މިއަދުގެ ހުކުރު ޚުޠުބާ ބިނާވެގެން ދިޔައީ ޒަކާތުގެ މާތްކަމާއި ޘަވާބާއި ދަރުމައިގެ މައްޗަށެވެ. ޒަކާތަކީ މަތިވެރި ޘަވާބު ލިބިގެންވާ، މަތިވެރިކަން ބޮޑު ކަމެކެވެ، އިސްލާމްދީނުގެ ފަސްރުކުނުގެ ތެރެއިން ތިން ވަނަ ރުކުނެވެ. ކީރިތި ރަސޫލާ ﷺ ޙަދީޘް ކުރައްވާފައިވެއެވެ. (بُنِيَ الإِسْلاَمُ عَلَى خَمْسٍ: شَهَادَةِ أَنْ لاَ إِلَهَ إِلاَّ اللَّهُ وَأَنَّ مُحَمَّدًا عَبْدُهُ وَرَسُولُهُ، وَإِقَامِ الصَّلاَةِ، وَإِيتَاءِ الزَّكَاةِ، وَحَجِّ الْبَيْتِ، وَصَوْمِ رَمَضَانَ) މާނައީ: “އިސްލާމްދީން ބިނާވެގެންވަނީ ފަސްރުކުނެއްގެ މައްޗަށެވެ. އެއީ؛ ﷲ މެނުވީ ޙައްޤުވެގެން އަޅުކަމެއް ވެވޭ އިލާހަކު ނުވާކަމަށާއި، ހަމަކަށަވަރުން މުޙައްމަދުގެފާނަކީ އެކަލާނގެ އަޅާކަމަށާއި ރަސޫލާކަމަށް ހެކިވުމާއި، ނަމާދު ޤާއިމުކުރުމާއި، ޒަކާތް ދިނުމާއި، ގެފުޅަށް ގޮސް ޙައްޖުވުމާއި، ރަމަޟާންމަހު ރޯދަ ހިފުމެވެ.”

ކީރިތި ޤުރްއާނުގައި ﷲ ތަޢާލާ ވަޙީ ކުރައްވަނީ (وَأَقِيمُوا الصَّلاة وَآتُوا الزَّكاة وَمَا تُقَدِّمُوا لِأَنْفُسِكُمْ مِنْ خَيْرٍ تَجِدُوهُ عِنْدَ اللهِ) (البقرة: 110) މާނައީ: “އަދި ތިޔަބައިމީހުން ނަމާދު ޤާއިމުކުރާށެވެ! އަދި ތިޔަބައިމީހުން ޒަކާތްދޭށެވެ! ހެޔޮކަމުގެ ތެރެއިން ތިޔަބައިމީހުންގެ އަމިއްލަ ނަފްސުތަކަށްޓަކައި ތިޔަބައިމީހުން އިސްކުޅަ ކޮންމެ ކަމެއްގެ ޘަވާބު، ﷲ ގެ ޙަޟްރަތުގައި ތިޔަބައިމީހުންނަށް ފެންނަހުށްޓެވެ.

