ވިހެއުމަކީ އަންހެނެއްގެ ހަށިގަނޑަށް ވަރަށް ބޮޑެތި ތަކެއް ބަދަލު އަންނަ ކަމެކެވެ. މަންމަގެ ބަނޑުން ތުއްތު ފުރާނައެއް ދުނިޔެއަށް އުފަން ކުރުވުން އެއީ މަންމައެއްގެ އެންމެ ޚާއްސަ ސިފައެވެ. މިކަމަށްޓަކައި މަންމަ އެތައް ވޭނެއް އުފުލައެވެ. އެހެންކަމުން މިއީ އާއިލާގެ އެންމެންގެ އެހީތެރިކަން މަންމައަށް ލިބޭ ވަގުތެވެ. ޒަމާނަށް އައި ބަދަލާއެކު މަންމަގެ މި ގުރުބާނީގެ އަގުވަޒަން ކުރުން ކުޑަވެއްޖެ ކަމަށް ބުނުން ދޮގަކަށް ނުވާނެއެވެ. ވިހައިގެން 24 ގަޑި އިރު ތެރޭގައި ހޮސްޕިޓަލުން ގެއަށް އައިސް، މަހެއްވާ އިރު އާންމު ދިރިއުޅުމުގެ ހުރިހާކަމެއްގައި މަސްޢޫލުވެ އުޅެން ފަށައެވެ. ސިޒޭރިއަން އެއް ހަދައިފި ނަމަ ނުވަތަ ވިހެއުމުގެ ތެރޭގައިވެސް ތަންކޮޅެއް ކަފާލަން ޖެހިއްޖެނަމަ އެތަނެއް ފަސޭހަވަންދެން ބޭސް އަޅާ ހަދައެވެ. ނަމަވެސް ވިހައިގެން ނިކުތީތީވެ ވަކި ޚާއްސަ ފަރުވާތަކެއް ނުލިބެއެވެ. ނަތީޖާ އޮތީ އެންމެނަށް ފެންނާށެވެ. އެންމެ ކުއްޖަކު ވިހެއުމަށްފަހުވެސް ބަނޑެއްލާފައި ހުރުން ވަނީ އާންމު ކަމަކަށް ވެފައެވެ.

ނަމަވެސް އިހު ޒަމާނުގައި އަތޮޅުތަކުގެ ރަށްރަށުގައި ވިހެއުމުން ވަރަށް ރަގަޅަށް އެ މަންމައަކަށް ކަންކަން ކޮށްދެއެވެ. އޭގެ ހެއްކަކީ ވިހެއުމަށްފަހު ބަނޑުލާފައި ހުންނަ އަންހެނަކު ފެނުން އޭރު މަދުކަމެވެ. ފޫޅުމައިންގެ ބެލުމުގެ ދަށުން ވިހެއުމުން ފޫޅުމައިމީހާ އާއި އާއިލާގެ ދޮއްޓަށް ތިބޭ އަންހެނުންގެ ޚާއްސަ ބެލުމުގެ ދަށުން ވިހައިގެން އޮންނަ މީހަކަށް ލިބޭ ޚާއްސަ ފަރުވާތަކެއް ހުރެއެވެ. އޭރުގެ މީހުން ގަބޫލު ކުރާ ގޮތުގައި ކުއްޖަކު ވިހެއުމަކީ މުޅި ހަށިގަނޑަށް އެކަމުގެ ތެރޭގައި ބަދަލު އަންނަ ކަމެކެވެ. އެހެން ކަމުން ވިހެއުމަށް ފަހު ކުރިން ހުރި ޙާލަތަކަށް ހަށިގަނޑު ގެނައުމަށް ފަރުވާ މުހިންމެވެ.

ގޭގައި 17 ކުދިން ވިހެއުމަށްފަހުވެސް އެއްވެސް ވަރަކަށް ބަނޑުލާފައި ނެތުމުގެ ސިއްރު "ތީރަށް" ކިޔާދިނީ ރާއްޖޭގެ އުތުރުގެ ރަށެއްގެ އަންހެނެކެވެ. އޭނާ ކިޔާދިން ގޮތުން ކޮންމެ މީހަކުވެސް ވިހެއުމަށްފަހު ދެވަނަ ދުވަހުން ފެށިގެން އެންމެ ފުރަތަމަ ދެވެނީ "ފަސްކުޅި" ކިޔާ ބޭހެކެވެ. އެއީ މަތިކަރާ ބޭސް ބޭނުންކޮށްގެން ހެދިފައި ހުންނަ ބޭހެކެވެ. އެ ހުންނަނީ ފުނޑާފައި ގުޅަވަށާފައެވެ. 3 ދުވަސް ވަންދެން ކޮންމެ ދުވަހަކު ހުސް ގޮހޮރާ އަދި ރޭގަނޑު ކެއުމަށްފަހު މި ބޭސްގުޅަ ދޭނެއެވެ. ބޭސް ދެނީ އާދައިގެން ފެނުގައި ގިރާލާފައެވެ. 3 ދުވަސް ވުމުން ދެން ހަދާ ބޭހަކީ މަތިކަރާ ބޭހާއި އެކު، އެނބޫ، ވައިފިލާކުރި، ރާބެބުރިކުރި، އަދި ކަށިކުނބުރު ކުރި އެއްކޮށްގެން ފުނޑާފައި ހުންނަ ބޭހެކެވެ. މިވެސް ހުންނަނީ ގުޅަ ވަށާފައެވެ. ކޮންމެ ދުވަހަކު ހެނދުނު ހުސް ގޮހޮރާ އަދި ރޭގަނޑު ކައިގެން މި ބޭސް ދޭނެއެވެ. މި ބޭސް ގިރަނީ ކާފޫރު ފެނުގައެވެ.

