ގޭތެރެއަކީ ކާތަކެއްޗާއި އަންނައުނާއި ބައެއް ފަހަރު އޮޅުޖަނަވާރު ގެންގުޅޭ ތަނަކަށް ވެފައި، ވައި ދައުރު ކުރުމުގެ ނިޒާމް ހުންނަ ގޮތަކުން ވަރަށް ގިނަ ފަހަރަށް ގޭތެރޭގައި ފާޑުފާޑުގެ ނުބައިވަސް ހަރުލާފައި ހުރެއެވެ. މިހެން ގޭތެރޭގައި ހުންނަ ވަހެއް ބޮޑަށް ފާހަގަކުރެވޭނީ ގޭގައި އުޅޭ މީހުންގެ ބަދަލުގައި ބޭރުން އަންނަ މީހުނަށެވެ. އެހެންކަމުން ގޭތެރެއަކީ އަބަދުވެސް މީރުވަސްދުވާ ހިތްގައިމުތަނަކަށް ހަދަން ކޮންމެ މީހަކު މެ ބޭނުންވެއެވެ. ގޭތެރެ ޒީނަތްތެރިވެފައި މީރުވަހެއް ލިބޭނަމަ މިއަށް ވުރެ ކުރަން ރަގަޅު ކަމެއް ނެތެވެ. މިއަދު މި ބަލާލަނީ މިފަދައިން ގޭތެރޭގެ ވަސް މީރުކޮށް ބެހެއްޓުމަށް އެހީތެރިވެދޭ ބައެއް ގަސްގަހަށެވެ. މިތަނުން ކޮންމެވެސް ގަހެއް ގޭތެރޭގައި ހައްދައިގެން ތަފާތު ބަލާލާށެވެ.

  1. ގަރޑީނިޔާ

ގަރޑިނިޔާއަކީ އެންމެ މީރުވަސް ދުވާ އެއްމަލުގެ ލަގަބު ލިބިފައިވާ މަލެވެ. ކޮންމެ މީހަކަށްވެސް ފާހަގަ ކުރެވޭ ފަދަ ގަދަ ވަހެއް ހުންނަ މި މަލަކީ ހެނދުނު އަވީގައި ޖައްސާފައި މެންދުރުފަހު ހިޔަލުގައި ބެހެއްޓޭނެ ގަހެކެވެ.

  1. ޖެރޭނިއަމް

ޖެރޭނިއަމް އަކީ ވަރަށް ގިނަ ތަފާތު ވަސް ހިމެނޭ މަލެކެވެ. މީގެ ތެރޭގައި އާފަލު، ލުނބޯ އަދި ސްޓްރޯބެރީ ފަދަ ވަސްތައް ހިމެނެއެވެ. މިއީ ހިކި ފަހުގައި ހެދޭ، ބަލަހައްޓަން ފަސޭހަ ގަހެކެވެ. އެއް ގަސް ހައްދައިފިނަމަ އިތުރު ވަހެއް ދުވާ ގަހެއްވެސް ހައްދާ ހިތްވާނެއެވެ.

  1. ގުލްސަންޕާ

ރާއްޖެ ފަދަ ޖަޒީރާ ގައުމުތަކުގައި ހެދޭ މި ގަހަކީ އެންމެ ފުރަތަމަ ހަވާއީ އިން ފެނުނު ގަހެކެވެ. މީގެ ވަރަށް ގިނަ ކުލަތައް ރާއްޖޭގައިވެސް ހައްދާއުޅެއެވެ. މީގެ ތެރެއިން ގޭތެރޭގައި ހެއްދުމަށް އެންމެ ރަގަޅު ކަމަށް ބެލެވެނީ ރުބްރާ ކިޔާ ބާވަތެއްގެ ގަހެވެ. މިމަލުގެ ބޭނުންކޮށްގެން ސެންޓާއި، އުއްބައްތި އާއި ލޯޝަން ހަދާ އެސެންޝިއަލް ތެޔޮވެސް ހަދައެވެ. މިމަލުގެ ބޭނުންކޮށްގެން އުފައްދާ އެކި ސެންޓްގެ ތެރޭގައި ފިނިފެންމާ، އަލަނާސި، ޕްލަމް، ލުނބޯގެ އެކި ބާވަތްތައް، ދޮންކެޔޮ، މޭބިސްކަދުރު، ކާށި އަދި އިނގުރުގެ އިތުރުން މެޓަޔާއި ހަވާދުގެ އެކި ވަސް ހިމެނެއެވެ.

  1. އޯކިޑް

އޯކިޑަކީ ހަމަ އެކަނި ބަލާލަން ރީތި މަލެއް ނޫނެވެ. ގިނަ ދުވަހަށް މާފޮޅިފައި ހުރުމުގެ އިތުރުން މިއީ ވަރަށް މީރުވަހެއްވެސް ދުވާ މަލެކެވެ. އޯކިޑްގެ ބައެއް ވައްތަރުން ވެނީލާ ނުވަތަ ފޮނިތޮށީގެ މީރުވަސް ދުވާނެއެވެ. މިއީ ހިޔަލުގައި ބަހައްޓައިގެން ފެން ސްޕްރޭކޮށްގެން ވަރަށް ފަސޭހައިން ހެއްދޭނެ ގަހެކެވެ.

  1. ހުވަނދުމާ

ހުވަނދު މަލަކީވެސް ބާވަތްތައް ވަރަށް ގިނަ މަލެކެވެ. މީގެ ތެރެއިން ހަމަ ކޮންމެ ވައްތަރެއްގައިމެ ވަރަށް ގަދަ އަދި ހިތްހައިމު ވަހެއް ހުރެއެވެ. މިއީ ކޮންމެ ދުވަހަކު ހަވީރަށް ފޮޅޭ މަލެކެވެ. ކުޑަކޮށް އަވިދޭ ކުޑަދޮރެއް ކައިރީގައި ވަރަށް ފަސޭހައިން މި ގަސް ހައްދާލެވޭނެއެވެ.

  1. ކުދީނާ

ކުދީނާ ގަހަކީ މަލެއް ނޭޅި ނަމަފެސް ފަތުގައި ވަރަށް މީރު، ރޫހު ތާޒާކޮށްދޭ ފަދަ ވަހެއް ހުންނަ ގަހެކެވެ. މިއީ ކެއްކުމަށްވެސް ބޭނުންކުރެވޭ ފަތެއްކަމުން ގިނައިން ހައްދާފައި ބެހެއްޓުން ބުއްދިވެރި ގަހެކެވެ.