އާޚިރަތްދުވަހަށް "އާޚިރަތްދުވަހު"ގެ ނަމުން ނަންދެއްވައިފައިވަނީ އެއީ އެންމެ ފަހުން އަންނާނެ ދުވަސް ކަމުގައި ވާތީ އެވެ. އެ ދުވަހަށް ފަހު އެހެން ދުވަހެއް ނުވާނެތީ އެވެ. އެ ދުވަހުގެ ބޮޑުކަމާއި މުހިއްމުކަމުގެ ބޮޑުކަމުން ޤުރުއާނުގައްޔާއި ރަސޫލު ﷲ  صَلَّى اللّٰهُ عَلَيْهِ وَسَلَّمَ ގެ ޙަދީޘްފުޅުތަކުގައި އެ ދުވަހަށް އެކިއެކި ނަންނަން ދެއްވައިފައި ވެއެވެ.

އާޚިރަތްދުވަހަށް އީމާންވުމަކީ އީމާންކަމުގެ 6 ރުކުނުގެ ތެރޭގައި ހިމެނޭ ރުކުނެކެވެ. އީމާންކަމުގެ ރުކުންތަކުގެ ތެރެއިން ވެސް އެންމެ މުހިއްމު އެއް ރުކުނެވެ. މި ސަބަބަށްޓަކައި މާތް ﷲ ވަނީ އެއިލާހަށް އީމާންވުމުގެ ވާހަކައާ އެކު އާޚިރަތްދުވަހަށް އީމާންވުމުގެ ވާހަކަ ވަރަށް ގިނައިން ގެންނަވައިފައެވެ. ޙަދީޘްގައި ވެސް މިގޮތަށް އައިސްފައިވެއެވެ.

އާޚިރަތްދުވަހަށް އީމާންވުމަކީ؛ އެ ދުވަހަކީ ޔަޤީނުން ވެސް އަންނާނެ ދުވަހެއްކަން ތެދުހިތުން ޤަބޫލުކުރުމެވެ. މީގެ ތެރޭގައި؛ މަރުވުމާއި، ކަށްވަޅުގެ ކަންކަމާއި، އެ ދުވަސް އައުމުގެ ކުރިމަތިވާނޭ ކުދިބޮޑު އެންމެހާ ޢަލާމާތްތަކާއި، ކާއިނާތު ހަލާކުވެގެންދާނެ ކަން ހިމެނެއެވެ. އަދި އެއަށްފަހު އަލުން ދިރުއްވާނޭ ކަމާއި، މަޙްޝަރުކުރެވޭނޭ ކަމާއި، މީސްތަކުންގެ ޢަމަލުތަކުގެ ފަތްތައް އެ މީހުންނަށް ދެއްވާނޭ ކަމާއި، ޙިސާބު ބައްލަވާނޭ ކަމާއި، ޞިރާޠުމަގު ހުރަސްކުރަން ޖެހޭނޭ ކަން ވެސް މިއީ އާޚިރަތަށް އީމާން ވުމުގެ ތެރޭ ހިމެނޭ ކަންކަމެވެ. އަދި މީގެ އިތުރަށް ސުވަރުގެއަށާއި އެ ތަނުގައިވާ ނިޢުމަތްތަކަށާއި، ނަރަކައަށާއި، އެ ތަނުގައިވާ ޢަޛާބުތަކަށް އީމާންވުން ފަދަ އެ ދުވަހާ ގުޅޭގޮތުން ޤުރުއާނާއި ސުންނަތުގައި އައިސްފައިވާ އެންމެހާ ކަންކަމަށް އީމާންވުން ހިމެނިގެންވެއެވެ.

