވެސް ތަފާތު އެތައް ވިޓަމިނަކާއި މިނަރަލެއް އެކުލެވިގެންވީ ނަމަވެސް ލޮނަކީ ޒައިތޫނީގައި އާދަޔާ ހިލާފަށް ގިނަ މިނަރަލެކެވެ. އަދި ޒައިތޫނި ބޭނުން ކުރެވޭ ގޮތަކުން، މި ލޮނުގެ ލޮނުކަން އިތުރުވެދެއެވެ.

މެދު އިރުމަތީގެ ޤަދީމީ ރަށްތަކުގައި ޒައިތޫނުނި ބިންދެ ރައްކާކުރަނީ ލޮނުގެ ތާސީރެއްގައެވެ. ލޮނު ފެނުގައެވެ. މިކަމުގެ ސަބަބުން ޒައިތޫނީގައި ހުންނަ ސޯޑިއަމްގެ މިންވަރު އިންތިހާއަށް އިތުރުވެދެއެވެ. ބުނެވޭ ގޮތުގައި ޒައިތޫނީގައި ހުންނަ މި ސޯޑިއަމްގެ ބޭނުން، މެދު އިރުމަތީގެ ރަށްތަކުގެ މީހުން އޭރު ކޮށް އުޅުނީ ހަނަފަސް ސަހަރާތަކުގައި ގަދަ ހޫނުގައި ދަތުރުކޮށް އުޅޭ އިރު، ގައިން ފެން ބޭރުވިޔަ ނުދީ، ހަށިގަނޑުގެ ތެރޭގައި ފެން ހިފަހައްޓައި ދިނުމަށެވެ. އާދެ! ޑީހައިޑްރޭޝަން އިން ރައްކާތެރި ވުމަށެވެ.

ސޯޑިއަމް ނުވަތަ ލޮނުގެ މާއްދާއަކީ ހަށިގަނޑުގައި ހުންނަ ފެން ހިފަހައްޓައިދޭ މާއްދާއެކެވެ. ހަށިގަނޑުގައި ހުންނަ ފެނޭ މި ބުނެވެނީ މައިދާގެ ތެރޭގައި ހުންނަ ފެނަކަށް ނޫނެވެ. ލޭގެ ތެރޭގައި ދައުރުވާ ފެނަށެވެ. މި ފެނަކީ ލޭ ދިޔާކޮށްދިނުމަށާއި ލޭގެ ޕުރެސަރު ދަށްވިޔަ ނުދީ ހިފަހައްޓައިދޭން އެހީތެރިވެދޭ ފެނެކެވެ. ވުމާއި އެކު ސޯޑިއަމް ގެ ސަބަބުން އެ ފެން ހިފަހައްޓައިދީފައި ހުންނަ ނަމަ، ހޫނު ގަދަވުމުގެ ސަބަބުން ހަށިގަނޑުން ބޭރުވާ ފެނުގެ މިންވަރު މަދުކޮށްދީ، އަލި ލޭގެ ޕުރެސަރު ދަށްވިޔަ ނުދީ ހިފަހައްޓައި ދޭނެއެވެ. މިކަމުގެ ހެއްކަކީ ވަރުބަލިވެ މީހާގެ ހަކަތަ ހުސްވެ، ލޭގެ ޕުރެސަރު ދަށްވުމުން، ލޮނުޕަކެޓު ފެނުން ފަރުވާ ކުރާ ކުރުމެވެ.

ލޮނު އެކުލެވޭ ކިތައްމެ މޭވާއެއް ހުއްޓެއް ކަމަކު، ޒައިތޫނީގައި ލޮނު އެކުލެވިގެން މި ދަނީ އެހެން މޭވާތަކަށްވުރެ ގިނައިންނެވެ. ސިއްޙަތައް އެތައް ފަައިދާތަކެއް ކުރުވާ ޒައިތޫންޏަކީ ދުނިޔޭގެ އެކި ހިސާބުތަކުގައި އުޅޭ އިންސާނުންނަށްވެސް ކެއުމުގައި ބޭނުންކުރަން ފައިދާހުރި، ރަނގަޅު މޭވާއެކެވެ.