ދުނިޔޭގައި އިންސާނުން އުޅެނީ ތަފާތު އެކި މަސައްކަތްތައް ކުރަމުންނެވެ. އެކި ދަރަޖަ ދަރަޖައިގެ މަސައްކަތްތަކެވެ. އެކި ވައްތަރުގެ ތަފާތު މަސައްކަތްތަކެވެ. އެއްބާވަތެއްގެ މަސައްކަތެއް ނަމަވެސް އެކި ދަރަޖަ ދަރަޖައިންނެވެ. މަސައްކަތުގައި އަވަދިނެތި އުޅެމުން މަސައްކަތުގެ ބުރަކަން ގިނަ މީހުން ބަޔާން ކުރެއެވެ. ހަގީގަތުގައި މަސައްކަތެއް ބުރަވަނީ ކީއްވެ ހެއްޔެވެ؟ ހަށިގަނޑަށް އިހުސާސްކުރެވޭ ބުރަކަން ހެއްޔެވެ؟ ނުވަތަ ސިކުނޑިއަށް އިހުސާސްކުރެވޭ ބުރަކަން ހެއްޔެވެ؟ ނުވަތަ މިއިން ކޮންމެ ބުރަކަމަކީވެސް ހަގީގަތުގައި ނަފުސަށް ލިބޭ ބުރަކަމެއް ހެއްޔެވެ؟

އަހަރެމެންގެ ތެރެއިން ގިނަ މީހުންނަށް ހީވެފައި އޮންނަނީ ބުރަ މަސައްކަތަކީ "ގާ ތެޅުމާ، ދަގަނޑު ތެޅުން" ފަދަ ހައްޓަށް އޭގެ ބުރަކަން އިހުސާސްކުރެވޭފަދަ ބުރަ މަސައްކަތްތަކެވެ. ހަށިގަނޑުގެ ވަރުގަދަ ކަމާއި ބުންވަރުން ހިތްވަރު ނެރެ، ދާ އޮހޮރުވައިގެންް، ގަދަ އަވީގައި، ވެހޭހާ ވާރޭ އެއްގައި ކުރާ މަސައްކަތްތަކެވެ. އެ މަސައްކަތަކުން ހަށިގަނޑުގެ ގުނަންތަކަށް ވަރުބަލިކަމާ ބުރަކަން އިހުސާސްކުރަންޖެހޭ ގަދަ މަސައްކަތްތަކެވެ. ބަރު އެއްޗެހި އުފުއްލަން ޖެހުމާ، ހަޑިވެ ހޫނު އަރާ ޒާތުގެ މަސައްކަތްތަކެވެ. ދޮގެއްވާނޫނެވެ! މިއީ ހައްތަހާވެސް ބުރަ މަސައްކަތްތަކެވެ. 

ޓައީ އަޅައިގެން، އަދި ޓައީ ނޭޅި ކަމުގައި ވީނަމަވެސް، ބެގީކޮށް ފަޓުލޫނުލައިގެން، އޮފީސްތަކާ އިދާރާތަކާއި ވުޒާރާތަކަށް، މޭޒު ދޮށުގައި ވަޒީފާ އަދާ ކުރަން ޖެހުމަކީ ނުވަފަ ވަޒީފާ އަދާކުރާ މީހުންނަކީ ގިނަ މީހުން ގަބޫލު ކުރާ ގޮތުގައި ވަރަށް "ފްރީ" ބައެކެވެ. އެހެން އިބާރާތަކުން ދަންނަވާނަމަ، އެއީ މަސައްކަތުގައި ބުރަކަން އިހުސާސް ކުރެވޭނޭ ބައެއް ނޫނެވެ. ނަމަވެސް މިއީ ވަރަށްބޮޑު ކުށްހީއެކެވެ. އޮފީސްތަކާ އިދާރާތަކުގެ މޭޒު ދޮށުގައި، ކޮންޕިއުޓަރުން ލިޔެ ހަދާ މީހާއަކީވެސް، އޭނާ އަދާކުރާ ވަޒީފާގެ ގޮތުން ބުރަ މަސައްކަތެއް ކުރާ މީހެކެވެ. އާދޭހެވެ! ފަހަރުގައި އޭނާ ހޫނުވެސް ނާރަފާނެއެވެ. އަތްވާ ވާރޭގައި މަސައްކަތެއް ނުކުރާނެއެވެ. ހަޑިވެ ކިލާވުމެއްވެސް ނުވާނެއެވެ. ޖިސްމާނީ ގޮތުން މާ ބަރު އެއްޗެއްވެސް ނުއުފުލާނެއެވެ. ނަމަވެސް އޭނާ އުފުލާ ވަރަށް ބަރު، އަދި ބުރަ އެއްޗެއް އޮވެއެވެ. އެއީ އޭނާގެ މަގާމުގެ މަސްއޫލިއްޔަތާއި ޒިންމާއެވެ. 

