އިންސާނާ އޭނާގެ ހަޔާތުގެ ދުވަސްތައް މި ދުނިޔޭގައި ހޭދަކުރަމުން ދާއިރު، އެހެން އެއްވެސް އިންސާނަކަށް ނޭނގޭ އެތައް ސިއްރެއް އެ އިންސާނާގެ ހުންނާނެއެވެ. ހިނގައިފާ އެތައް ކަމަކާއި ކުރިމަތިވެފައިވާ އެތައް ހާދިސާތަކެވެ. އަދި ހިނގަމުންދާ އެތައް ކަންތައްތަކަކާއި ވަމުންދާ އެތައް ގޮތެކެވެ. މިއިން ކޮންމެ ވާހަކައަކީވެސް އެމީހެއްގެ ހަޔާތުގައި ވަރަށް އަގުބޮޑު ވާހަކަ ތަކެކެވެ. ވަރަށް ހާއްސަ ކަންތައްތަކެކެވެ. 

ކަންއޮތީ މިހެންކަމުގައި ވީނަމަވެސް، އެހެން އިންސާނަކާއި މެދުގައި ތިމާގެ ހިތުގައި އުފެދޭ އިތުބާރަކާއި ޖަޒުބާތެއްގެ ސަބަބުން އެފަދަ އެތައް ވާހަކަ ތަކަކާއި ކަންތައްތަކެއް ހިއްސާކުރެވެއެވެ. މިފަދައިން ހިއްސާކުރެވޭ އެފަދަ ސިއްރު ތަކަކީ އެހެންމީހުނަށް އަންގަދޭން ހިއްސާ ކުރެވޭ ސިއްރުތަކެއް ނޫނެވެ. ނަމަވެސް އެ ހިއްރުތަކަކީ "އެމީހަކަށް" އެނގުމަށްޓަކައި ހިއްސާ ކުރެވޭ ސިއްރުތަކެކެވެ.

އެެެފަދަ ސިއްރުތަކުގައި އުފާވެރިކަމުގެ މަންޒަރުތަކެއްވެސް ވެދާނެއެވެ. ހިތާމަވެރި އެތައް ތަސްވީރުތަކެއް އޮވެދާނެއެވެ. ލަދުވެތި އެތައް ހާދިސާތަކެއް ތަމްސީލުވެފައިވެސް އޮވެދާނެއެވެ. މިއިން ކޮންމެ ކަމަކީ ހަގީގަތުގައި އެމީހެއްގެ އަމިއްލަ ކަންކަމެވެ. ކޮންމެވެސް ސަބަބުތަކާއި ހުރެ، އެ ކަންކަން އެހެން މީހުނަށް ހާމަކުރަން ޖެހިލުންވާ ކަންކަމެވެ. ނަމަވެސް އިސްވެ ދެންނެވުނު ފަދައިން އަނެކާއާއި މެދު އެ އުފެދޭ އިތުބާރާއި ޔަގީންކަމާއި ނުވަތަ ޖަޒުބާތަކާއި އެކު އެފަދަ ސިއްރުތައް އަނެކާއަށް ހިއްސާކުރެވެއެވެ. މިފަދައިން ހިއްސާކުރެވޭ ސިއްރުތަކަކީ އަނެކާގެ ފުށުން ނަމަވެސް އިތުރު އެހެން މީހަކަށް އެނގެން ބޭނުންވާނޭ ކަންކަމެއް ނޫނެވެ. ނަމަވެސް އެއްކަލަ އިތުބާރު އުފެދުނު އިންސާނާގެ ގާތުގައި އެ ސިއްރެއް ބުނެވުނީ ކީއްވެތޯއެވެ؟

