އިންސާނާގެ ސާފުތާހިރުކަން އެއްމެ ބޮޑަށް ފެންނަ އެއް ސިފަ އަކީ ނުވަތަ ކަމަކީ ނުވަތަ ތަނަކީ ކޮބާހެއްޔެވެ؟ ބައެއް މީހުންގެ ނަޒަރުގައި މީހެއްގެ ސާފުތާހިރުކަން އެއްމެ ބޮޑަށް ފެންނާނީ އެމީހެއްގެ މޫނުމަތިންނާއި ހަށިގަނޑުންނެވެ. މިހެން ހީނުވާންވީ ސަބަބެއް ނެތެވެ. އެހެންނަމަވެސް މިއީ އަދި މުޅިއަކުން ރަނގަޅު ހީއެއް ނޫނެވެ. ބައެއް ދިރާސާވެރިން ދެކިލައްވާގޮތުގައި މީހެއްގެ ސާފުތާހިރުކަން އެންމެ ބޮޑަށް ދޭހަވާނީ އެމީހަކު އާންމުކޮށް ބޭނުން ކޮށް އުޅޭ ފާހާނާ އަކުންނެވެ.

އަހަރެމެން އަބަދުވެސް ރީތިކޮށް ހުރުމަށް ލޯބި ކުރަމުއެވެ. މޫނު ދޮންނަ އެކި އެކި ސާމާނުތަކާއި ގައި ދޮންނަ އެކިކަހަލަ ސައިބޯންޏާއި ބޯ ދޮންނަ ޝޭމްޕޫ ތަކަކީ އާއްމުކޮށް އަހަރެމެން ގެންގުޅޭ ތަކެއްޗެވެ. މީރުވަސް ދުވާ އެކި ކަހަލަ އަގުބޮޑެތި ސެންޓު ތަކަކީވެސް އަހަރެމެން ހަމަ އާދަވެ ޒީނަތްތެރި ވުމަށް ބޭނުން ކުރާ ސާމާނެެެވެ.

އާދޭހެވެ! އަހަރެމެންނަށް ކިތަންމެހާވެސް ރީތި ވެވިދާނެއެވެ. ޒީނަތްތެރިވުމުގައިވެސް ހައްދުފަހަނަ އަޅާ ދެވިދާނެއެވެ. އެހެންނަމަވެސް އެ ރީތި ކަމަކާއި ޒީނަތްތެރި ކަމަކުން އަހަރެމެންގެ ސާފުތާހިރުކަމެއް ނުފެންނާނެއެވެ. ރީތިކަމާއި ސާފުތާހިރު ކަމަކީ ދެކަމެކެވެ. ރީތިކަމާއި ޒީނަތްތެރިކަމަކީ މީހުންގެ ލޯތަކަށް ދެއްކިދާނެ ކަމެކެވެ. ދެއްކުންތެރިކަމުގެ ގޮތުންނެވެ. ނަމަވެސް ސާފުތާހިރުކަމަކީ މިގޮތަށް ދެއްކުންތެރި ކަމުގެ ގޮތުން ބަޔަކަށް ދެއްކޭނޭ ކަމެއް ނޫނެވެ. އާންމުކޮށް ގިނަ މީހުންނަށް ނުފެންނަ ތަންތަނުގައި ރީތި އުޅުމާ ގުޅުން ގެއްލިދާނަމަ އެމީހެއްގެ ސާފުތާހިރުކަމެއް ނުހުންނާނެއެވެ. އެ ސަބަބާއި ހުރެ، ދިރާސާވެރިން ދެކިލައްވާ ގޮތުގައި މީހެއްގެ ސާފުތާހިރުކަން އެއްމެ ބޮޑަށް ފެންނާނީ އެމީހަކު އާއްމުކޮށް ބޭނުން ކުރާ ފާހާނާއަކުންނެވެ.

ގިނަ މީހުންނަކީ ޒީނަތްތެރި ވުމުގައި ކުޅަދާނަ މީހުންނެވެ. ނަމަވެސް އެބައިމީހުންގެ އަމިއްލަ މާހައުލުގެ ސާފުތާހިރުކަމަކަށް މާބޮޑު ކަމެއް ނުބަހައްޓައެވެ. ހާއްސަކޮށް ފާހާނާގެ ސާފުތާހިރުކަމެވެ. ފާހާނާ އަކީ އަހަރެމެންގެ ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި ހަޑި ތަނެކެވެ. އެހެންނަމަވެސް އެއީ އަހަރެމެންގެ ހިތެވެ. ހަގީގަތަކީ އެއީ ހަޑި ތަނެއް ނޫނެވެ. ހަޑިނަމަހީ ރީތިވާން އަހަރެމެން އެތަނަށް ވަންނާނަން ހެއްޔެވެ؟ އަހަރެމެން ސާފުތާހިރުވާން ވަންނަ ތަނުގައި ސާފުތާހިރުކަމެއް ނެތްނަމަ، އަހަރެމެންގެ ކިބައި ހުރީ ކޮން ސާފުތާހިރުކަމެއް ހެއްޔެވެ؟ މިކަންކަމުގައި ވިސްނާ ފިކުރުކުރާ ބަޔަކަށް ނޫނީ އިބުރަތެއް ހާސިލްވުމެއް ނުވެއެވެ.