ތުއްތު ކުއްޖަކު ދުނިޔެއަށް ނޭވާލާ ހިސާބުން ފެށިގެން އެކުއްޖާ އަކީ ދިރިއުޅެމުންދާ މާހައުލުން ކަންކަން ދަސްކުރަމުންދާ ކުއްޖެކެވެ. ފެންނަ މަންޒަރު ތަކާއި އިވޭ އަޑުތަކާއި ކުރެވޭ އިހުސާސްތަކަކީ ކުއްޖާ ދުނިޔެ ދަސްކުރުމުގެ މަދަރުސާ ނުވަތަ މަސްދަރެވެ.

ތުއްތު އިރު ކުއްޖާގެ ސިކުނޑިއަށް ވަންނަ ކަންކަމާއި ސިކުނޑީގައި ހަރުލާ ހަނދާން ތަކަކީ އެކުއްޖާގެ ދިރިއުޅުން ބައްޓަންވެ ކުއްޖާގެ އަމަލުތަކާއި އަހުލާގިއްޔާތު ބިނާވެގެން ދާނެ އަސްލިއްޔަތެވެ. ދަރިންގެ ދިރިއުޅުން ހެޔޮގޮތުގައި ބިނާކުރުމުގެ އެންމެ ބޮޑު ޒިންމާ ކޮނޑުގައި އެޅިފައިވާ ފަރާތް ތަކަކީ އެކުދިންގެ މައިންބަފައިން ނެވެ. އެކުއްޖާ މަންމަގެ ބަނޑުގައި ގަރުބަގަތީއްސުރެ އެކުއްޖާގެ ސިއްހަތާއި، ސަލާމަތާއި ރައްކާތެރިކަމަށް ވިސްނާ އެކުއްޖާގެ ފުރާނައިގެ މައްޗަށް ފަރުވާތެރިވުމުގެ ޒިންމާ ފެށިގެން ދެއެވެ.

ދުނިޔެއަށް ނޭވާލާން ފަށާ ހިސާބުން ދަރިފުޅުގެ ޒިންމާތަށް ބޮޑުވެ އެކުއްޖާއާއިމެދު ބަހައްޓަން ޖެހޭ ފަރުވާތެރިކަމާއި ރައްކާތެރިކަން ދޭން ޖެހޭ މިންވަރު އެތައް ގުނައަކަށް އިތުރުވެގެން ދެއެވެ.

ދަރިންނަކީ މައިންބަފައިންގެ މައްޗަށް މާތްﷲ ލެއްވި އަމާނާތެކެވެ. ދުނިޔޭގައި އިންސާނަކަށް ދެއްވާނެ އެންމެ ބޮޑު އެއް ނިޢުމަތެވެ. ހިތާއި ލޮލަށް ދެއްވި ފިނިކަމަކެވެ. އެހެނަސް ހިތަށާއި ލޮލަށް ފިނިކަން ލިބިގެން ދާނީ އެދަރިންގެ ޢަމަލުތައް ސީދާވެ، ރަނގަޅުވުމުންނެވެ. ދަރިންގެ ޢަމަލުތަކުގެ ބިންގާ ކައްޗަށް އެޅިއްޖަނަމަ އެކަން ބަދަލުވެގެން ދާނީ ވަރަށް ބޮޑު މުސީބާތަކަށެވެ. އެ ކަމުގެ ސަބުބުން އެ މީހާގެ ނަފްސު ހިތާމައިން ހަލާކުވެހިނގައިދާނެ ކަމަކަށެވެ.  މިހެން މިކަން އޮތް އިރު މާތްﷲ އަހަރެމެންނަށް ދެއްވާފައިވާ އަމާނާތާއި ދޭތެރޭގައި ނުހަނު ފަރުވާތެރިވާންޖެހެއެވެ.