އާޚިރަތްދުވަހަށް އީމާންވާން ޖެހޭ ހެޔޮ ގޮތުގައި އީމާންވާ މީހުން ދުނިޔެ މަތީގައި ތިބޭނީ ހިތްހަމަޖެހިގެންނެވެ. އޭނާ އަށް ދުނިޔޭގައި ކުރިމަތިވާ އުނދަގޫތަކާއި މުޞީބާތްތަކަކީ އާޚިރަތާ އަޅާބަލާއިރު ބުރައެއް ނޫންކަން ވިސްނޭނެއެވެ. ހަމަ އެއާ އެކު، އެފަދަ މީހުން މަސައްކަތްކުރާނީ ދުނިޔަވީ ޙަޔާތުގެ ވަގުތީ ފައިދާއަށްވުރެ އާޚިރަތްދުވަހުގެ ކާމިޔާބާއި ފަލާޙަށެވެ. ދުނިޔޭގެ ދިރިއުޅުމުގައި ޙަރާމްކަންކަމަށް އަރައިނުގަނެ، އިޙްލާޞްތެރިކަމާ އެކު މަސައްކަތް ކުރާނެ އެވެ. ހެޔޮކަންކަން ކުރުމުގައި ހީވާގިވާނެ އެވެ.

މިފަދަ މީހުން ދުނިޔަވީ ނިޢުމަތްތަކާ މެދު ދެކޭނީ، ފަނާވެދާ ނިޢުމަތެއްގެ ގޮތުގައެވެ. ވަގުތީ ހިތްހަމަޖެހުމާއި އުފާތަކެއް ކަމެވެ. ދާއިމީ ނިޢުމަތަކީ އާޚިރަތްދުވަހުގައި ލިބޭ ނިޢުމަތްތައް ކަމުގައެވެ. އޭނާ ދެކޭނީ ދުނިޔަވީ ޙަޔާތަކީ އާޚިރަތަށްޓަކައި ގޮވާންކުރާ ބިމެއް ފަދައިންނެވެ. މޭވާ ކަނޑާނެ ދުވަހަކީ އާޚިރަތްދުވަސް ކަމުގައެވެ.

ބައެއް މީހުން އާޚިރަތްދުވަހަކީ ވަރަށް ދުރުގައިވާ ދުވަހެއް ކަމުގައި ދެކި، އެ ދުވަސް މަތިން ހަނދާން ނައްތައިލައެވެ.  ރަސޫލު ﷲ  صَلَّى اللّٰهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރައްވައިފައިވާ ގޮތުގައި ކޮންމެ މީހަކު ވެސް މަރުވުމާ އެކު އެމީހެއްގެ މައްޗަށް ޤިޔާމަތް ޤާއިމުވީއެވެ. މަރުވުމަށް ފަހު، އިސާހިތަކު ދެން ތެދުވާން ޖެހޭނީ އެ ދުވަހަށެވެ.

ޙަޤީޤީ ނަޞީބުވެރިޔަކީ އެ ދުވަހުގައި މާތް ﷲ ގެ ރުއްސެވުން ލިބި، ނަރަކައިން މިންޖުކުރެވި ސުވަރުގެ ޙާޞިލުވާ މީހާ އެވެ. އަދި ޙަޤީޤީ އަބާއްޖަވެރިޔަކީ އެ ދުވަހުން އަބާއްޖަވެރި ވެއްޖެ މީހާ އެވެ. މާތް ﷲ ވަޙީކުރައްވައިފައިވެއެވެ.  {فَمَن زُحْزِحَ عَنِ ٱلنَّارِ وَأُدْخِلَ ٱلْجَنَّةَ فَقَدْ فَازَ} (آل عمران : ‎  ( 185މާނައީ: "ފަހެ، ނަރަކައިން އެއްކިބާކުރައްވައި، ސުވަރުގެޔަށް ވެއްދެވި މީހާ (ދަންނާށެވެ!)  ފަހެ، އެ މީހަކު ކާމިޔާބު ލިބިގެންފިކަން ކަށަވަރެވެ."

 

(އާޚިރަތްދުވަހަށް އީމާންވުން - އައްޝެއިޚް މުޙައްމަދު ސިނާން؛ ދީނުގެ މަގު، އަހަރު 3، އަދަދު 22، ޞ.2 - 26 މެއި 2023)