ދުނިޔޭގައި އިންސާނާ ޢިލްމު ހޯދުމަށާއި އެ އިލްމުލިބިގަތުމަށް ބުރަ މަސައްކަތްތަކެއް ކުރެއެވެ. އެތައް ގުރުބާނީތަކެއް އެކަމަށްޓަކައި ވެއެވެ. އެތައް ބޮޑެތި ހަރަދުތަކެއް ކުރެއެވެ. ގައުމުން ބޭރުގައި އާއިލާއާއި ދުރުގައި އެތައް އަހަރުތަކެއް ހޭދަކުރެއެވެ. ބީރައްޓެހި މާހައުލަކަށް ހުށަހެޅިގަނެއެވެ. މިއީ ހައްތަހާވެސް ޢިލްމޭ މިކިޔާ އެއްޗެއް ހޯދުމަށް ގިނަބަޔަކު ވަމުންދާ ގުރުބާނީގެ މަދު މިންވަރެކެވެ.

ގަބޫލުކުރަން ޖެހޭ ހަގީގަތަކީ ޢިލްމަކީ މާތް ﷲ ގެ ފަރާތުން އިންސާނުންނަށް ލިބޭ ނިއުމަތެއް ކަމެވެ. ވީ އިރު އެމީހަކަށް ލިބިފައިވާ ޢިލްމެއްގެ މައްޗަށް އޭނާ ބޮޑާވުމުގައި އޮތީ ކޮން ހައްގެއް ހެއްޔެވެ. އާދޭހެވެ! ބުރަ މަސައްކަތާއި އެކު ހޯދޭ މޮޅެތި ޢިލްމުތަކުގެ ސަބަބުން އިންސާނާއަށް އުފާވެރިކަން ވެރި ކުރުވައެވެ. ހިތްހަމަޖެހުމާއި ނަފްސުގެ ފަހުރުވެރިކަން އިހުސާސް ކުރެވެއެވެ. މިކަންކަމުގައި އެއްވެސް އިއްލަތެއް ނެތެވެ. ނަމަވެސް ޢިލްމުގެ ސަބަބުން ބޮޑާވެގަތުމަކީ ހާދަހާ ނުބައިވެގެންވާ ކަމެކެވެ.

އިންސާނާއަށް ލިބިފައިވާ ޢިލްމުގެ ސަބަބުން ބޮޑާވެގަންނަ މީހުންނަކީ "އަލިކަމެއްގެ ތެރޭ، ހިނގާ ކަނު ބައެކެވެ." އެ ބައިމީހުންގެ ވަށައިގެންވީ އަމާން ކަމެވެ. އުފާވެރިކަމެވެ. ހިތްހަމަޖެހުމެވެ. ނަމަވެސް އެ ޢިލްމުގެ މައްޗަށް އޭނާ ބޮޑާ ވުމުގެ ނަތީޖާއަކީ އެ އުފާވެރިކަމާއި އަމާންކަން އެމީހެއްގެ ކިބައިން ފިލައިގެން ދިއުމެވެ.

ކީރިތި ޤުރުއާނުގެ އެތައް ތަނެއްގައި ބޮޑާވެ ކިބުރުވެރިވާ މީހުންގެ ނުބައިކަން ބަޔާންކުރައްވާ އާޔަތްތައް އައިސްފައި ވެއެވެ. އެގޮތުން ލުޤްމާން ސޫރަތުގެ 18 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައި ވެއެވެ. ހަމަކަށަވަރުން، ކިބުރުވެރިވެ، ބޮޑާވެރިވާ އެއްވެސް މީހަކުދެކެ اللَّه ލޯބިވެވޮޑިގެނެއް ނުވެތެވެ." މިއާޔަތުން އެނގޭ ގޮތުގައި އެއްވެސް ކަމެއްގެ މައްޗަށް އިންސާނާ ބޮޑާވެގަތުމެއް ކިބުރުވެރި ވުމެއް ނެތެވެ. އެހެނީ އެއީ މުދަލާ ފައިސާ ކަމުގައި ވީނަމަވެސް ހެވެއެވެ. އަދި ކިއެއްތަ ޢިލްމެެއް ކަމުގައިވިޔަސަ ހެވެއެވެ.

ޢިލްމުގެ މައްޗަށް ބޮޑާވެ ގަތުމަކީ ކޮބާހެއްޔެވެ؟ ނުވަތަ ތިމާއަށް ލިބިފައިވާ ޢިލްމުގެ ސަބަބުން ބޮޑާވެރި ވެވެނީ އެމީހެއްގެ ޢަމަލުތައް ކިހިނެތް ބަހައްޓައިގެން ހެއްޔެވެ؟ މީހަކަށް ލިބޭ ޢިލްމަކީ އެމީހެއްގެ މަގާމު އުފުލިދާނޭ ކަމެކެވެ. ވީއިރު ތިމާއަށް ލިބޭ މޮޅު ކަމުގެ ސަބަބުން ތިމާގެ ދަށުގައި ތިބި އެހެން މީހުންނާއި ދޭތެރޭ ކުޑައިމީސްކޮށް ކަންތައް ކުރުމަކީ ބޮޑާވެރިވުމެވެ. އަދި ކިއެއްތަ ތިމާ އަށް ލިބިފައި ހުރި ޢިލްމެއް އެހެން މީހަކަށް ނޭނގޭނޭ ކަމަށް ހީކުރުމާއި ތިމާގެ ބަސް ނޫން ބަހެއް ވިކިގެން ނުވާނޭ ކަމަށް ހީކުރެވުމަކީވެސް ބޮޑާވުމެވެ. މީގެ އިތުރުން ތިމާ ބޭނުން ކަމެއް ބޭނުން ވަގުތަކު ވާންޖެހޭނޭ ކަމާއި ތިމާއީ ސާހިބެއްކަމުވެ އިހުސާސް ކުރެވުމަކީވެސް ބޮޑާވެގަތުމެވެ. ލިބުނު ޢިލްމާއި އެކު ލިބޭ ބޮޑު މުސާރައަށް ފަހުރުވެރިވެ އެކަމަށް ބޮޑާވެގަތުމަކީވެސް ޢިލްމަށް ބޮޑާވުމުވެ ތެރޭގައި ހިމެނޭ ކަމެކެވެ.

އޭ ޢިލްމުގެ އަހުލުވެރީންނޭވެ! ތިބާ ބުރަ މަސައްކަތުން ޢިލްމު ހޯދުމަކީ އެކަމުގެ މައްޗަށް ތިބާ ބޮޑާވާން އޮތް އުޒުރެއް އަދި މަގެއްވެސް ނޫނެވެ. ތިބާ ކިތަންމެ ބުރަކޮށް މަސަައްކަތް ކުރިނަމަވެސް މާތް ﷲ ތިބާއަށް ދެއްވަން ނެތް ޢިލްމެއް ތިބާއަކަށް ނުލިބުނީހެވެ. އެހެންކަމުން ޢިލްމުގެ އަހުލުވެރީން، ހިތް ތިރިކޮށް އުޅެން ދަސްކުރަންވާނެއެވެ. ﷲ އަށް ޝުކުރު ކުރުން ގިނަކުރަން ވާނެއެވެ. ތިބާ އަށް ލިބިފައިވާ ޢިލްމަކުން ފައިދާއެއް ކިރިޔާވެސް ކުރާނީ އޭރުންނެވެ.