ޒަމާނުއްސުރެ ދިވެހިން ފާހަގަވެފައިވަނީ އެމީހުންގެ އިސްތަށިގަނޑަށް ވަރަށް ފަރުވާތެރިވި ބައެއްގެ ގޮތުގައެވެ. ދިވެހިން ހޭލުންތެރިވެ އިސްލާމީ ހިޖާބުން ގިނަ ކަނބަލުން ނިވާވެގެން މިއަދު ތިއްބަސް، އެނޫން އަންހެނުން ވެސް އުޅޭތީ އެމީހުންގެ އިސްތަށިގަނޑަށް ބަލާލުމުން ކެމިކަލްގެ އަސަރު ދިވެހިންނަށް ކޮށްފައިވާވަރު ވަރަށް ރަގަޅަށް ދޭހަވެއެވެ. 1970 އަދި 1980 ގެ އަހަރު ތަކުގައި އުފަންވި ދިވެހި އަންހެނުން އެމީހުންގެ އިސްތަށިގަނޑަށް ބޭނުންކުރީ ދިވެހިވަންތަ ފަރުވާ އެވެ. އާންމުކޮށް ބޮލުގައި ލަނީ ކާށިތެލެވެ. ތެލުގައި ހުންނަ ވަސްކަނޑުވާލާ މީރުވަސް ދުއްވާލުމަށް ތެޔޮފުޅީގެ ތެރެއަށް އަޅަނީ މޫނިމަލެވެ. ޖުމްލަކޮށް ގިނަ އަންހެނުންގެ އިސްތަށިގަނޑު ދިގުވެފައި ބޯކަން އެނގޭ އެންމެ ރަގަޅު މިސާލަކީ ރަށްރަށުން އޭރު ބަނޑިޔާ ޖަހަން ނެރޭ ކުދިންގެ ވީޑިއޯތަކެވެ. 

ކާށިތެލުގެ އިތުރުން ވެސް އިސްތަށިގަނޑު އަވަހަށް ދިގުކޮން، ހަންފޮޅުން ދުރުކޮށް އިސްތަށިގަނޑު އޮމާން ކުރުމަށްޓަކައި ރާއްޖޭގެ އުތުރުގެ ރަށްރަށުގައި އުޅުނު އަންހެންކުދިން އޭރު ދިން އެންމެ ރަގަޅު ފަރުވާ އަކީ ފިހަނޑަފަތުދިޔައިން ދެވޭ ފަރުވާއެވެ. ފިހަނޑަފަތުން އިސްތަށިގަނޑަށް ވަކި ރަގަޅު އަސަރެއް ކުރާކަމުގެ ސައިންޓިފިކް ހެއްކެ ނެތްނަމަވެސް މިއީ ނަތީޖާރަގަޅު ފަރުވާއެއްކަން އެނގެނީ އޭގެ އަޖުމަބަލާފައިވާ ފަރާތްތަކަށެވެ.

ރާއްޖެތެރޭގެ ރަށްރަށަށް އެންމެ ފުރަތަމަ ގެންދަން ފެށި ޝޭމްޕޫއަކަށް ފާހަގަކުރެވެނީ ކައު ފެދަރ ކިޔާ ޝޭމްޕޫއެކެވެ. އާއިލާގެ އެންމެން ބޭނުން ކުރާނީ އެއްފުޅިންނެވެ. ހުރިހާ ގެއެއްގައި ހެން ހުންނާނީ ހިޔާ ނުކޮށް ހުންނަ ގިފިއްޔެވެ. ފެންވަރަން ވަންނަ އިރު ވަޅުކައިރީގައި ހާމައަށް ހުންނަ ޝޭމްޕޫފުޅި ހުންނާނީ އަވިން ހޫނުވެ ކެކިފައެވެ. ބޮލުގައި އަޅަނީވެސް ހަމަ އެ ހޫނުކަން މަތީގައެވެ. ނަމަވެސް އޭރު އިސްތަށި ފޭބުން ފަދަ ކަންކަމުގެ ޝަކުވާއެއް ނޯވެއެވެ. އެއީ ހެއަރ ޑްރަޔަރގެ ޒަމާނެއް ނޫނެވެ. ބޯދޮވެގެން އައިސް ހިއްކަނީ އިސްތަށިގަނޑުގައި ދަނޑިބުރިއަކުން ތަޅައިގެންނެވެ. ހައިރާން ވެއްޖެ ދޯއެވެ؟ މިއީ ހަގީގަތެވެ. އަޅުގަނޑަށް ފެންނަ ހިސާބުގައި މިކަމަށް ބޭނުން ކުރަނީ ބައްޕަ މަހަށްދާއިރު ގެންދާ ފެންފުޅަފީގެ ހިފަހައްޓަން އޮންނަ ބައެވެ. 1990 ގެ އަހަރުތަކުގައި އުފަންވި ކުދިންނަށް ފެންފުޅަފި ނޭނގިދާނެއެވެ. އަންހެނުންގެ ނާޒުކު އިސްތަށިގަނޑު ބެލެހެއްޓުމަށް އަމަލު ކުރެވުނު ގޮތް ކުރުގޮތަކަށް އެ ބަޔާން ވީއެވެ. މި ހުރިހާ ކަމަކާ އެކުގައިވެސް ދިވެހިންގެ އިސްތަށިގަނޑު ރީތިކޮށް އޮތުމުގެ ސިއްރަކީ ފިހަނޑަފަތް ކަމަށް ވެދާނެބާއެވެ؟

ދެން މިބަލާލަނީ އޭރުގެ އެއް "ހެއަރ ތެރަޕީ"ކަމަށްވާ ފިހަނޑަފަތް ބޭނުން ކުރާ ގޮތަށެވެ. އެއީ މިކްސަރު ދިވެހިންގެ ތެރެއަށް އާންމު ވުމުގެ ކުރިއެވެ. ފިހަނޑަފަތް ވަނަށް އަޅައިގެން ތަޅަނީއެވެ. އެއްކޮށް ޗަސްވުމުން ފޮތި ގަނޑެއްގެ ތެރެއަށް އަޅާ ދިޔަ ފުރާނާލާފައި ބޮލުގައި އަޅަނީ އެވެ. މި އަޅައިގެން ވަރަށް ގިނަ އިރު ތިބެއެވެ. ވަކި ވަގުތެއް ނޯވެއެވެ. މިދިޔަ ފިލުވާލުމަށް އާންމުކޮށް އެރެނީ މޫދަށެވެ. އެ ލިބުނީ ލޮނުފެނުގެ ފަރުވާއެކެވެ. މިއިން އެއްވެސް ކަމަކީ ސީދާ އިސްތަށިގަނޑުގެ ސިއްހަތަށް ކިހިނެތް ކޮން އަސަރެއް ކުރާ ކަމެއްކަން ޔަގީން ނުވިއަސް އޭރު އަންހެނުންގެ އިސްތަށިގަނޑު މިހާރުގެ އަންހެނުންނަށް ވުރެ ރީތިވެފައި ސިއްޙަތު ރަގަޅެވެ. މިކަމާ ދެބަސް ވާނެ މީހަކު ނޫޅެނެއެވެ.