މާބަނޑުވުމާއި، ވިހެއުމާއި ދަރިން ތަރުބިއްޔަތު ކުރުމަކީ އެއްވެސް އިރެއްގައި ފަސޭހަކަމެއް ނޫނެވެ. އެކަމަށްޓަކައި މަންމަގެ މުޅި ދުވަސް ހޭދަވެގެން ދެއެވެ. ކެއިން ބުއިމާއި ނިދުމުގެ އިތުރުން ގައިންތާހިރުވުމަށްވެސް ވަގުތު އޮންނަނީ ނުވެފައެވެ. ކޮންމެ މަންމައަކުވެސް ދައްކަނީ ދަރިފުޅުގެ ކަންކަން ނުނިމޭ ވާހަކައެވެ. ނަމަވެސް މަންމައިންގެ ތެރޭގައި މުޅިން ތަފާތު ދެ ޒަމާނެއްގެ މައިން އުޅެއެވެ.

އެންމެ ފުރަތަމަ މަންމައިންނަކީ މީގެ 30-40 އަހަރު ކުރިން ރާއްޖެތެރޭގައި ރަށްރަށުގައި ދަރިން ބެލި މަންމައިންނެވެ. ދަރިފުޅު އުފަން ވުމުގެ ކުރިން ކުދި ކުދި މުންޑު ނުވަތަ ކުދި ކަނޑިކި ފަހާފައި ހުންނާނެއެވެ. ނެޕީއަކީ އެއީ އެވެ. އެއިން ކުރެވޭނެ ހަމަ އެކަނި ކަމަކީ ނިވާ ވުމެވެ. އިރު އިރުކޮޅުން ކުޑަކަމު ނުވަތަ ބޮޑުކަމު ދެވުމުން ޖެހޭނީ މުޅި ތަންމަތި ދޮންނާށެވެ. ތަންމަތީގައި ރަބަރެއް އަޅާފައި އޮތަސް އޭގެމަތިން ބެޑްޝީޓެއްގެ ގޮތުގައި ފޮތިކޮޅެއް އަޅާފައި އޮންނާނެއެވެ. ހީސްލެވޭއިރު ދަރިފުޅު އޮށޯވެގެން އޮއްވާ ހީސްލެވުނަސް ލައިގެން އޮންނަ ޖުއްބާ ތެމޭނެއެވެ. ތިނެތި ދޮންނަން ޖެހުނީއެވެ. މިގޮތަށް ދުވާލެއްގެ ތެރޭގައި ތުއްތުކުއްޖަކު ކިތައް ފަހަރު ސާފުކުރަން ޖެހޭނެކަން އަންދާޒާކޮށްލާށެވެ. ތުއްތުކުއްޖާ އަބަދު އޮންނާނީ އޭނާގެ ތަންމައްޗަކު ނޫނެވެ. މީހުން އުރައިގެން ތިބޭ ގަޑީގައިވެސް ކުޑަކަމުދެވި އަދި ބޮޑުކަމުވެސް ދެވޭނެއެވެ. ދަންވަރު ނިދާފައި އޮއްވާވެސް ކިތަންމެ ފަހަރު މިހެން ހޭލަން ޖެހޭނެއެވެ. އޭރު އާންމުކޮށް ގިފިލި ހުންނާނީ ގެއާ ވަކިން ދުރުގައެވެ. ނަމަވެސް ކުޑަކުދިން ގެންގުޅޭ މައިންނަމަ އެތެރެގެއަށް ނުވަތަ އަސްކަނި ދަށަށް ފެންބާލީ ލާފައި ހުރެއެވެ. އެއީ ކުދިން ތާހިރު ކުރުމަށެވެ. މިއީ އަދި އެންމެ ކަމެކެވެ.

