އޮކްރާ ނުވަތަ އާއްމު ނަމުންނަމަ، ލޭޑިސް ފިންގާ އަކީ ތަރުކާރީގެ ބާވަތެކެވެ. މިއީ މިއަދު ދިވެހިންގެ ކެއުންތަކުގައިވެސް ބޭނުން ކުރާ ތަރުކާރީއެކެވެ. ދިވެހި ފަސްގަނޑުގައިވެސް މުޑުވައްކޮށް ހައްދާ އުޅޭ ތަރުކާރީއެކެވެ. އޮކްރާއިން އިންސާނާގެ ހަށިގަނޑަށް ލިއްބައިދޭ ފައިދާތަކަށް ނަޒަރެއް ހިންގާލަމާ ހިނގާށެވެ.

އޮކްރާ އަކީ އޭގައި ގިނަ އަދަދަކަށް ފައިބަރު އެކުލެވޭ ތަރުކާރީއެކެވެ. މި ފައިބަރުތަކުގެ ނަތީޖާއަކަށް ވަނީ ހަޖަމުގެ ނިޒާމު ހަރުދަނާކޮށް، ހަޖަމަށް ފަސޭހަކޮށްދިނުމެވެ. އެހެންކަމުން ހަޖަމުގެ ނިޒާމުގެ އެކި އެކި އުނދަގޫތައް ހުންނަ ފަރާތްތަކަށް އޮކްރާ އަކީ ފައިދާހުރި ކާނާއެކެވެ.

އިންސާނާގެ ހަށިގަނޑުގެ ދިފާއީ ނިޒާމު ވަރުގަދަކޮށް ބަދަހިކޮށް ހީވާގިކޮށްދޭ އެއް މާއްދާ އަކީ ވިޓަމިން ސީ އެވެ. ވިޓަމިން ސީ އަކީ އޮކްރާގައި ގިނަ އަދަދަކަށް އެކުލެވޭ މާއްދާއެކެވެ. މީގެ އިތުރުން ވިޓަމިން ކޭ އަކީވެސް އޮކްރާގައި ގިނަ މާއްދާއެކެވެ. ވިޓަމިން ކޭ އަކީ އަކީ އިންސާނާ ކައިއުޅޭ ކާނާގައި ހުންނަ ކެލްސިއަމްގެ ބައި ހަށިގަނޑަށް ނުވަތަ ލޭގެ ތެރެެއަށް ނެގުމަށް އެހީވެދީ، ކަށިތައް ވަރުގަދަކޮށްދިނުމަށް އެހީތެރިވެދޭ މާއްދާއެކެވެ. މިއާއި އެކު އިސްތައްޓަށާއި ހަންގަނޑުގެ ދުޅަހެޔޮކަމަށް ބޭނުންވާ ވިޓަމިން އީ ވެސް އޮކްރާގައި ގިނަ އަދަދަކަށް ހުރެއެވެ.

އޮކްރާއަކީ އޭގައި ގިނަ އަދަދަކަށް އެންޓިއޮކްސިޑަންޓްސް އެކުލެވޭ ތަރުކާރީއެކެވެ. މިއީ އިންސާނާގެ ހަށިގަނޑުގައި ހުންނަ އެކިކަހަލަ ވިހަތައް ހަށިގަނޑުން ބޭރުކޮށްދީ ލޭގެ ސާފުކަން އިތުރުކޮށްދިނުމަށް އެހީތެރިވެދޭ މާއްދާއެކެވެ. މީގެ އިތުރުން މިއީ ހިތުގެ ދުޅަހެޔޮކަމަށްވެސް އެހީތެރި ވެދޭނެ މާއްދާއެކެވެ.

މި ނޫނަސް އޮކްރާ ނުވަތަ ލޭޑިސް ފިންގާ ގައި އިންސާނުންނަށް ފައިދާކުރުވަނި އެހެން މާއްދާތައްވެސް ހުންނާނެއެވެ. މި ބަލާލެވުނީ އާއްމުކޮށް، ގިނައިން އެކުލެވިގެންވާ މާއްދާތަކަށެވެ. ކެއުމުގައި އާދަވެ އޮކްރާ ބޭނުން ނުކުރި ނަމަވެސް މިއީވެސް ކެއުމުގައި ބޭނުންކުރުން މުހިއްމު ތަރުކާރީއެކެވެ.

ހަވާލާ: ހެލްތް ލައިން 2023