އަހަރުމެންގެ ޅަދަރީންނަކީ އަހަރުމެންގެ ލޮލުގެ ނޫރެވެ. ބަނޑު ބޮޑުވުމާއި ހިސާބުން ދެމަފިރިންނަށް ވެސް އިންތިޒާރު ކުރެވެނީ އެ ދަރިފުޅު ލޮލަށް ފެންނާނެ ދުވަހަކަށެވެ. ދަރިފުޅު އުފަންވެ ހަރުފަތަކަށްފަހު ހަރުފަތެއް ގިރާ ކުރަމުން އަންނައިރު ވަރަށް ގިނަ ތަޖުރިބާތަކެއް ކޮންމެ މަޔަކުވެސް އަދި ބަފަޔަކުވެސް ކުރެއެވެ. ދަރިންނަށް ދެރައެއް ލިބެން އެއިން އެކަކުވެސް ނޭދެއެވެ. ނަމަވެސް ދަރިންނާމެދު ޢަމަލު ކުރެވޭ ގޮތެއްގެ ސަބަބުން ދަރިން ރަނގަޅު މަގުން ކައްސާލައިގެން ދާތަން ފެނެއެވެ. އެނގިގެންނާއި ނޭނގިއެވެ. އެހެންކަމުން ދަރިން ރަނގަޅު މަގުގައި ބޭތިއްބުމަށް ކޮންމެހެން ކުރަން ޖެހޭ 8 ކަމެއް ހިމަނާލާނަމެވެ.
ބުނާ ކޮންމެ އެއްޗެއް ހޯދައި ދިނުމުގެ ބަދަލުގައި ދަރިފުޅު އެ ބުނާ އެއްޗެއް ކޮންމެހެން ވެސް ހޯދަން ޖެހޭ އެއްޗެއްތޯ ބަލާށެވެ. ބުނާ ކޮންމެ އެއްޗެއް ކޮންމެ ފަހަރަކު ހޯދައި ދޭނަމަ، ދަރިފުޅު ބޮޑުވެގެން އަންނައިރު ގަބޫލު ކުރާނީ ބޭނުން ކޮންމެ އެއްޗެއް ލިބެން ޖެހޭނެކަމަށެވެ. ގޭތެރެއިން މިކަން މިހެން ހިނގާނަމަ، އެހެން މާހައުލުތަކުގައި މިކަން ތަކުރާރު ވާނެއެވެ.
ބޭއަދަބީ ބަހުން ދަރިފުޅު އެއްޗެއް ބުނުމުން ހީ ހެދުމުގެ ބަދަލުގައި އެއީ ގޯސްކަމެއްކަން އަދި ރަނގަޅު ގޮތް ކިޔައިދޭށެވެ. އޮޅިގެންވެސް ބޭއަދަބީ ބަހެއް ނުވަތަ އެއްޗެއް ގޯސްކޮން ދަރިފުޅު ބުނުމުން ހީ ހަދާނަމަ، މަލާމާތް ކުރުމަކީ މަޖާކަމެއްކަމުގައި ވިސްނޭނެއެވެ.
ގޯސްކޮން ކަމެއް ކުރާނަމަ، ނަސޭހަތް ދޭށެވެ. އަޅާ ނުލައި ނުހުންނާށެވެ. ނަމަވެސް ބާރަށް އަޑުލައި ނުހަދާށެވެ. ރީތިބަހުން މަޑުމައިތިރިކަމާއެކު އެކަމާ ވާހަކަ ދައްކާށެވެ. އަޅާ ނުލައި ހުންނަން ފަށައިފިނަމަ، ދަރިފުޅަށް ވިސްނޭނީ ކަންކަމުގައި ހަމައެއް ލަމައެއް ނޯންނަކަމަށެވެ. ކޮންމެ ކަމެއް ކުރެވިދާނެކަމުގެ ވިސްނުން އެ ކުދިންނަށް އަންނާނެއެވެ.