ދެން އޮތީ ދަރިން ގޮވައިގެން ގޭތެރޭގެ މަސައްކަތް ކުރުމެވެ. ބަދިގޭގައި އުޅޭނަމަ ބަދިގެ ކައިރިން ގަހެއްގެ ހިޔަލުގައި ދަރިފުޅު ބާއްވައިގެން މަންމަ އަވަދި ނެތި އުޅޭނެއެވެ. ކައްކަނީ ދަރު އުދުނުންނެވެ. އެދަރުވެސް ޖެހެނީ ވަލުން ހޮވައިގެން ގެންނާށެވެ. ބަތްކައްކަން ބޭނުންކުރާ ހަނޑޫވެސް ކެއްކުމުގެ ކުރިން ހޮވަން ޖެހެއެވެ. އެ ޒަމާނުގައި ލިބެނީ އެކަހަލަ ހަނޑުލެވެ. ކާށިކިރު އަޅަން ފުރަތަމަ ޖެހޭނީ ކާށި ހެހެގެން ގާނާށެވެ. ކިރު ނެގޭނީ އޭގެފަހުންނެވެ. ކައްކަން އުދާފައި ދުރަށް ގޮސްފިނަމަ އުނދުން ނިވޭނެއެވެ. އެހެން ނޫނީ ބަތްތެލި ދުންގަންނާނެއެވެ. މަންމަގެ ޒިންމާއަކީ ކާ ގަޑި ޖެހުމުގެ ކުރިން ކެއްކުމެވެ. މިހެން އުޅެނިކޮން އުނދޯލިން ނުވަތަ ފަތްޖެހި އެނދުން ދަރިފުޅު ބިންމައްޗަށް ވެއްޓޭ ދުވަސް މަދެއް ނުވާނެއެވެ. މިފަދަ ހާލެއްގައި ކައްކާ ނިމުމުން އެވީ އެއްޗެހި ދޮންނާށެވެ. ދަރު އުނދުނުން ކެއްކުމުން މުޅި ތެލި އޮންނާނީ ދެލި އަރާފައެވެ. އަންނައުންވެސް ދޮންނަނީ އަތުންނެވެ. ފެންތިކި ޖަހަނިކޮށް ރޯނުގައި އަޅާނެއެވެ. މޫސުން ރަގަޅިއްޔާ އިރު އޮއްސޭއިރަށް ހިކޭނެއެވެ. ނުހިކުނަސް އިރު އޮއްސުމުގެ ކުރިން ގޭތެރެއަށް ވައްދަން ޖެހެއެވެ. މިއީ އަދި ކުޑަ މިންވަރެކެވެ. މިކިޔާދިނީ އެންމެ ކުއްޖެއް ގޮވައިގެން މަންމައަކު އުޅޭނެ ގޮތެވެ. އެކި އުމުރުގެ ހައެއްކަ ކުދިން ގޮވައިގެން މިހެން އުޅޭނެގޮތް ހިތަށް ގެންނަންވެސް އުނދަގުލެވެ. ހުރިހާ ކުދިން ކުރާ ކަންކަން ބަލާކަށް މަންމައަކަށް ނުހުރެވެއެވެ. ބިންމަތިން ހޮވި އެއްޗެއް އަނގައަށް ލައިގެން އުޅުނު ކުއްޖެއްގެ އަނގައިން އެ ނެރެފައި ދެން ބަލާލާއިރު ދޮށްޓަށް ހުންނަ ކުއްޖާ އޮންނަނީ ވަޅަށް ވެއްޓިފައެވެ. ބަދިގެ އުނދުނަށް ނުވަތަ ކައްކާފައި ހުރި ކާއެއްޗެހި ތެއްޔަކަށް ނުވެއްޓޭ ކުއްޖަކު އޭރު ހަމަ މަދުވާނެއެވެ.

