ބަގީޗާ ހެއްދުމަކީވެސް ޒާތެއްގެ ފަރުވާއެކެވެ. ނަފްސަށް އުފާވެރިކަން ގެނެސްދީ ހާސްކަމުން ދުރުކުރާ ކަމެކެވެ. ނަމަވެސް ހައްދަން ބޭނުންވާ ގަސްތައް އަބަދު މަރުވާނަމަ އެކަމާ ނުވިސްނައެއްވެސް ނުހުރެވޭނެއެވެ. އެހެންވީމާ އެކަމަށް ބޭނުންވާ އެންމެ ރަގަޅު ޙައްލު ހޯދަން ޖެހޭނެއެވެ. މިއަދު މި ބަލާލަނީ ވަރަށް ގިނަ ބަޔަކު ލޯބިން ހައްދަން ބޭނުންވާ ގަހެއްކަމަށްވާ ފިނިފެންމާގަސް، ރާއްޖެފަދަ މޫސުމެއް އޮންނަ ގައުމެއްގައި އިންދާ ހައްދާނެގޮތަށެވެ.

  1. ފިނިފެންމަލަކީ ސީދާ އިރުގެ އަލި ބޭނުންވާ ގަހެއް

ފިނިފެންމަލަށް އިރުގެ ސީދާ އަލި 6 ގަޑިއިރަށް ބޭނުންވެއެވެ. ޖަޒީރާ ގައުމެއްގައި މިއީ އެހާ އުނދަގޫ ކަމެއް ނޫނެވެ. ނަމަވެސް މެންދުރުގެ އެންމެ ގަދަހޫނު ފިނިފެންމާގަހަކަށް ކަމަކު ނުދެއެވެ. އެހެންކަމުން ގަސް ބަހައްޓަންވާނީ ހެނދުނާއި މެންދުރުވެސް އަވި ލިބޭ ނަމަވެސް އަންމެ އަވިގަދަވާ ވަގުތު ސީދާ އަވި ނުވާ ކަހަލަ ތަނެއްގައެވެ.

  1. ފިނިފެންމާ ގަހަ އެންމެ ރަގަޅު ފަހަކީ ކޮބާ؟

ފިނިފެންމަލަށް ބޭނުންވަނީ ކޮމްޕޯސްޓް ގިނައިން އަޅާފައި ހުންނަ ވެއްޔެވެ. މީގެ ތެރެއަށް ފެން އެޅުމުން ވެލިގަނޑު ޗަކަނުވެ ފެންގަނޑު ފައިބައިގެންދާން ޖެހޭނެއެވެ. ވެލީގެ ޕީ.އެޗް. މިންވަރު ހުންނަންވާނީ 6.5 ގައެވެ. ކޮމްޕޯސްޓެއްގެ ގޮތުގައި ބޭނުންކުރަން ފިނިފެންމަލަށް ދޮންކެޔޮ ތޮއްޓަކީ ވަރަށް ފައިދާ ހުރި އެއްޗެކެވެ. ގަސް އިންދުމަށްފަހު ގަހުގެ ވަށައިގެން ކޮނެލާފައި ދޮންކެޔޮ ތޮށިގަނޑު ވަޅުލާށެވެ. ތޮށިގަނޑުގެ އެތެރެ ފަރާތް އޮންނަންވާނީ އަޑިއަށެވެ. ދެން އޭގެ މައްޗަށް ފަސްއަޅާ ފޮރުވާލާށެވެ. ނޫންނަމަ ދޮންކެޔޮ ތޮށި މިކްސަރގައި ގިރާލުމަށްފަހު އެފެން ފިމިފެންމާ ގަހަށް އަޅާށެވެ. ވެލިގަނޑަށް ބޭނުންވާ ޕޮޓޭސިއަމް ލިބޭނެއެވެ. މީގެ ސަބަބުން މަލުގެ ކުލަ ރީތިވާނެއެވެ. ކޮމްޕޯސްޓްގެ ގޮތުގައި ފީފަތް ނުވަތަ ހިކިހޯލި ކޮޅުކޮޅުވެސް ބޭނުން ކުރެވޭނެއެވެ. ބޭނުމަކީ ހޫނުގަދަ ދުވަހަކުވެސް ގަހުގެ ބުޑު ފިނިކޮށްފައި ބެހެއްޓުމެވެ.

  1. ވެލިގަނޑުގައި ފެން ހަރުނުލާނެހެން ބެހެއްޓުން

އަވަސް އަވަހަށް މޫސުން ބަދަލުވާ އިރު ގަހުގެ ބުޑުފިނިކޮށް ނަމަވެސް ޗަކަ ނުވާނެހެން ބެހެއްޓުން މިއީ ވަރަށް ބޮޑު ގޮންޖެހުމެކެވެ. އެހެންކަމުން ފިނިފެންމާ ހައްދަން ހަމަ އެންމެ ރަގަޅީ އާންމުކޮށް ބިންގަނޑު ހުންނަވަރަށްވުރެ ބޮޑަށް އުސްކޮށްލާފައެވެ. އޭރުން ވިއްސާރަ މޫސުމުގައިވެސް، ފެން ހެދިގެން ގަހުގެ މޫތައް ފީވުމުން ރައްކާތެރިކޮށްދޭނެއެވެ.

