ރ. އަތޮޅު އަލިފުއްޓަކީ ވަރަށް ގިނަ ގޮތްގޮތުން ތަފާތު ރައްޔިތަކު ދިރިއުޅެމުންދާ ރަށެކެވެ. އެރަށުގެ ވަޑިންގެ ވާހަކައަކީ އެންމެން ދަންނަ ވާހާކަ އެކެވެ. ދައްކަން މިއުޅެނީ މިރަށުގައި ވަރަށް ތަފާތު ގޮތަކަށް ހިންގާ "ބަރުދަން ލުއިކުރުމުގެ" ޕްރޮގްރާމެއްގެ ވާހަކަ އެވެ. ވަރަށް ގިނަ ރަށްރަށުގައި "ހިކޭ" ޕްރޮގްރާމްތައް ހިންގައެވެ. އަދި ވަރަށް އެދެވޭ ނަތީޖާވެސް ލިބެއެވެ. ނަމަވެސް އަލިފުށީގެ ޒުވާނުން ބޭނުންވީ ތަފާތު ދައްކާށެވެ.

މިރަށުގެ 6 ޒުވާނަކު އިސްނަގައިގެން ވަނީ ރަށުގެ ރައްޔިތުންނަށް އަމާޒުކޮށް ފިޓްނެސް ޕްރޮގްރާމެއް ހިންގާފައެވެ. މި ޕްރޮގްރާމްގައި އަލިފުއްޓަށް ނިސްބަތްވާ 27 ރައްޔިތަކު ބައިވެރިވިއެވެ. ޕްރޮގްރާމްގައި ބައިވެރިވުމަށްޓަކައި އެމީހެއްގެ ބަރުދަން ބެލުމަށް ފަހު 100 ރުފިޔާގެ ފީއެއް ދިނުމުން ބައިވެރި ވެވުނީއެވެ. ރަށުން ބޭރުގައި އަދި ރާއްޖެއިން ބޭރުގައި ތިބި ބައިވެރިން އެމީހުންގެ ބަރުދަން ނަގާފައި ފޮޓޯ/ވީޑިއޯ ކުރިއެވެ. ރަށުގައި ތިބި މީހުންގެ ބަރުދަން ބެލީ އިންތިޒާމް ކޮމިޓީގެ ފަރާތުން އެވަގުތު ރަށުގައި ތިބި އެންމެހާ ބައިވެރިންގެ ހާޟިރުގައެވެ.

ޕްރޮގްރާމް ދިގު ދެމިގެން ދިޔައީ 2 މަސް ދުވަހަށެވެ. މި ޕްރޮގްރާމްގައި ކޮންމެ ބައިވެރިއަކުވެސް އަމިއްލަ ކަސްރަތު ޕްރޮގްރާމާއި ޑައިޓް ޕްލޭންތަކުގެ އަޖުމަ ބެލިއެވެ. ނަތީޖާ ވެސް ފެނުނީ ވަރަށް ރަގަޅަށެވެ. 2 މަސް ވުމުން ބަރުދަން އަލުން ޗެކް ކުރެވުނު އިރު ގިނަ ބައިވެރިންގެ ބަރުދަން ވަނީ ލުއިވެފައެވެ. އެއް ވަނައަށް ދިޔާ ބައިވެރިޔާ 8 ކިލޯ ބަރުދަން ލުއިކޮށްލުމުން 2000 ރުފިޔާގެ ފައިސާގެ އިނާމެއް ދެވުނެވެ. ދެވަނަ އަށް ހުށައެޅި 1000 ރުފިޔާގެ ހޯދި ބައިވެރިޔާ ވެސް 6 ކިލޯ ލުއިކޮށްފައިވެއެވެ. ތިންވަނަ އަށް ދިޔަ ބައިވެރިޔާގެ ބަރުދަނުން 5.5 ކިލޯ ލުއިކޮށް އޭނާވެސް ވަނީ 500 ރުފިޔާގެ ފައިސާގެ އިނާމް ހޯދާފައެވެ.

ތިމާގެ ސިއްޙަތު ރަގަޅު ކުރުމަށް ކަސްރަތުކޮށް، މިން ހަމަ ކެއުމެއް ކައިގެން ބަރުދަން ލުއިކުރުމުން އޭގެ ހުރިހާ ފައިދާއެއް ހުރީ ހަމަ ތިމާއަށެވެ. ނަމަވެސް މިކަން ކޮށްގެން ފައިސާގެ އިނާމެއް ލިބޭނަމަ މިއީ އިތުރު ބޯނަހެކެވެ.

އަލިފުށީގައި މީގެ ކުރިންވެސް މިފަދަ ޕްރޮގްރާމްތައް ހިންގައިގެން ރައްޔިތުންގެ ދުޅަހެޔޮކަމާ ސިއްޙީ ވައްޓާޅިއަށް ހިތްވަރު ދިނުމަށް ވަރަށް ގިނަ މަސައްކަތް ވަނީ ކުރެވިފައެވެ. މިއީ އޯކިޑް ފިޓްނެސް ޕްރޮގްރާމްގެ ފަރާތުން ހިންގި މިފަދަ ދެވަނަ ޕްރޮގްރާމެވެ.