ދެން އުޅެނީ މިހާރުގެ މައިންނެވެ. ވިހައިގެން ނެރޭ އިރުވެސް އޮންނަނީ ނެޕީ ޖަހާފައެވެ. އެ ދޮންނާނަކަށް ނުޖެހެއެވެ. ހަޑިވުމުން ނަގާ ޑަސްބިނަށް ލާންވީއެވެ. ކޮޓަރިން ވަދެވޭގޮތަށް ހުންނަ ފާޚާނާއަށް ވަދެ ދަރިފުޅު ދޮއްވާލާފައި އަލުން ނެޕީ ޖަހަންވީއެވެ. މުޅި މަރުޙާލާ ނިމޭއިރު ހަޑިވާން ނުޖެހޭ ތަނެއް ހަޑިއެއް ނުވެއެވެ. ތުއްތު ކުއްޖާ ގޮވައިގެން ބެލެނިވެރިންގެ ބައްދަލުވުމަށް ދާން ވެސް ޖެހިލުންވާކަށް ނުޖެހެއެވެ. އެތަން ހަޑިނުވާނެކަން ޔަގީންވާތީއެވެ.

ގޭތެރޭގެ މަސައްކަތްކުރާއިރު ދަރިފުޅު ބައިންދަން އެކި ފާޑުގެ ކޮށްޓާއި ގޮނޑިހުރެއެވެ. ނިދާފައި އޮތްނަމަ ކޮޓަރީގައި ބާއްވާފައި ބަދިގޭގެ މަސައްކަތުގައި އުޅެންވީއެވެ. ބޭބީ މޮނިޓަރ ހުންނާނީ ޖައްސާފައެވެ. ދަރިފުޅުގެ އަޑު އިވި ހަރަކާތް ބެލޭނެއެވެ. ރައިސް ކުކަރ އަށް ބަތްކޮޅު އުދާލުމުން ނިމުނީއެވެ. ކެކިގެން އަމިއްލައަށް ނިވޭނެއެވެ. ހަޑިވެފައި ހުންނަ ހެދުންތައް މެޝިނަށް އަޅާލުމުން ނިމުނީއެވެ. ނިމޭއިރު ހުންނާނީ ހިކެން ވެސް ހިކިފައެވެ. ދަރިފުޅު ފެނާ ކުޅެން ފާޚާނާގައި ހުއްޓަކަސް ވަޅަށް ވެއްޓިދާނެތީ ހާސްވާކަށް ނުޖެހެއެވެ. ކުދިންނަށް ހިނގެން ފެށުމުން ހުރިހާ މޭޒެއްގެ ކަނުގައިވެސް ހުންނަނީ އިސްޕަންޖު ޖަހާފައެވެ. ދަރިފުޅަށް އަނިޔާއެއް ވެގެން އުޅެން ޖެހެނީ ވަރަށް މަދުންނެވެ. ނިދަން ބާއްވާ އެނދުވެސް ހުންނަނީ ނުވެއްޓޭނެހެން ވަށައިގެން އުސްކޮށްފައެވެ. ބޭރަށް ދާން ވިޔަސް ކުދިން ލައިގެން ދުއްވާނެ އެއްޗެހި ހުރެއެވެ. އަބަދު އުރައިގެން ހުންނާކަށް ނުޖެހެއެވެ. ސައިކަލުގައި ދާ މީހާވެސް ދަރިފުޅާއި މެދު ވިސްނަން ނުޖެހޭނެހެން ބޭބީކެރިއަރ އަށް ލައިގެން ދާންވީއެވެ.

ޒަމާނަށް އައި ބަދަލާއިއެކު އެތައް ކަމެއް މިވަނީ ފަސޭހަވެފައެވެ. އެގޮތުން ދަރިން ބެލެހެއްޓުމަށްވެސް ފަސޭހަތަކެއްވަނީ ލިބިފައެވެ. ނަމަވެސް ކޮންމެ ޒަމާނެއްގައި ކޮންމެ ޙާލަތެއްގައި ދަރިންބެއްޔަސް މައިންގެ މަސައްކަތަކި ބުރަ މަސައްކަތެކެވެ. މަޔަކަށް ވީތީ ކޮންމެ މަންމައެއްގެ ގުރުބާނީ އާއި ބުރަ މަސައްކަތް އަގު ވަޒަން ކުރަން ޖެހެއެވެ. ނަމަވެސް ކުރީގެ މައިން ކުރި ހިތްވަރަށް ޝުކުރުއަދާކޮށް އަގު ވަޒަން ކުރުން ވާނީ ވަރަށް ދަތި ކަމަކަށެވެ.