މީގެ ތިރީހަކަށް އަހަރު ކުރީގައި ދިވެހިންގެ އާދަކާދަ ހުރި ގޮތާއި މިހާރު ކަންކަން ހިނގަމުން އަންނަ ގޮތް ވަރަށް ތަފާތެވެ. އެއީ މޮބައިލް ފޯނުގެ ޒަމާނެއް ނޫނެވެ. ސިޓީއެއް ވެސް މީހަކަށް ރައްދުކުރުން އެއީ އެހާ ފަސޭހަކަމެއް ނޫނެވެ. އަދި އަމުދުން ހުސްހަށިބައި ކުދިންގެ ތެރެއިން ދެ ކުއްޖަކު އެއްވަގުތަކު މަގުގެ ދެކޮޅުން ފެނުނަސް އަޅުވާ ކިޔުމަކީ ބައެއް ރަށްރަށުގައި އާންމު ކަމެކެވެ. އެހެން ކަމުން ކުއްޖަކަށް ހިތްކީ ނަމަވެސް އެކަން ހާމަކުރުން އޮންނަނީ ވަރަށް ދަތިކަމަކަށް ވެފައެވެ. އަބުރުވެރި އާއިލާތަކުގެ ދެ ޖިންސުގެ ކުދިން ވެސް މިކަހަލަ ގޮތަކަށް ހިތުލޯބި ހިތުގައި ފޮރުވައިގެން ތިބެއެވެ.

ނަމަވެސް ކޮންމެ ރަށެއްގައި ވެސް މިއިން އެއްވެސް ކަމަކަށް ޖެހިލުން ނުވާ ދެތިން މީހުން އުޅޭނެއެވެ. އެމީހުން މަޝްހޫރުވެފައިވަނީ "މީހުން ކައިރިއަށް ވަންނަ މީހުން"ގެ ގޮތުގައެވެ. މީގެ ގިނަ މީހުންނަކީ ފާޑުފާޑުގެ ތަޅު ހުޅުވަން ކުޅަދާނަ މީހުންނެވެ. އެ ޒަމާނުގައި ގިނަ ގޭގޭގައި މާ ފެންވަރު ރަގަޅު ތަޅެއް ނުވެސް ހުންނާނެއެވެ. މި މީހުންގެ ކަމަކީ ނިދާފައި ތިބޭ އަންހެނުން ކައިރިއަށް ދަންވަރު ވަނުމެވެ. ވަންނަނީ ކީއްކުރަންކަމެއް ނޭނގެއެވެ. ނިދާފައިން އޮންނަ އަންހެން މީހާއަށް ހޭލެވިގެން ގޭގެ މީހުނަށް އަޑުއިވޭ ވަރަށް ހަޅޭއްލަވައިގަތުމުން ދުވެ ފިލާފާނެއެވެ. އެއީ ކާކުކަން ފޮރުވުމަށް ވަކި ގޮތަކަށް ހެދުން އަޅާ ނުވަތަ މޫނު ފޮރުފައެއް ވެސް ނުހަދާނެއެވެ. ބައެއް މީހުން ޓޯޗުބައްތި ހިފައިގެން ވަދެ ނިދާފައި އޮންނަ މީހާގެ ލޮލަށް އަޅައިގެން ހުރެދާނެއެވެ. އަނެއް ބަޔަކު ހަމަ ރީތިކޮށް އެނދުގައި އިށީނދެގެން އިނދެދާނެއެވެ. ނުވަތަ ކައިރީގައި އޮށޯވެ ވެސް އޮވެދާނެއެވެ. މި މީހުންގެ ފަރާތުން ފާހަގަ ކުރެވޭ ރަގަޅު ކަމެއް އޮވެއެވެ. ޖިންސީގޯނާކޮށް ޖިސްމާނީ ގެއްލުމެއް ދިންކަމުގެ ވާހަކަ އެއީ ވަރަށް މަދުން އިވޭ އަޑެކެވެ.

