ކިޔުމާއި ލިޔުމަކީ މިއަދު އަހަރެމެން ވަރަށްވެސް ފޫހިވާ ކަމެކޭ ބުނެވިދާނެއެވެ. ނަމަވެސް ކިޔުމާއި ލިޔުމަށް ޝައުގުވެރިކަން ހުންނަ ކުދިންނާއި މީހުންވެސް އުޅޭ ކަމީ އުފާކުރާ ކަމެކެވެ. ކިޔުމަކީ ފޫހިކަމެއް ކަމަށް ބައެއްމީހުން ގަބޫލު ކުރާއިރު، ކިޔުމަކީ އަދި އެއަށްވުރެ ފޫހިކަމެއް ކަމަށް ދެކޭ މީހުންވެސް އުޅެއެވެ. އެހެންނަމަވެސް އެއީ އެކަން އޮންނަ ގޮތެއް ނޫނެވެ. ގަވައިދުން ކިޔާމީހުންނާއި ގަވައިދުން ލިޔާމީހުންނަށް މިކަންކަމުގެ ހަގީގަތް އެނގޭނެއެވެ.

މިއަދު ބޮޑުވަމުން އަންނަ ޖީލާއި، އަދުގެ ޒުވާނުންގެ ގިނަ ބަޔަކުވެސް ކިޔުމަށާއި ލިޔުމަށް މާބޮޑު ސަމާލުކަމެއް، ޝައުގުވެރިކަމެއް ނުބަހައްޓައެވެ. އޭގެ ބަދަލުގައި ގިނައިން ބޭނުން ކުރެވެނީ މަންޒަރު ދައްކުވައިދޭ ވީޑިއޯ ތަކާއި އެ ވީޑިއޯތަކުން އަޑު އުފެދި އިވޭ ވީޑިއޯތަކެވެ. މިއީ އަޑުއަހަން ފަސޭހަވެފައި މަންޒަރާއިއެކު ފެނުމުން، ދެނެގަންނަން ފަސޭހަ ގޮތެއްކަމަށް ގިނަ ބަޔަކަށް ހީވި ނަމަވެސް، ލިޔުމާއި ކިޔުމަކީ އެންމެ ފަސޭހައިން ދެނެގަނެވޭނޭ ގޮތެވެ. މިއީ ސައިކޮލޮޖިސްޓުންނާއި ތައުލީމީ ދާއިރާގެ، ދާރިސުންނާ ޢިލްމުވެރިން ހޯދާ ދިރާސާކޮށްފައިވާ ކަންކަމެވެ.

ލިޔެފައިވާ އެއްޗެއް ކިޔާނަމަ، އޭނާ އެ އެއްޗެއް ކިޔާނީ އޭނާގެ ދުލުން ނުވަތަ ހިތުންނެވެ. ކިޔަމުން ދާވަރަކަށް އޭނާގެ ހިތުގައި އޭނާގެ އަމިއްލަ ގޮތަކަށް އެ ކިޔޭ އެއްޗެއްގެ ތަސްވީރު ކުރުހަމުން ގެންދެވޭނެއެވެ. ވީޑިއޯ ބަލާއިރު، އިވޭ އަޑަކާއި އެއްގޮތަށް އަމިއްލަ މަންޒަރެއް ސިފައެއް ނުކުރެވޭނެއެވެ. އެހެނީ މަންޒަރެއް ދައްކުވާތީއެވެ. މިފަދައިން ކިޔުމަށްފަހު އަމިއްލަ އަށް އަމިއްލަ ހިޔާލީ މަންޒަރެއް ތަސައްވަރު ކުރަމުން ގެންދިއުމަކީ އިންސާނާގެ ސިކުނޑި ތަނަސްވެ، އެ ކިޔާ އެއްޗެއް ހިތުގައި ބިންވަޅު ނެގުމަށް ފަސޭހަ ވާނޭ ކަމެކެވެ. އެހެނީ އެކަމުގައި އަމިއްލަ ހިޔާލުގެ މައްޗަށް ބިނާކުރި އަސާސެއް އޮތީތީއެވެ.

ލިޔުމުގައިވެސް ވަނީ ހަމަ މިފަދައިންނެވެ. އަމިއްލައަށް ކުރި ހިޔާލަކާއި އެކު، އެ ހިޔާލު ތަނަވަސްކުރަމުން ގެންދާނީ އަމިއްލަ އަށެވެ. ލިޔަމުން ގެންދާނީ އެމީހެއްގެ އަމިއްލަ ވިސްނުމުންނެވެ. މި ލިޔުންތަކުގައި އެމީހެއްގެ މިޒާޖާއި އެމީހެއްގެ އުޅުމާއި ގުޅުމުގެ އަސަރު ވަރަށް ސާފުކޮށް ފެންނަން ހުންނާނޭ ކަމަށް ބައެއް ބަސްވާރުން ފާހަގަ ކުރެއެވެ. އެހެނީ އެއް މައުލޫއަށް އެތައް ބަޔަކު ލިޔުންތަކެއް ލިޔުނަސް، ކޮންމެ މީހެއްގެ ލިޔުމަކީވެސް އޭގެ ޠަބީއަތުގައި ތަފާތު ތަރުތީބަކާއި އެމީހެއްގެ އަމިއްލަ ތަސަވައްރަކަށް ބިނާވެފައިވާ ލިޔުމެކެވެ.

ކިޔުމާއި ލިޔުމަކީ މި ދެކަމުގައިވެސް އެމީހެއްގެ އަމިއްލަ ހިޔާލެއް، ތަސްވީރެއް ނުވަތަ ތަސައްވަރު ގެންގުޅޭ ދެކަން ކަމުން، މިއީ އިންސާނާއަށް އުފާވެރިކަމާއި ހިތްހަމަޖެހުން ގެނުވާނޭ ކަމެކެވެ. އެހެނީ އަމިއްލަ ގޮތްތަކާއި އަމިއްލަ ވަންތަކަމަކީ އޭގެ ސަބަބުން އެ ކަމެއް ނުވަތަ އެ އެއްޗަކާއި މެދު އެމީހަކު ފަހުރުވެރިވެވޭ އެެއްޗެއް ނުވަތަ ކަމެކެވެ. އެއާއި އެކު އުފާވެެރިކަން ލިއްބައިދޭ ހޯމޯނުތައް އިންސާނާގެ ހަށިގަނޑުގައި އުފައްދާނެއެެވެ. އެހެންކަމުން ލިޔުމާއި ކިޔުމަކީ އޭގެ ސަބަބުން އިންސާނާއަށް އުފާވެރިކަމާއި ހިތްހަމަޖެހުން، ވަރަށް ބޮޑަށް ގެނުވާނޭ ކަމެކެވެ.