ދަރިންގެ 'ހަޑި' ފިލުވުމަކީ ދަރިންގެ ޒިންމާއެއް ކަމުގައި އެންމެ ކުޑައިރުން ފެށިގެން ވިސްނައިދޭށެވެ. ގެންގުޅޭ ކުޅޭ އެއްޗެހި ކުޅެ ނިމުމުން ތަރުތީބު ކުރުމާއި، ގެންގުޅުނު ޖޫސްތަށި ބަންޑުން ދިޔުމުން ސާފުކޮށްލުން ކަހަލަ ކަންކަން ދަރިން ލައްވާ ކުރުވާށެވެ. އެހެން ނޫނީ ބޮޑުވެގެން އަންނައިރު އަމިއްލަ ޒިންމާ ނޭނގޭނެއެވެ. މީހުންނާ އިންނަވަރު ވާއިރު އެނދުގައި ބެޑުޝީޓު އަޅާލަން ނޭނގެނީ އެހެންވެއެވެ.
ދަރިން ބަލާ ވީޑިއޯ، ފިލްމު އަދި ސައިޓްތައް ކައިރިން ބަލާށެވެ. ބަލަނީ އުމުރާ، ދީނާ، ޘަޤާފަތާ ފުށު ނާރާ ތަކެތިކަން ޔަޤީން ކުރާށެވެ. އެހެން ނޫނީ ޔޫޓިއުބުން ފެށި ކަންކަން ނިމިގެންދާނީ މާ ނުބައިކޮށެވެ. އަދި ކުޑަކުދިންނާއި ބޮޑެތި މީހުންގެ ތަފާތު އޮޅިގެން ދިޔުމަކީ އެކަށީގެންވާ ކަމެކެވެ.
ބުނާ ކޮންމެ ފަހަރަކު ބުނާ ވަރަކަށް ރުފިޔާ ދިނުމުގެ ބަދަލުގައި އެކަމުގައި ހައްދެއް ގެންގުޅޭށެވެ. ރުފިޔާގެ މުހިންމުކަން ވިސްނައިދޭށެވެ. ރުފިޔާ ހޯދުމަކީ ކިހާ އުނދަގޫ ކަމެއްކަން ވިސްނައިދޭށެވެ. އަދި އަމިއްލަ މަސައްކަތުން ރުފިޔާ ހޯދުމުގެ މުހިންމުކަން ވިސްނައިދޭށެވެ. އެހެން ނޫނީ ފައިސާގެ މުހިންމުކަން ނުވިސްނޭނެއެވެ.
ދަރިފުޅު ގޯސްކަމެއް ކުރުމުން ދަރިފުޅުގެ ފަހަތަށް ނާރާށެވެ. އެކަން ދިފާޢު ކުރަން ނަމަނަމަ ނޫޅޭށެވެ. ޕޮލިހުންނާއި ޓީޗަރުންނާއި އަވަށްޓެރިންނާ ދިމާލަށް ދަރިފުޅު ކުރި ގޯސް ކަންތައް ދިފާޢު ކުރުމަށް ނުދާށެވެ. އެ ދެވެނީ ވަރަށް ނުރައްކާތެރި މެސެޖެކެވެ. ދަރިފުޅަށް ވިސްނޭނީ ކޮންމެ ކަމެއް އެއީ ރަނގަޅު ކަމެއް ކަމުގައެވެ. އަދި އެކަން މައިންބަފައިން ދިފާޢު ކުރަން ތިބޭނެކަމަށެވެ.
މިސްކިތަށް ދާއިރު ދަރިފުޅު ގޮވައިން ދާށެވެ. ކުޑައިރުން ފެށިގެން އެކަމަށް އާދަ ކުރާށެވެ. މިސްކިތަށް ބައްޕަ ދާއިރު ދަރިން ނުގެންދާނަމަ، ދީނަށް އެ ކުދިން ބީރައްޓެހިވާން ފަށާނެއެވެ. އަދި އަޅުކަމުގެ މުހިންމުކަން ވިސްނޭލެއް ކުޑަވާނެއެވެ.
މި ދެންނެވި ކަންތައްތަކަކީ ދަރިން ހެޔޮ ގޮތުގައި ތަރުބިއްޔަތު ކުރުމުގައި ކޮންމެހެންވެސް ވިސްނާންޖެހޭ ދާއިރާ ތަކެއްކަން ޔަޤީނެވެ.
ހިޔާލު
ފޮނުއްވާ ޚިޔާލުތައް ޝާއިޢުކުރެވޭނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭތޯ ބެލުމަށް ފަހު ކަމުގައި ދަންނަވަން