މިއީ ދިވެހި ރާއްޖޭގެ ދެކުނުގެ ރަށެއްގައި ހިނގައިދިޔަ ހަގީގީ ހާދިސާއެކެވެ. މިވާހަކަ ހިއްސާ މިކޮށްލެވެނީ އެފަރާތުގެ އިޒުނައާއި އެކުގައެވެ. މިވާހަކައިގައި ބޭނުން ކުރެވޭ ނަންތަކަކީ އަސްލު ނަންތަކެއް ނޫނެވެ.

އައިޝާ އަކީ އުމުރުން ދުވަސްވެފައިހުރި މީހެކެވެ. 65 އަހަރުން ދޮށި، ރަށު އިސް ރަށްވެއްސެކެވެ. އޭނާގެ ހަ ދަރިން ދުނިޔޭގައި އެބަ ތިއްބެވެ. އެއިން ކޮންމެ ދަރިއަކު ވެސް މީހުންނާ އިނދެ ޒަވާޖީ ހަޔާތެއް ފަށައިފިއެވެ.

އައިޝާގެ އުމުރު ދޮށިކަމާއެކު އޭނާ އަކީ މިއަދު އަތްފައިން މަސައްކަތް ކުރެވޭ ވަރަށްވުރެ ބަލި މީހެކެވެ. ދުވަސްތައް ގުނަމުން ގޮސް އައިޝާގެ ހުރިހާ ދަރިންނަށް ކުދިން ލިބިއްޖެއެވެ. ފަހަރަކު ދަރިއަކަށް ކުއްޖަކު ލިބެމުންގޮސް، ހުރިހާ ދަރިންނަށް ވެސް ކުދިން ލިބިއްޖެއެވެ. 

ޖުމުލަ ހަ މާމަ ދަރިން އައިޝާއަށް ލިބުނެވެ. ކޮންމެ ދަރިއަކުވެސް އެދަރިއެއްގެ ހާލައިގެން އުޅެން ވުމުން، މާމަ ދަރިން ބަލަން ޖެހިފައި އޮންނަނީ އައިޝާ އަށެވެ. އެއިން ކޮންމެ ދަރިއެއްގެ މަންމަ އާއި ބައްޕަ އުޅެނީ ކޮންމެވެސް ވަޒީފާއެއްގައެވެ. ކޮންމެ ދުވަހަކު ގާތްގަނޑަކަށް 8 ގަޑިއިރުވަންދެން ހަ ދަރިން ބަލަން އައިޝާއަށް މިއަދު ވަނީ ޖެހިފައެވެ.

މިއީ އައިޝާ ކުރާ ޝަކުވާއެއް ނޫނެވެ. އައިޝާ އެ ކުދިންދެކި އިންތިހާއަށް ލޯބިވެއެވެ. އަބަދުވެސް އައިޝާ އާއި އެކު ވާން ބޭނުން ވެއެވެ. އެހެނަސް އުމުރުން ދުވަސްވެ ގައިގެ ބާރު ދެރަވެފައިވި އައިޝާއަށް ހަ ކުދިން ބަލަން ޖެހުންވީ ފަސޭހަކަމަށް ނޫނެވެ. އުމުރުގެ ބާކީ އޮތް ދުވަސްތައް، ހައްޓަށް ލުއިކޮށް ނަފްސަށް އަރާމުކޮށް ހޭދަކުރުމުގެ ވިސްނުމުގައި އާރާސްތުކުރި ދިރިއުޅުމުން އައިޝާއަށް ލިބެން ފެށީ ވޭން ތަކެކެވެ. އެހެނަސް އެ ކުދީން ދެކި ވީ ލޯތްބެއްގެ ބޮޑުކަމުން އެކަމާ އުއްފުވެސް ނުބުނެ އައިޝާ ކެތްކުރިއެވެ.

އެގޮތުގައި ދުވަސްތައް ހޭދަވަމުން ގޮސް، ކުއްލި ގޮތަކަށް އައިޝާގެ ފުރާނަ އޭނާގެ ހަށިގަނޑާ ވަކިވިއެވެ. އޭނާގެ ދަރިން އެކަމާ ހިތާމައިގެ މައްޗަށް ހިތާމަ ކުރިއެވެ. އޭގެ ފަހުން އެއިން ކޮންމެ ދަރިއަކަށް އެމީހުންގެ ދަރިން ބަލަން މަޖުބޫރުވެއްޖެއެވެ. މާގިނަ ދުވަސްތަކެއް ނުވެ އެއާއިލާތަކުގައި މައްސަލަތައް ޖެހެން ފެށިއެވެ. އެހެނަސް އެތަނުން އެއް ދަރިއަކަށް ހެޔޮ ވިސްނުން ލިބުނެވެ. 

އޭނާއަށް އިހުސާސްވީ އައިޝާއަށް އެމީހުންގެ ފަރާތުން ދެވުނު އުނދަގުލެވެ. ކޮންމެ ދަރިއަކު ނުވަމަހާ ނުވަ ދުވަހާއި، ވިހެއުމުގެ ވޭނާއި، ބަލާ ބޮޑުކުރުމުގެ ތަކުލީފު އައިޝާ އުފުލިކަން އެދަރި ހަނދާންވިއެވެ. އައިޝާ ގައި ބާރު ދެރަވިދުވަހު އެއިން ކޮންމެ ދަރިއަކު އަނެއްކާ އައިޝާގެ ބޮލަށް އެ ތަކުލީފުތައް ޖެހުނު ކަމުގެ އިހުސާސް ކުރެވުނެވެ.

އޭގެ ފަހުން އެ އިން ކޮންމެ ދަރިއަކުވެސް އެމީހުންގެ ކުދިން ބެލުމަށް އެކަކު ގޭގައި މަޑުކުރަން ނިންމިއެވެ. ބާއްޖަވެރި ހަޔާތެއް ލިބޭނީ އޭރުން ކަން އިހުސާސް ކުރެވުނެވެ. ދަރިންނާއި އެކު ވަގުތު ހޭދަކުރުމާއި އެދަރިންގެ ޣަރީޒާތައް ފުއްދައި ދިނުމަކީ ކޮންމެ މަޔަކާއި ބަފައެއްގެ ޒިންމާއެކެވެ. އަދި ދަރީން، މައީންގެ ކިބައިން ކަންކަމަށް އެދޭ އިރު، މައިންގެ ހާލަށްވެސް ވިސްނުން މުހިންމެވެ.

މިހާދިސާ ހިއްސާ ކޮށްދެއްވީ މިހާދިސާ ގާތުން ދެކުނު މީހެކެވެ.