  1. ފިނިފެންމާގަހަށް ފެން ބޭނުންވަނީ ކިހާ ވަރަކަށް؟

ފިނިފެންމާ ގަހަށް ދުވާލު ދެއިރު ހެނދުނާއި މެންދުރުފަހު ފެން ބޭނުންވާނެއެވެ. ހޫނުގަދަ ނަމަ ހަފްތާއަކު އެއްފަހަރު ރީތިކޮށް މުޅި ގަސް ތެންމާލާ ގަހުގެ ބުޑު އެއްކޮށް ތެމޭވަރަށް ފެން ޖަހަން ވާނެއެވެ. ފެން ޖަހާއިރު ފަތްތަކުގެ ދަށްފުށަށް ވެސް ޖަހާށެވެ. ފަނިފަކުސަ ހާލި ހެދުމުން ދުރުވާނެއެވެ.

  1. އެންމެ ރަގަޅު ގަސްކާނާއަކީ ކޮބާ؟

ފިނިފެންމާ ގަހަށް ހަމަ އެންމެ ރަގަޅީ ގުދުރަތީ އަދި ބަދިގެއިން ފަސޭހައިން ލިބެން ހުންނަ ގަސްކާނާއެވެ. މީގެ ތެރޭގައި:

ބިހުތޮށި

ބިސް، ތަރުކާރީ އަދި ޕާސްތާފަދަ ތަކެތި މަޑުކުރަން ކެއްކި ފެން

މަސްޓޭންކުން އުކާލާ ފެން، އަދި

ހިކި ކިރު ހިމެނެއެވެ. ހިކި ކިރަކީ ގަސް އިންދުމަށް ފަސްގަނޑު ތައްޔާރުކުރާއިރު އަޅަން ރަގަޅު އެއްޗެކެވެ. ހިކި ކިރުގެ މުއްދަތު ހަމަވުމުން އުކާލުމުގެ ބަދަލުގައި ގަހަށް ބޭނުން ކުރުމުން އެއަށް ބޭނުންވާ ކެލްސިއަމް ލިބޭނެއެވެ.

  1. ގަހަށް ކާނާ މަދުވާކަން އެނގޭނީ ކިހިނެތް؟

ފިނިފެންމާ ގަހަށް ބޭނުންވާ ވަރަށް ކާނާ ނުލިބޭނަމަ ފަތުގެ ނާރުތަކަށް ރީނދޫކުލަ އަރާނެއެވެ. މިހެން ވެއްޖެނަމަ އަވަހަށް ކާނާ އަޅަންވާނެއެވެ. ގޭގައި ތައްޔާރު ކުރާ ގަސްކާނާ ނެތްނަމަ ތައްޔާރީ ކާނާ ނަމަވެސް އަޅަން ވާނެއެވެ.

  1. ފިނިފެންމާ ގަސް ކޮށަންޖެހޭތަ؟

ފިނިފެންމާގަހުގައި މަލެއް އަޅާ ކޮންމެ ފަހަރަކު މަލުގެ ތަނޑިދިގުކޮށް ބުރިކޮށްލަން ވާނެއެވެ. މީގެ އިތުރުން ވެސް ދެތިން މަހުން ގަހުގެ މާނެތް ކުރިތައް ކޮށާލަން ވާނެއެވެ. އޭރުން އާ ކުރި ޖަހާ މަރުވެފައި ހުންނަ ކުރިތަކުން ގަސް ނިކަމެތިވުން ދުރުވާނެއެވެ. ގަވައިދުން ގަސްކޮށާނަމަ ގަސްވަރުގަދަވާނެއެވެ.

  1. އިތުރަށް ގަހަށް ބޭނުންވަނީ ކޮން އަޅާލުމެއް؟

ފިނިފެންމާ އިންދުމަށް ޕްލާސްޓިކަށްވުރެ ރަގަޅީ މުށިޕޮޓެވެ. އޭރުން އަވީގައި ހުރެގެން ހޫނުވުން ކުޑަވާނެއެވެ.

ގަހުގެ ބުޑުގައި ފެންހަރުނުލާނެހެން ހެދުމަށްޓަކައި ގަސް އިންދާއިރު ޕޮޓްގެ އެންމެ ފުލަށް ކުދިކޮށް ބުރިކޮށްފައިހުރި ބޮނޑި ނުވަތަ ކުދި ގާ އަޅާށެވެ. ދެން އޭގެ މަތީގައި ގޮޅިކުދި ދާ ކޮޅެއް ބާއްވާފައި ފަސް އަޅާށެވެ.

މިން ހަމައަށް ވެލި އެއްކުރަން ނޭނގޭނަމަ އެއްކޮށްފައި ހުންނަ ޕޮޓިންގ މިކްސް ބޭނުން ކުރާށެވެ.

ކޮންމެ ދެ އަހަރަކުން ގަސްއިންދާފައިވާ ޕޮޓް ބަދަލު ކުރާށެވެ. ރަގަޅަށް ގަސް ހެދޭނަމަ ދެ އަހަރު ވާއިރު ބޮޑު ޕޮޓަކަށް ބަދަލު ކުރަން އޮންނާނީ ޖެހިފައެވެ.

ފިނިފެންމާ ގަސް ޕޮޓް ވައިޖެހޭ ހިސާބެއްގައި ބަހައްޓާށެވެ. އަވި ބޭނުންވާ ވަރަށް ފިނިފެންމާގަހަށް ވައިވެސް ބޭނުންވެއެވެ.