ދިވެހިންނަށް ވީތީ ފަހުރުވެރިވަމޭ ކޮންމެ ދިވެއްސަކުމެ ބުނާނެއެވެ. ނަމަވެސް ހަގީގަތުގައި ދިވެއްސަކަށް ވީތީ ފަހުރުވެރިވެވޭނެ ބަޔަކު މިއަދު މި ދިވެހިރާއްޖޭގައި މަދެވެ. އެހެނީ ދިވެހި ކާބަފައިންގެ ދިރިއުޅުން ގިނަ ދިވެހީންގެ ހަނދާނުގައި މިއަދު ނުހުންނާނެތީއެވެ. އެހެންކަމުން އަދުގެ ގިނަ ދިވެހިންނަށް ހައްގީ، ދިވެއްސަކަށް ވީތީ ފަހުރުވެރި ނުވެ، ދިވެހި ކާބަފައިންނާއި މެދު ފަހުރުވެރިވުމެވެ.

އިހު ދިވެހިންގެ އެކިއެކި ހުނަރުތަކާއި ފަންނުތައް އިންތިހާއަށް ގިނައެވެ. އެހާމެ ހުނަރުވެރިއެވެ. ޅެންވެރިކަމާއި އަދަބީ ފަންނުގައި އެތައް ބަޔަކު ދިޔައީ ފައިހަމަ ކުރަމުންނެވެ. އެގޮތުން އެތައް މޮޅު ޅެންތަކަކާއި ބަނދި ތަކާއި، ރައިވަރުތަކާއި ފަރިހިތައް ދިޔައީ ހަވާފަޓާސްބަރިއެންހެން އުފަންވަމުންނެވެ. ނަމަވެސް މިއަދު ޅެންތަކާއި ލަވަތަކުގެ ހަމައާއި އުސްލޫބު އެޒަމާނާއި ވަރަށް ތަފާތެވެ. ފަހަރުގައި މިއީ ޒަމާނަށް އައި ބަދަލުކަމުގައި ވެދާނެއެވެ.

މިލިޔުމުގައި މި ބަލައިލަނީ ދިވެހި އިހުގެ ލަވައެއް، ޒަމާނަށް ފައްތާ، ޒަމާނީކޮށް ކީ ކިޔުމެއްގައި އެލަވައިގެ ޅެން ނުބައިކޮށް ކިޔުމުން އެކަމާއި ހިތްޕުޅާނުވެ، ރަށެއްގެ އިސްރަށްވެއްސަކު ފާޅުކުރި ޝުއޫރެވެ. އާދޭހެވެ! އެއީ ދިވެހިރާއްޖޭގެ މަޝްހޫރު ޓީވީ ޗެނަލްއަކުން ދެއްކި ލަވައެކެވެ. އެލަވަ ތަކުރާރުކޮށް ކިތަންމެ ފަހަރަކު ދައްކާކަމަށްވެސް އެމީހާ ވަނީ ބުނެފައެވެ. މިއީ މަޝްހޫރު "ގުލާބީ މާފުޅު" ލަވައެވެ. ދިވެހި މަޝްހޫރު ލަވަކިޔުންތެރިޔާ ޖޭމު ދޮންކަމަނަ ކިޔާފައިވާ މި ރީތި ލަވަ ޒަމާނީގޮތަށް ކީވެސް ހަމަ އަންހެން ކަނބަލެކެވެ. ނަމަވެސް އެ ރީތި ލަވައިގެ އެ ސާދާ ޅެން، ޒަމާނީކޮށް ކީ އިރު ވަނީ ބަދަލުކޮށްފައެވެ. ނުވަތަ ބަދަލުވެފައެވެ. އެ ލަވައިގެ ޅެމުގައި ބުނަނީ "ގުލާބީ މާފުޅު ލިބޭނީ، ގުލާނު ވެވިގެންނޭ..." ނަމަވެސް ޒަމާނީގޮތަށް ކީ އެ ލަވައިގެ ޅެމުގައި ވަނީ "ގުލާބީ މާފުޅު ލިބޭނީ، ގުލާމު ވެވިގެންނޭ..." މިހެންނެވެ.

ދިވެހި ބަހުގައި "ގުލާނު"ގެ މާނައަކީ ނޯކިރީ ކުރުމެވެ. ނުވަތަ އޭނާގެ ގުދާރު ބިންދައިގެން ދާހާ ބުރަކޮށް މީހަކަށް މަސައްކަތްކޮށްދިނުމެވެ. "ގުލާމު" މި ބަސް ބޭނުންކޮށް އުޅެނީ ކުޅިވަރެއްގެ ގޮތުގައި ކުޅޭ ތާސްބައިގެ ގަނޑުތަކުގައި "ކުރުހާލީގެ" ގޮތުގައި ހުންނަ ތިންގަނޑުން ގަނޑަކަށް ނިސްބަތްކޮށެވެ. އިސްވެދެންނެވުނު ލަވައިގައި ޖޭމު ދޮންކަމަނަ ކިޔާފައިވަނީ ގުލާނު ވެވެންޖެހޭ ވާހަކައެވެ. އާދޭހެވެ! ގުލާބީ މާފުޅު ލިބޭނީ ގުލާނު ވެވިގެންނެވެ. އެހެނީ ގުލާބީ މާފުޅަކީ ލޯބިވާ މީހާއެވެ. އޭނާ ހޯދުމަށް ގުލާނު ކުރަންޖެހޭ ވާހަކައެވެ.

ޒަމާނީ ގޮތަށް މި ކީ ލަވައިގައި "ގުލާމު" މި ބަސް ބޭނުން ކުރުމުން އެ ޅެމުގެ އެއްވެސް މާނައެއް އޮތްކަމަށް ނުފެނެއެވެ. މިއީ ޒަމާނީ ގޮތްކަމެއް ނުވަތަ އޮޅުމެއް ކަމެއް ސާފެއް ނުވެއެވެ. ކޮންމެ ގޮތެއް ވީނަމަވެސް އެއީ ނުބައިކޮށް ކީ ކިއުމެކެވެ. ދިވެހި ރީތިޅެންތަކަށް، ހާއްސަކޮށް އެޅެމަށް ކުރި މަލާމާތެއްކަމަށް އޭނާ ވަނީ ސިފަކޮށްފައެވެ. ދިވެހި ފަހުގެ ފަންނާނުން، އިހުގެ ރީތި ގޮތްގޮތަށް ހުތުރު އަރުވަމުން ދިވެއްސަކަށް ވީތީ ފަހުރުވެރިވަމޭ ބުނަން ހެޔޮނުވާނޭކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.

އާދޭހެވެ! އަހަރެމެންގެ ވައްޓަފާޅީގައި ހުންނަ މިފަދަ އާދައިގެ ކަންކަމުން އަހަރެމެން ދިވެހިންނަށް ވީތީ ވެވޭ ފަހުރު، ވެއްޔާ މޮޑެވިގެން ދެއެވެ. އެހެންކަމުން ކަންކަން ޒަމާނާއި އެއްގޮތަށް ބަދަލު ކުރާނަމަ ބަދަލި ކުރަންވީ އެ ކަންކަމުގެ އަސްލު ނުގެއްލޭނޭހެންނެވެ. ނޫންނަމަ އަހަރެމެން ފަހުރުވެރިވުން ހައްގު އެއްކަމެއްވެސް ނޯވެ ހިނގައިދާނެއެވެ.