މިއީ ނަފްސާނީ ބަލި މީހުން ކަމަށް ބެލެވިދާނެއެވެ. ސަބަބަކީ ކުރިން ބުނުމަކާ ނުލާ، ދަންވަރު ގޭގޭގައި ނިދާފައި ތިބޭ އަންހެނުން ކައިރިއަށް ވަދެގެން ލިބޭނީ ކޮން ފައިދާއެއް ހެއްޔެވެ؟ ފުދޭނީ ކޮން އެދުމެއް ހެއްޔެވެ؟ ޖެހިގެން އަންނަ ދުވަހު މުޅި ރަށުގައި އޮންނާނީ އެވާހަކައެވެ. އެވެނި މީހަކު ރޭގައި މިވެނި އަންހެނެއް ކާރިއަށް ވަދެގެން އުޅެނިކޮށް ގޭމީހުން އެމީހަކު ފަހާލި ވާހަކައެވެ. މި ވިޔާނުދާ ޢަމަލު ހިންގާ މީހުންގެ އަމާޒަކަމަށް ނުވާނެ ވަކި މީހަކު ނުހުރެއެވެ. ކޮންމެ އުމުރެއްގެ ކޮންމެ މީހެއް ކައިރިއަށް ވެސް ވަދެފާނެއެވެ. ނަމަވެސް މިއީ ކޮން މަޤްސަދެއްގައި މި މީހުން ކުރާ ކަމެއްކަން އަދި ވެސް އޮތީ ނޭނގިއެވެ. ވައްކަންކުރާ މީހާ އެކަން ކުރަނީ މަސައްކަތަކާ ނުލާ އަވަހަށް އެމީހަކު ބޭނުންވާ އެއްޗެއް ހޯދުމަށެވެ. މީހުނަށް އަނިޔާކުރަނީ އެމީހާގެ މޮޅުކަން ދައްކާ ދެން ހުންނަ މީހާ ނިކަމެތިކޮށް ބަދަލު ހިފުމަށެވެ. ޑްރަގް ނަގާ މީހުން އެކަން ކުރަނީ މަސްތީ ދުނިޔެއަކަށް ދިއުމަށެވެ. ކޮންމެ ވިޔާނުދާ އަމަލެއްގެ ވެސް މަޤްޞަދެއް އޮވެއެވެ. މީހުން ކާރިއަށް ވަނުން ފިޔަވައެވެ.

ކޮންމެ މީހަކު ވެސް ހިތަށް ގެންނަންވީ އެމީހެއްގެ އަމިއްލަ ކޮޓަރީގައި، އަމިއްލަ އެނދުގައި ނިދާފައި އޮއްވާ، ހޭލެވޭއިރު ނުވެސް ދަންނަ ނުވަތަ ވާހަކަ ދައްކާނޫޅޭ މީހަކު ކޮޓަރީގައި ހުރެއްޖެނަމަ ނުވަތަ އެނދުގައި އިށީނދެގެން އިންދާ ފެނުމުން ލިބޭނެ ސިހުމެވެ. މިއީ ވަރަށް ބިރުވެރި ކަމެކެވެ. ނަމަވެސް މިކަން ކުރި އެއްވެސް މީހަކު ޝަރިއަތަކަށް ޙާޟިރު ކުރި ކަމެއް އެނގޭކަން ނެތެވެ. ބައެއް ރަށްރަށުގައި އަރުވާލާފައި ނުވަތަ އެހެންގޮތަކުން ވެސް ރަށަށް އަރާ ތިބޭ ބީރައްޓެހިންގެ ފަރާތުން މިކަން ފެންނަ ނަމަ ރަށުން ބާލައެވެ. ރަށަށް ނިޞްބަތްވާ މީހުންނަކަށް ދެވޭ އަދަބެއް ނޯވެއެވެ.

މީގެ އަހަރުތަކެއް ކުރިން ގިނަ ޒުވާން އަންހެންކުދިން ނުވަތަ އަންހެނުން އުޅުނީ ނަފްސާނީ ބިރުވެރިކަމެއްގައެވެ. ނިދާފައި އޮއްވާ ހޭލެވޭނީ ކާކު ކޮޓަރި ތެރޭގައި ހުރެގެން ކަމެއް ނޭނގެއެވެ. މިހާރު މީހަކު ނިދާފައި އޮއްވާ ނޫނީ ތަޅުލާފައި ހުރި ތަނަކަށް ވެރިމީހާގެ ހުއްދަނެތި ވަނުމަކީ އެކަމަށް ދަޢުވާ ކުރެވޭނެ ބޮޑު ކުށެކެވެ.