މި އަމާނަތާމެދު ޤިޔާމަތް ދުވަހުން އަހަރެމެންނާއި ސުވާލު ކުރެވޭނެކަން ކީރިތި ޤުރުޢާންގައި ﷲ ވަޙީކުރައްވާފައިވެއެވެ. މިގޮތުން ދަރިންނަށް ހަލާލު ރިޒުޤު ކާންދިނުމަކީ މައިންބަފައިންގެ ޒިންމާއާއި ވާޖިބުގެ ތެރެއިން ހިމެނިގެންވާކަމެކެވެ. އަދި އެކުދިންނަށް ސާފުތާހިރު އަންނައުނު ހޯދައިދިނުމާއައެކު ރީތި ސާދާ އަދަބުތަށް  ކުއްޖާގެ ގައިގައި ހަރުލެއްވުމަށް ހިތްވަރާއެކު މަސައްކަތް ކުރަންވާނެއެވެ. ދަރިއަކަށް ކުޑަކުޑަ ކަމެއް ދިމާވިކަމުގައިވީ ނަމަވެސް މަންމަގެ މުޅި ހިތާއި ހަށިގަނޑަށް އެކަމުގެ އަސަރުކުރާނެއެވެ. މިއީ ދުނިޔެ އެކަމަށް ހެކިދޭނެ ހަޤީގަތެވެ. ނަމަވެސް ބައެއް މައިންބަފައިންގެ ކިބައިން އިސްވެދިޔަ ގޮތްތަކާއި ޚިލާފު ޢަމަލުތައް ފެނިގެން ދިއުމަކީ ހިތާމަ ހުރި ކަމެކެވެ. މަންމަގެ އޯގާތެރިކަމަށް އެދި އެދި ހުންނަ ތުއްތު ދަރިފުޅު ނުވަތަ މައުސޫމު ޅަދަރިން މައިންބަފައިންގެ ނުބައިވަކިތަކުގެ ސަބަބުން މިދުނިޔެއިން ވަކިވެގެން ދަނީއެވެ. ތުއްތުއިރު އަލިފާނެއް ފެނެއް ވަކި ނުވާ ހާލަތުގައި ވެވޭ އިހުމާލުގެ ސަބަބުން ހަލާކާއި އަނިޔާވެރި ކަމަށް ވެއްޓި ގެއްލި ހަލާކުވެދަނީއެވެ.  ދިރިއުޅުމަކީ ހަނގުރާމެކެވެ. ދިރިއުޅުމުގައި ދިމާވާ ދަތިތަކާއި ކުރިމަތިލާ ދިރިއުޅުން އާރާސްތު ކުރުމަކީ އެ މައިންބަފައިންގެ ކާމިޔާބީއެވެ. އެހެންކަމުން ދިރިއުޅުމުގައި ދިމާވާ ކަންތައްތަކުގެ ރުޅިވެރިކަން ޅަދަރިންގެ ކޮނޑުގައި އެޅުމަކީ އެންމެ ޒިންމާދާރު ކަމެއް ނޫނެވެ. ނުވަތަ އޭގެ ޝަޒާ އެކުދިންނަށް ދިނުމަކީ  ވެސް ހައްލެއް ނޫނެވެ. މިކަންތައް ތަކާއި ކެތްތެރިވެ ދަރިންނަށް މައިންބަފައިންގެ އަޅާޅުމާއި އޯގާތެރިކަން ދިނުމަކީ މައިވަންތަކަމުގެ އަސާސެވެ. ވުމާއެކު،ދަރިންނަށް އަނިޔާވެރިވުމުގެ ކުރިން އެމީހަކާއި ހަވާލުވެވިފައިވާ މަސްއޫލިއްޔަތާއި މެދު ސުވާލުކުރެވޭނެ ދުވަހެއް އަންނާނެކަން ހަނދުމަކުރާށެވެ. އެކުދިންނަށް އަޅާޅުމާއި ލޯތްބާއި އޯގާތެރިކަން އެންމެ މަތީފެންވަރުގައި ދިނުމަކީ  ތިމާއަށްލިބޭ ޝަރަފެއް ކަމުގައި ދެކޭށެވެ.

މޮޑެލެވޭ ފުށްގަނޑެއްހެން ދަރިފުޅު ވަނިކޮށް  ހާނަލަން ވަރަށް ފަސޭހަވާނެއެވެ. ނަމަވެސް ކަށިހަރު ވެ ގަޔަށް މަސް އެރުވުމުން ހޭނުމަކީ ކުރަން އުނދަގޫ ދަތި އަދި ވޭންދެނިވި ކަމަކަށް ވެގެން ދިޔުންވެސް އެކަށީގެންވެއެވެ. ދަރިފުޅު އެންމެ ތުއްތު އިރުން ފެށިގެން ތަރުބިއްޔަތު ކުރުމުން ބޮޑެތިވަމުން އަންނަ ވަރަކަށް އެކަންތައްތައް އާދަވެ، ރަނގަޅު ގޮތް ޚިޔާރު ކުރެއެވެ. މިއަދުގެ އަޅުގަނޑުމެންގެ ހަގީޤަތަކީ