ޒަކާތްދިނުމަކީ ތަޤްވާވެރިކަމުގެ ޢަލާމާތްތަކުގެ ތެރެއިން ޢަލާމާތެކެވެ. އަދި ސުވަރުގެ ވަދެވުމުގެ ސަބަބުތަކުގެ ތެރެއިން ސަބަބެކެވެ. ކީރިތި ޤުރުއާނުގައި ﷲ ތަޢާލާ ވަޙީ ކުރައްވާފައިވެއެވެ. (إِنَّ الْمُتَّقِينَ فِي جَنَّاتٍ وَعُيُونٍ * آخِذِينَ مَا آتَاهُمْ رَ‌بُّهُمْ ۚ إِنَّهُمْ كَانُوا قَبْلَ ذَٰلِكَ مُحْسِنِينَ * كَانُوا قَلِيلًا مِّنَ اللَّيْلِ مَا يَهْجَعُونَ * وَبِالْأَسْحَارِ‌ هُمْ يَسْتَغْفِرُ‌ونَ * وَفِي أَمْوَالِهِمْ حَقٌّ لِّلسَّائِلِ وَالْمَحْرُ‌ومِ) (الذاريات: 15-19) މާނައީ: “ހަމަކަށަވަރުން، ތަޤްވާވެރިންވަނީ، ސުވަރުގެތަކާއި، ފެންއާރުތަކުގެ ނިޢުމަތުގައެވެ. އެބައިމީހުންވަނީ، އެބައިމީހުންގެ ވެރިރަސްކަލާނގެ އެބައިމީހުންނަށް ދެއްވި ޘަވާބު ލިބިލިބިއެވެ. ހަމަކަށަވަރުން، އޭގެކުރިން އެބައިމީހުންވީ އިޙްސާންތެރިން ކަމުގައެވެ. އެބައިމީހުން ނިދައިއުޅުނީ ރޭގަނޑުން ވަރަށްކުޑަ ވަގުތުކޮޅެއްގައެވެ. އަދި އެބައިމީހުން ހާރުދަމުގައި ފާފަފުއްސެވުމަށްއެދި ދުޢާކުރެތެވެ. އަދި ސަލާންޖާހާ މީހުންނަށާއި، ނިކަމެތި މަޙްރޫމުންނަށް އެބައިމީހުންގެ މުދަލުގައި ޙައްޤެއްވެއެވެ.”

އަދި ޒަކާތްދިނުމަކީ ހެޔޮ އަޖުރާއި ޘަވާބު އިތުރުވެގެންދާނޭ ކަމެކެވެ. ﷲ ތަޢާލާ ވަޙީ ކުރައްވާފައިވެއެވެ. ((وَمَا آتَيْتُم مِّن زَكَاةٍ تُرِ‌يدُونَ وَجْهَ اللَّـهِ فَأُولَـٰئِكَ هُمُ الْمُضْعِفُونَ)) (الروم: 39) މާނައީ: “އަދި ﷲގެ ވަޖުހުފުޅު އެދިގެން ޒަކާތުގެ ގޮތުން ތިޔަބައިމީހުން ދިން އެއްޗަކާމެދު (ދަންނާށެވެ!) އިތުރުކުރާ ބަޔަކީ ހަމަ އެބައިމީހުންނެވެ.” الْمُضْعفُون (އިތުރުކުރާމީހުންނަކީ)، އެބައެއްގެ ޘަވާބާއި އަޖުރު އިތުރުވެގެންވާ މީހުންނެވެ. އަދިވެސް ﷲ ތަޢާލާ ވަޙީ ކުރައްވާފައިވެއެވެ. ((مَثَلُ الَّذِينَ يُنْفِقُونَ أَمْوَالَهُمْ فِي سَبِيلِ اللهِ كَمَثَلِ حَبَّةٍ أَنْبَتَتْ سَبْعَ سَنَابِلَ فِي كُلِّ سُنْبُلَةٍ مِائَةُ حَبَّةٍ وَاللهُ يُضَاعِفُ لِمَنْ يَشَاءُ وَاللهُ وَاسِعٌ عَلِيمٌ)) (البقرة:261) މާނައީ: “ﷲގެ މަގުގައި، އެބައިމީހުންގެ މުދާ ހޭދަކުރާ މީހުން ހޭދަކުރާ ތަކެތީގެ މިސާލަކީ، ކޮންމެ ކުރާގަނޑެއްގައި ސަތޭކަ އޮށް ހުންނަ ހަތް ކުރާގަނޑު އުފައްދާ އޮށެއްގެ މިސާލެވެ. ﷲ އިރާދަކުރައްވާ މީހަކަށް (ޘަވާބު) ގިނަގުނަ ކުރައްވައެވެ. އަދި، ﷲ އީ، ތަނަވަސްވަންތަ، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.” އަދި އަބޫ ހުރައިރާ ރަޟިޔަﷲ ޢަންހު ވިދާޅުވެފައިވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. (مَنْ تَصَدَّقَ بِعَدْلِ تَمْرَةٍ مِنْ كَسْبٍ طَيِّبٍ، وَلَا يَقْبَلُ اللَّهُ إِلَّا الطَّيِّبَ، وَإِنَّ اللَّهَ يَتَقَبَّلُهَا بِيَمِينِهِ ثُمَّ يُرَبِّيهَا لِصَاحِبِهِ كَمَا يُرَبِّي أَحَدُكُمْ فَلُوَّهُ حَتَّى تَكُونَ مِثْلَ الْجَبَلِ) މާނައީ: “ހެޔޮ ރަނގަޅުގޮތުގައި ހޯދާފައިވާ އެއްޗަކުން ކަދުރުއޮށެއްގެ މިންވަރު ޞަދަޤާތްކޮށްފިމީހާ (ދަންނާށެވެ!) ހެޔޮ ރަނގަޅު ތަކެތި މެނުވީ ﷲ ޤަބޫލުނުކުރައްވަތެވެ. އަދި ހަމަކަށަވަރުން ﷲ އެ އެއްޗެއް އެކަލާނގެ ކަނާއަތްޕުޅުން ޤަބޫލުކުރެއްވެވުމަށްފަހު، ތިޔައިގެ ތެރެއިން މީހަކު ކުޑަ އަހެއް ފަރުބަދައެއްހާވަރުވަންދެން ބަލަހައްޓާފަދައިން، އެކަލާނގެ އެމީހަކަށްޓަކައި އެ އެއްޗެއް ބަލަހައްޓަވައި ދެއްވައެވެ.”