ވަކި ވަގުތެއްގެ ކުރިން ނިންމަން ޖެހޭ އެއްޗެހިތަކެއް އޭނާގެ ވެސް ހުންނާނެއެވެ. އެ އެއްޗެހިތަކުގައި ކުށެއް އިންތޯ ނުވަތަ ނޫންތޯ އޭނާ ބަލަން ޖެހޭނެއެވެ. ނިމިފާ ހުރި އެއްޗެހި ފޮނުވާން ޖެހޭތަންތަނަށް ފޮނުވާންވެސް ޖެހޭނެއެވެ. ގުޅަން ޖެހޭ ކިތަންމެ ބަޔަކު ތިބޭނެއެވެ. ފޯނު ނުނަގައިފިނަމަ އަދި ފަހުން ވެސް ގުޅަން ޖެހޭނެއެވެ. އަންގަންޖެހޭ ކިތަންމެ އެއްޗެއް ހުންނާނެއެވެ. ވަގުތުޖެހުމުގެ ކުރިން އަންގަންވެސް ޖެހޭނެއެވެ. މަސައްކަތުގެ ތެރެއިން އިތުރު އެހެން ބައެއް އިދާރީ ކަންކަން ކުރިމަތިވާނެއެވެ. "ކޮންމެވެސް ފޮތެއްގައި ރޮނގެއް ދަމަންވެސް" ޖެހިދާނެއެވެ. ބައްދަލުވުންތަކާއި މަޝްވަރާކުރުންތައް އޮންނާނެއެވެ. އާދޭހެވެ. އޭނާ އަދިވެސް އެ އިނީ ފުރޮޅުލީ ގޮނޑިއެއްގައި އޭސީ ކޮޓަރިއެއްގައެވެ. ނަމަވެސް މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި އޭނާގެ ސިކުނޑި ތެޅިފޮޅޭނެއެވެ. ދިމައިވާ ދަތިތަކާ ގޮންޖެހުންތަކާއި އުނދަގޫތަކާއި، އަދި އެނޫންވެސް އިތުރު މަސްއޫލިއްޔަތު ތަކާއި އެކު ވަގުތަށް ނިންމަން ޖެހޭ ކަންކަމާއި ތަކެތީގެ މަސައްކަތުގައި އަވަދިނެތި ވާނެއެވެ. ވަގުތަށް ނިމޭނެތޯ، ނިމިއްޖެނަމަ ކުށެއް އިންތޯ، ކުށެއް ނެތްނަމަ ފޮނުވޭނެތޯ، މިފަދަ މަސްހުނި އެތައް ހިޔާލުތަކެއް އެ ސިކުނޑި ތެރޭގައި އެނބުރޭނެއެވެ. ހަމަ އެ ބުރަކަން ލިބިފައިވާ ސިކުނޑިން ވިސްނައިގެން ނޫނީ އެ ހަދާ އެއްޗެއް ހެދޭ ކަމަކަށްވެސް ނުވާނެއެވެ. އެހެންކަމުން އޭނާގެ ސިކުނޑި "އިންޖީނެއް" ފަދައެވެ.