ކުއްޖެއްގެ ޅައުމުރުގައި އެކުއްޖާއާއި މެދުގައި ވެވެމުންދާ ބޮޑު އިހުމާލެވެ. އެއީ ބިިޒީވުމުގެ ނަމުގައި ވިޔަސް އަދި ޒަމާނަށް އައި ބަދަލު ތަކާއި އެކުގައި ނަމަވެސް ކަންހިނގަން ޖެހޭނެ އުސޫލެއް ނޫނެވެ. އިޖްތިމާއީ އެކި އެކި މައްސަލަ ތަކާއި އިގްތިސާދީ ބަދަލު ތަކާއި އެކުގައި ކަމުގައި ވީނަމަވެސް ކުޑަކުޑަކުދިންނަށް އިހުމާލުވުމަކީ އެއްވެސް ހާލަތެއްގައި ބަލައިގަނެވޭނެ ކަމެއްނޫނެވެ.

އުޤްބާ ބިން އަބީ ސުފްޔާނާއި ހަވާލާދީ މުޙައްމަދު އިޔާޟް އަބުދުއް ލަތީފް ހާމަ ކުރައްވާ ގޮތުގައި އުޤްބާ ބިން އަބީ ސުފްޔާން އޭނާގެ ކުދިން މުއްދިބަކާއި ހަވާލުކުރައްވަމުން ވިދާޅުވިއެވެ.”އަހުރެންގެ ދަރިން ތަރުބިއްޔަތު ކުރުމުގެ ކުރިން ތިބާ އިސްލާހުވާށެވެ! އެކުދިން އަބަދުވެސް ބަލާނީ ތިބާ ކުރާ ކަންތަކަށެވެ. ތިބާއަށް ރަނގަޅު ކޮންމެ ކަމެއް އެކުދިންނަށް ރަނގަޅުވެދެއެވެ. އަދި ތިބާއަށް ގޯސް ކޮންމެ ކަމެއް އެކުދިންނަށް ގޯސްވެދެއެވެ. މިކަމުންވެސް އެނގިދާ ހަގީގަތަކީ ތުއްތު ކުއްޖާ އެކުއްޖާގެ ވަށައިގެންވާ މާހައުލުން ކަންކަން ދަސްކޮށް އެކަންކަން އެކުއްޖާގެ މުޅިހަޔާތުގައި ބޭނުން ކުރާކަމެވެ.

ބަލާލި ކޮންމެ ދިމާއަކުން މިއަދު ފެންނަމުންދަނީ ހިތަށް އަސަރުކުރަނިވި މަންޒަރުތަކެވެ. ގިނަ ޒުވާނުން ވަނީ މަގުމަތި ވެފައެވެ. އެމީހުން ﷲ ނަހީކުރައްވާ ހުރިހާ ވައްތަރެއްގެ ކުށްކުރުމަށްވަނީ ދެވިހިފާފައެވެ. މަޖަލަކަށްވެފައެވެ. މިހެން ދިމާވާ އެންމެ ބޮޑު ސަބަބެއް ކަމުގައި ވަނީ ދަރިންނަށް ރަނގަޅު ތަރުބިއްޔަތެއް ނުދެވުމުގެ ސަބަބުން ނިކުންނަމުންދާ ހިތި ނަތީޖާއެވެ. ހުރިހާ އެންމެ ވެސް އެދެނީ ހިތްހަމަޖެހުމާއެކު، އުފާވެރި ދިރިއުޅުމެއް ވޭތު ކުރުމަށެވެ. ހުރިހާ އެންމެވެސް ހައްލު ބޭނުންވެއެވެ. އެހެންނަމަވެސް ހައްލު ލިބެން އޮތީ މާތްﷲ އެންގެވިމަގުގައި ސާބިތުވެ ކޮނޑުގައި އެޅިފައި ޒިންމާ އޭގެ އެންމެ ފުރިހަމައަށް  އަދާކޮށްގެނެވެ. ކޮންމެ އިހުމާލަކީ އަނިޔާއެކެވެ.