ރާއްޖޭގެ ރަށްތައް އެތުރި ތަރުތީބު ވެފައި މިވަނީ އެކި އެކި އަތޮޅުތަކުގެ މައްޗަށެވެ. މިއިން ކޮންމެ ރަށެއްގައިވެސް ނަލަ ރީތި ގޮނޑުދޮށްތަކާ ސާފު އަލި މޫދު ވެއެވެ. ރާއްޖޭގެ ރަށްތަކުގެ މި ނަލަ ހުދު ގޮނޑުދޮށްތަކުގައި ބަނޑަހަ ޖަހައިގެން ދިރިއުޅޭ ދިރުންތައް އުޅެއެވެ. އޭގެ ތެރެއިން ކަކުންޏަކީ އެފަދަ އެއް މިސާލެވެ. މޫދާއި ގޮނޑުދޮށުގައި ކަކުނި އުޅެމުންދަނީ ގޮނޑުދޮށުގައި ހަރުކޮނެގެންނެވެ. މިފަދަ ކަކުންޏަށް އާންމުކޮށް ކިޔާ އުޅެނީ ކިރު ކަންކުންޏެވެ. އެނގޭ ހެއްޔެވެ؟ މި ކަކުނި ވެސް އެއްގަމަށް އަރާ އުޅެއެވެ.

ގޮނޑުދޮށުގައި ހަރުކޮނެ އުޅޭ ކަކުނި، އެއްގަމަށް އަރަނީ ވަކި ސީދާ ކޮން ސަބަބާ ހުރެކަމެއް ނޭނގެއެވެ. ފަހަރުގައި އެސޮރުގެ ކާނާއެއް ހޯދުމަށް އެއްގަމަށް އަރާ އުޅެނީ ކަމަށް ވެދާނެއެވެ. ނުވަތަ އެނޫންވެސް ކޮންމެވެސް ސަބަބެއް މެދުވެރިވެގެން އެއްގަމަށް އަރާ އުޅެނީ ކަމަށް ވެދާނެއެވެ. މިފަދައިން އެއްގަމަށް އަރާ އުޅޭ އުޅުމުގައި މީހުން ދިރިއުޅޭ ސަރަހައްދުތަކަށްވެސް ދެވެއެވެ. ބައެއްފަހަރަށް ގޭގެއަށްވެސް ވަދެވެއެވެ. ވިސްނާލާށެވެ! ކަކުނީގެ މި އުޅުމާއި އަހަރެމެންގެ ބައެއް އިންސާނުންގެ އުޅުމާވެސް ގުޅެއެވެ. ތިމާ އާއި ނުވާ ތަންތަނަށް ބޯ މަހައެވެ. ދާން ނުވާ ތަންތަނަށް ދެއެވެ. ބެހެން ނުވާ ކަންކަމާ ބެހެއެވެ. ކުރަން ނުވާ އެތައް ކަމެއް ކުރެއެވެ.

އެނގޭހެއްޔެވެ! ގޮނޑުދޮށުގައި ހަރުކޮނެ އުޅޭ މި ކިރު ކަކުނި، އެއްގަމަށް އަރާ މީހުން އުޅޭ ގޭގެއަށް ވަނުމުން އެ ސޮރަށް މަރުހަބާ ކިޔާ ހަމަ އެކަކުވެސް ނޫޅެއެވެ. ތަޅާ ބޭރުކޮށްލެވެއެވެ. ގިނަ ފަހަރަށް ދެވޭ އަނިޔާތަކުގައި ނުކުޅެދޭ އެއްޗަކަށް އެ ކަކުނި ވެއެވެ. އަދި ބައެއްފަހަރު މަރުވެސް ވެއެވެ. މިއީ އެސޮރުގެ ގެދޮރު ދޫކޮށް، އެސޮރަށް ނުވާ ތަންތަނަށް ގޮސް ވަންނަން ނުވާ ކަންކަމުގެ ތެރެއަށް ވަދު އުޅުމުން އެސޮރަށް ލިބޭ އަނިޔާއެވެ.

ކަކުނީގެ މި ވައްޓަފާޅިއަށް ވިސްނާލާށެވެ! އަހަރެމެންގެ ދިރިއުޅުމާ ގުޅުވާށެވެ! ތިމާއާއި ނުބެހޭ ކަންކަމުގެ ތެރެއަށް ތަދައްޚުލުވާން ނޫޅޭށެވެ! އެހެންމީހުންގެ އަމިއްލަ ކަންކަމުގެ ތެރެއަށް ބޯ މަހަން ނޫޅޭށެވެ! އެހެން މީހުންގެ ޒާތީ ކަންކަމާ ތިމާ ބެހެން ނޫޅޭށެވެ! ތިމާއަށް ދައުވަތު ނުދޭ ތަންތަނަށް ގޮސް ނޫޅޭށެވެ! ކުރަން ނުވާ ކަންކަން ކޮށް، މަޅިތަކުގައި ބެދެން ނޫޅޭށެވެ! އެހެނީ އެފަދަ ކަންކަމުން އަހަރެމެން ހިތްހަމަ ނުޖެހޭ ކަމެއް ދިމާވެއްޖެނަމަ، އަހަރެމެން އަމިއްލަ އަށް ރުޅިއާދެއެވެއެވެ! ނަތީޖާއަކީ ނަފްރަތާ ރުޅިވެރިކަން އިތުރުވުމެވެ. އެހެންކަމުން ކޮންމެ މީހަކުވެސް އެމީހެއްގެ އިމުގެ ތެރޭގައި އުޅެން ދަސްކުރާށެވެ! ހައްދުން ނެއްޓި، ހުދޫދުން ބޭރުވާން ނޫޅޭށެވެ!