މި ދެ ބޭސް ނިމޭއިރު އޮންނާނީ 7 ދުވަސް ވެފައެވެ. ދެން އެވީ "ބޭރުގެއަށް" ލައްވާށެވެ. ބޭރުގެއަށް ނެރުމަށްފަހު ކޮންމެ ދުވަހަކު ހެނދުނު ދޭނީ ހުނގުކުރުނބަލެވެ. މި ކުރުބާ އިންނާނީ ކުޑަކުޑަ ތަންކޮޅެއް ކަނޑާލާފައި އޭގެ ކުރިން ރޭ ކުޑަ ހުނގުކޮޅެއް ކުރުނބާ ތެރެއަށް ލާފައެވެ. 40 އަށް ފެން އަޅަންދެން މި ކުރުނބާ ދޭނެއެވެ. ވިހައިގެން 7 ދުވަސް ވުމުން ދެން ހިލަނީ ހިލިބޭހެވެ. މިއަށް އަޅާނީ "މިނާ ބޭސް" ކިޔާ ބޭހެވެ. މި ބޭސް ގަނޑުގެ ތެރެއަށް އެއްބަޔަކު ހަނޑޫ މާ ޖައްސާފައި އަޅާއިރު އަނެއް ބަޔަކު އަޅަނީ، މަޑުކޮށްފައި ހުންނަ ހަނޑުލެވެ. ބައެއް ރަށްރަށުގައި ކަނަމަދުވެސް އެއް ކުރެއެވެ. ކޮންމެ ދުވަހަކު ދެ އިރު މި ބޭސް ކާން ދޭނެއެވެ.

ވިހައިގެން 7 ދުވަސް ވުމަށް ފަހު ހަމަ ކޮންމެ ދުވަހަކު ހެނދުނާއި ހަވީރަށް މޫދަށް ގެންދާނެއެވެ. ހެނދުނު މޫދުން އައިސް މުޅި ގައިގައި ތިލެއޮ އުނގުޅައިގެން އިރު ކޮޅަކު އަވީގައިވެސް ބަހައްޓާނެއެވެ. ކޮންމެ ދުވަހަކު 5 ފަހަރަށް ހޫނުފެނުން ފެންވަރުވާނެއެވެ. ހޫނުފެނުން ފެންވަރަން ފަށާތާ 3 ވަނައަށް އޮންނަ ދުވަހުން ފެށިގެން އެ ފެންގަނޑު ކައްކާނީ ވެލަނބުލި ވެޔޮގަނޑެއް ލައިގެނެވެ. ބަނޑުގައި ހޫނުއަޑި އެޅުން އެއީ ވަކި ގަޑި އެއް ވަކި އަދަދެއް އޮންނަ ކަމެއް ނޫނެވެ. ވިހައިގެން އޮންނަ މީހާއަށް ޒިޔާރަތް ކުރާ ހަމަ ކޮންމެ މީހަކު އަޑިއެއް ތައްޔާރުކޮށްދޭން ބޭނުންވާނެއެވެ. އަޑިއަކީ ހޫނުފެން ހަން ގޮތަށް ބޭނުން ކުރާ އެއްޗެކެވެ.

މި ހުރިހާ ފަރުވާއަކަށް ފަހު ވިހޭ އަންހެން މީހާ ބޭރު ތެރެއަށް ނިކުންނަ އިރު ހުންނާނީ ބަނޑު ހިނދިފައެވެ. މަތީގައ ބަޔާން ކުރެވުނު ބޭސް ތަކަކީ މައިގަނޑު ގޮތެއްގައި ބަނޑުގައި ވައިހެދުން ދުރުކޮށް އެތެރެ ފާރު ފަސޭހަކުރުމަށް ދެވޭ ބޭސްތަކެވެ. ނަމަވެސް މިއިން ހަމަ ކޮންމެ ބޭހެއް އިންތިހާއަށް ރަހަ ނުބައި ވާނެއެވެ. ހިތްވަރުކޮށްފައި މި ބޭސް ބޭނުންކުރުމަށް އޭގެ ނަތީޖާ ރަގަޅު ކަން އެހާރާއި މިހާރުގެ އަންހެނުންނަށް ބަލާލުމުން ވަރަށް ރަގަޅަށް އެނގެން ހުންނާނެއެވެ.

ނޯޓް: ފޮޓޯ ފުލިދޫޑައިވް ވެބްސައިޓުން ނަގާފައި