ހަމަ އެފަދައިން ޒަކާތްދިނުމަކީ ޤިޔާމަތްދުވަހުގައި މީހާއަށް ދަތި އުނދަގޫތަކުން އަމާންކަން ލިބި، އެ ދުވަހުގެ ބިރުވެރިކަމުން މިންޖުވާނެ ކަމެކެވެ. ﷲ ތަޢާލާ ވަޙީ ކުރައްވާފައިވެއެވެ. (الَّذِينَ يُنْفِقُونَ أَمْوَالَهُمْ بِاللَّيْلِ وَالنَّهَارِ سِرًّا وَعَلَانِيَةً فَلَهُمْ أَجْرُهُمْ عِنْدَ رَبِّهِمْ وَلَا خَوْفٌ عَلَيْهِمْ وَلَا هُمْ يَحْزَنُونَ) (البقرة:274) މާނައީ: “އެބައިމީހުންނީ، ރެއާއިދުވާލު، ސިއްރާއި ފާޅުގައި، އެބައިމީހުންގެ މުދާތައް ހޭދަކުރާ މީހުންނެވެ. ފަހެ، އެބައިމީހުންގެ ވެރިރަސްކަލާނގެ ޙަޟްރަތުގައި އެބައިމީހުންގެ ދަރުމަ، އެބައިމީހުންނަށް ހުށްޓެވެ. އަދި، އެބައިމީހުންގެ މައްޗަކަށް ބިރެއް ނެތެވެ. އަދި ހިތާމަކުރާނޭ ބަޔަކުކަމުގައިވެސް އެބައިމީހުން ނުމެވޭމެއެވެ.”

      އެހެންކަމުން، މިއަދުގެ ޚުޠުބާއިން ލިބިދޭ ފިލާވަޅަކީ، އަޅުގަނޑުމެން މުސްލިމުންގެ މައްޗަށް މަތިވެރިވެގެންވާ، އިސްލާމްދީނުގެ ތިންވަނަ ރުކުން، އާދެ ޒަކާތް ދެއްކުމަށް އަޅުގަނޑުމެން ރައްކާތެރިވުމެވެ. ފިޠުރު ޒަކާތުގެ އިތުރުން، ޤަވާޢިދުން މުދަލު ޒަކާތް ނެރެ އަޅުގަނޑުމެންނަށް މާތް ﷲ ދެއްވި ތަނަވަސްކަމަށް ޝުކުރުވެރިވެ، އެމުދަލުގައިވާ ﷲގެ އަޅުތަކުންގެ ޙައްޤުތަށް އަދާކޮށް އަޅުގަނޑުމެންނާއި އަޅުގަނޑުމެންގެ މުދަލަށް މާތް ﷲގެ ބަރަކާތާއި ރަޙުމަތް ހާޞިލުކުރުމެވެ.