އާންމުކޮށް މިފަދަ ސިއްރުތަކަކީ ވަރަށްވެސް މަދުން ނޫނީ އިންސާނާ ހާމަކުރާ އެއްޗެއްސެއް ނޫނެވެ. ހަގީގަތުގައި ހާމަކުރަނީކީއެއް ނޫނެވެ. އުފެދޭ އިތުބާރާއި ޖަޒުބާތެއްގެ ސަބަބުން ހިއްސާކުރެވެނީއެވެ. މިފަދައިން ހިއްސާކުރުމަކީ އަދި ހާމަ ކުރުމެއް ނޫނެވެ. އެ ސިއްރެއްގެ ސަބަބުން އެ އިންސާނަކަށް އުނދަގޫކުރުވާނަމަ، އެ ސިއްރެއް ކޮންމެވެސް މީހަކާ ހިއްސާކުރުމަކީ އެކަމުގައި އެންމެ ރަނގަޅު ގޮތްކަމުގައި ނަފްސާނީ އިލްމުވެރިން ދެކިލައްވައެވެ. އެފަދައިން އެ އުނދަގޫކުރުވާ ސިއްރެއް، އިތުބާރު ކުރެވޭ މީހަކަށް ހިއްސާކުރުމުން، އެ ސިއްރަކާއި އެކު ދެ ނަފުސެއް ވާކަމުގެ އިހުސާސްކުރެވި، ނަފުސަށް ހަމަ ޖެހުން ލިބިދެއެވެ.

އެއްވެސް މީހެއްގެ އެއްވެސް ސިއްރަކީ އަނެކާގެ ފުށުން ބޭޒާރުވެ ހާމަވެގެންދާނޭ އެއްޗަކަށް ނުހަދާށެވެ. އެއީ އެނގިހުރެ އަނެކާއަށް ދެވޭ ވަރަށްބޮޑު އަނިޔާއެކެވެ. ތިމާއަށް އިތުބާރު ކުރި ތިމާގެ މައްޗަށް އަނެކާގެ ހިތުގައި އިތުބާރާ ޔަގީންކަމުގެ ޖަޒުބާތެއް އުފެދުނު އެ އިންސާނާއަށް ދެވޭ ވަރަށްވެސް ބޮޑު އަނިޔާއެކެވެ. އެހެންކަމުން އެފަދައިން ހިއްސާކުރެވޭ ސިއްރުތަކަކީ އަމާނާތެކެވެ. އެ ވާހަކަތަކަށް ފުރިހަމައަށް އަމާނާތްތެރިވާން ޖެހޭނެއެވެ. އެ ވާހަކަތަކަށް ހިޔާނާތްތެރިވެއްޖެ މީހަކީ އަނިޔާވެރި އެކެވެ. ދޮގުވެރިއެކެވެ. ހީލަތްތެރި އެކެވެ.

އާދެހެވެ! މިދުނިޔޭގައި ތިމާ އެންމެ އިތުބާރު ކުރާ މީހާ ދެކެވެސް ހިތްހަމަ ނުޖެހޭ ދަނޑިވަޅުތައް އާދެއެވެ. ނަމަވެސް އެ ހިތްހަމަ ނުޖެހުމުގެ މައްޗަށް ބުއްދި އިސްކޮށްފި ނަމަ އެފަދަ ސިއްރުތައް ހާމަ ކުރެވިގެންނެއް ނުދާނެއެވެ. އާންމު ގޮތެއްގައި އެފަދަ ސިއްރުތައް ހާމަވަނީ އުފެދޭ ރުޅިވެރިކަމާއި ނަފްރަތުގެ ޖަޒުބާތުތަކެއްގެ ތެރެއިންނެވެ.

ސިއްރަކުން ނަފުސަށް އުނދަގޫކުރާނަމަ، އެ ސިއްރެއް، އިތުބާރާ ޔަގީންކަން އޮންނަ އަނެއް އިންސާނަކަށް ހިއްސާ ކުރާށެވެ. އަނެކުންގެ ސިއްރު ހިއްސާ ކުރެވުނު މީހާ އެ ސިއްރައް ރައްކާތެރިވާށެވެ. ފަލީހަތްކޮށް ހާމަ ނުކުރާށެވެ. ސިއްރަކީ އޭގެ "އަސަރު" ގަދަ އެއްޗެކެވެ. ހެޔޮކޮށާއި ނުބައިކޮށެވެ!