ވިސްނުމާއި ހިޔާލުކުރުމުގެ ނަޒަރުން، ނަފްސަށް ލިބޭ ހާސްކަމާއި ނުތަނަވަސްކަމަކީ، އެ ހާސްކަމާއި ނުތަވަސްކަމުގެ ތެރެއިން އުފެދޭ މާޔޫސްކަމާއި މޮޅިވެރިކަމަކީ އަމުދަކުން ލުއި ކަމެއް ނޫނެވެ. ސިކުނޑިއަށް ކުރާ ކޮންމެ ބާރަކީ، ބޭރު ފުށުން ފެންނާނޭ ބާރެއް، ބުރައެއް ނޫނެވެ. އެހެންނަމަވެސް އެއީ ވަރަށްވެސް ބޮޑު ބުރައެކެވެ. ބަރުދާސްކުރަން އެއީ ފަސޭހަ ކަމެއް ނޫނެވެ. އެއީ ވަރުބަލިކަމާއި ނިދިމޮޅިކަން އިންސާނައަށް ކުރުވާ ބުރަ ކަމެކެވެ.

ކޮންމެ ބައެއްގެ ތެރޭގައިވެސް ފަރުވާކުޑަ މީހުންނާއި ކަންފަސޭހަ މީހުން އުޅޭނެއެވެ. މިފަދަ ވަޒީފާތަކުގައިވެސް އެފަދަ ކަންނެތް މީހުން އުޅެއެވެ. އަދި މަގާމުގެ ދަރަޖައިގެ ގޮތުން މަތީ މީހާ، ނުވަތަ ބޮޑު މީހާ، ވަޒީފާގައި ދެއަތް އުރާލައިގެން ތިބޭތަންވެސް ފެނެއެވެ. އޭނާގެ ދަށުން މަސައްކަތްކުރާ މުވައްޒަފުން (އިދާރީ މުވައްޒަފުން) މަސައްކަތުގައި އަވަދިނެތި ވާތީވެސް ދެކެމެވެ. ނަމަވެސް ޖުމުލަކޮށް އިދާރީ މަސައްކަތްކަކަކީވެސް ފަސޭހަ މަސައްކަތްތަކެއް ނޫނެވެ.

އާދޭހެވެ! އޮފީސްތަކާއި އިދާރާތަކުގެ މޭޒުދޮށުގައި ތިބޭ ކުދިންނަކީ ކަމެއް ނުކުރާ ބައެކޭ ނުބުނާށެވެ. އެމީހުން ހޫނު އަރާފައި ހުންނާތީ ތިބާއަށް ނުފެނިދާނެއެވެ. އަތްވާ ވާރޭގައި "ގަނަ ތެޅޭތީ" ނުފެންނާނެއެވެ. ނަމަވެސް އެ މީހުންގެ މަސްއޫލިއްޔަތާއި ޒިންމާ، ފުކެއްވެސް ކުޑައެއް ނުވާނެއެވެ. އެއީ ވެސް މަސައްކަތުގެ މާހައުލުގައި ބުރަ މަސައްކަތެއް ކުރާ ބައެކެވެ. ހީވަގި ކެރޭ، "އަބުޠާލުން" ތަކެކެވެ. ފަހަރުގައި ތިމާއީ މޭޒުދޮށުގައި އިނދެ ވަޒީފާ އަދާކުރުމުގެ ޝައުގު ނެތް މީހަކަށް ވެދާނެއެވެ. ނުވަތަ މިފަދަ ވަޒީފާއެއް އަދާ ނުކުރާ މީހަކަށް ވެދާނެއެވެ. އެހެންކަމުގައި ވެއްޖެނަމަ، އެފަދަ ކުދީންނަށް ނިސްބަތްކޮށް، ކަމެއް ނުކުރާ "ފްރީ" ބައެކޭ ނުބުނާށެވެ. އަދި ކިއެއް، ބުނުމުގެ ކުޑަވެސް ހައްގެއްވެސް ނޯންނާނެއެވެ. އާދޭހެވެ! ފިނި ކޮޓަރީގައި، ފުރޮޅުލީ ގޮނޑީގައި، ކޮންޕިއުޓަރުން މަސައްކަތް ކުރުމަކީވެސް (އިދާރީ މަސައްކަތް ކުރުމަކީވެސް) ބުރަ އަދި "ގަދަ" މަސައްކަތެކެވެ. "އެ އޮޑިއެއްގެ ވަރު އިނގޭނީ، އެ އޮޑިއަކަަށް އަރާ ދުއްވާލީމައެވެ!"