ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ދެވަނަ ބުރުގައި މިރޭ ކުޅުނު މެޗުގެ އިތުރުވަގުތުގެ ފަހު ހާފުގައި އާޓެމް ޑޮވްބީކް ކާމިޔާބުކުރި ލަނޑާއެކު ޔޫކްރޭނުން 2-1 އިން ސްވިޑެން ބަލިކޮށް އެ މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރުކޮށްފިއެވެ.

މިއީ އެ ގައުމުގެ ތާރީޚުގައި ބޮޑު މުބާރާތެއްގެ ކުއާޓާ ފައިނަލަށް ދަތުރުކުރި ފުރަތަމަ ފަހަރެވެ. އަދި މިއީ ޔޫރޯގެ ތާރީޚުގައި ސްވިޑެން އަތުން ޔޫކްރޭން މޮޅުވި ދެވަނަ ފަހަރެވެ. މީގެކުރީން، 2012 ވަނަ އަހަރުގެ މުބާރާތުގައި މި ދެ ޓީމު ބައްދަލުކުރި މެޗު ވެސް ޔޫކްރޭނުން ކާމިޔާބުކުރީ 2-1 އިންނެވެ. 

ސްކޮޓްލެންޑްގެ ގްލާސްގޯ ގައި ހެމްޕްޑެން ޕާކްގައި މިރޭ ކުޅުނު މެޗުގެ 27 ވަނަ މިނެޓުގައި ޔޫކްރޭނަށް ލީޑްނަގައިދިނީ އޮލެގްޒެންޑަ ޒިންޗެންކޯ އެވެ، މިއީ އެ ޓީމުގެ ކެޕްޓަން އެންޑްރީ ޔާމޮލެންކޯ ނަގައިދިން ހުރަހަކުން ޒިންޗެންކޯ ކާމިޔާބުކުރި ރީތި ގޯލެކެވެ.

ފުރަތަމަ ހާފު ނިމެން ދެ މިނެޓަށްވެފައިވަނިކޮށް ސްވިޑެންގެ ޒުވާން ފޯވާޑް އަލެކްސެންޑަ އީސަކް ދިން ބޯޅައަކުން އެ ޓީމަށް އެއްވަރުކޮށްދިނީ އެމީލް ފޯސްބާގް އެވެ. މިއީ މި ފަހަރުގެ ޔޫރޯގައި ފޯސްބާގް ޖެހި ހަތަރުވަނަ ލަނޑެވެ. އޭގެކުރީން، އެ ޓީމުގެ ކެޕްޓަން ސެބާސްޓިއަން ލާސަން ހިލޭޖެހުމަކުން ފޮނުވާލި ބޯޅަ ޔޫކްރޭންގެ ކީޕަރު ޖިއޯރްޖީ ބުޝްޗާން މަތަކުރިއެވެ.

ދެވަނަ ހާފުގެ ކުރީކޮޅު ސްވިޑެންގެ ކެޕްޓަން ލާސަން ފޮނުވާލި ބޯޅަ ދަނޑިކައިރިން ބޭރަށްދިޔައިރު، އޭގެފަހުން އެ ޓީމުގެ މިޑްފީލްޑަރު ފޯސްބާގް ފޮނުވާލި ދެ ހަމަލާއެއް ގޯލްގެ ދަނޑިއަށް އަމާޒުވެފައިވެއެވެ. މި ހާފުގައި ޔޫކްރޭންގެ ސެރްހެއި ސިޑޯރްޗުކް ފޮނުވާލި ބޯޅަ ވެސް އަމާޒުވީ ގޯލްގެ އަރިމަތީދަނޑިއަށެވެ. އޭގެފަހުން، ސްވިޑެންގެ ޑޭޔަން ކުލުސެވްސްކީ އަށް ވަނީ އެ ޓީމަށް ލީޑްނަގައިދޭން ދެ ފުރުޞަތެއްލިބި ބޭކާރުވެފައެވެ.

މެޗުގެ ފުރިހަމަވަގުތު ހަމަވިއިރު ދެ ޓީމު 1-1 އިން އެއްވަރުވުމުން، ދެން ކުޅެން ޖެހުނު އިތުރުވަގުތުގެ ފުރަތަމަ ހާފުގެ 8 ވަނަ މިނެޓުގައި ސްވިޑެންގެ ޑިފެންޑަރު މާކަސް ޑެނިއަލްސަން އަށް ވަނީ ރަތް ކާޑު ދައްކާ ދަނޑުން ފޮނުވާލާފައެވެ. ޔޫކްރޭންގެ އާޓެމް ބެސެޑިން އަށް ކުރި މި ޓެކުލާ ގުޅިގެން ރެފްރީ އެންމެ ފުރަތަމަ ޑެނިއަލްސަން އަށް ދެއްކީ ރީނދޫ ކާޑެކެވެ. އެކަމަކު، ފަހުން ވީއޭއާރްގެ އެހީ ހޯދުމަށްފަހު ރެފްރީ ވަނީ އެ ނިންމުން ބަދަލުކޮށްފައެވެ.

އެއް ކުޅުންތެރިއަކު މަދުން ކުޅެން ޖެހުމުން ސްވިޑެން އަށް އުނދަގޫތައް ކުރިމަތިވެފައިވާއިރު، ދެ ޓީމަށް އިތުރު ގޯލެއް ކާމިޔާބުނުކުރެވި 1-1 އިން އެއްވަރުވެގެން ނިމެން ދަނިކޮށް ޔޫކްރޭން މޮޅުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް ޑޮވްބީކް އެވެ. މިއީ އެ ޓީމުގެ ހުނަރުވެރި މިޑްފީލްޑަރު ޒިންޗެންކޯ ނަގައިދިން ރީތި ހުރަހަކުން ޑޮވްބީކް ބޮލުން ފޮނުވާލައިގެން ކާމިޔާބުކުރި ގޯލެކެވެ.

މި މުބާރާތުގެ ކުއާޓާ ފައިނަލްގައި ޔޫކްރޭން ނިކުންނާނީ އިންގްލެންޑާ ދެކޮޅަށެވެ. މި ދެ ޓީމު ބައްދަލުކުރާ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ޖުލައި މަހުގެ 4 ވާ އާދީއްތަ ދުވަހުގެ ދަންވަރު 12 ޖަހާއިރު ރޯމްގެ އޮލިމްޕިކް ސްޓޭޑިއަމްގައެވެ.