ބޮލީވިއާއަށް ނިސްބަތްވާ އުމުރުން 30 އަހަރުގެ ދަނޑުވެރިއެއް ކަމަށްވާ ޖޮނަތަން އެކޮސްޓާ ހަތަރު ރައްޓެހިންނާއެކު ޝިކާރަކުރުމަށް 'ހަންޓިން ޓްރިޕް' އެއްގަ އެމެޒޯން ޖަންގައްޔަށް ނުވަތަ އެމެޒޯން ރެއިން ފޮރެސްޓަށް ގޮސްއުޅެނިކޮށް މިއަހަރުގެ ޖެނުއަރީ 25 ގައި ގްރޫޕާ ވަކިވެ ޖަންގަލިތެރެއަށް ގެއްލިގެން އޭނާގެ އާއިލާއިން އެކަން ރިޕޯޓްކުރީ ޖެނުއަރީ ފަހުކޮޅެވެ.
31 ދުވަސްވީފަހުން މިދިޔަ ހޮނިހިރު ދުވަހު އޭނާ ފެނުނީ އޭނާ ހޯދުމުގެ މަސައްކަތްކުރަމުންދިޔަ 'ސަރޗް އެންޑް ރެސްކިއު' ޓީމަކަށެވެ. ރިޕޯޓްތައް ބުނާގޮތުން އޭނާ ފެނުނުއިރު އޭނާގެ ބަރުދަން ވަނީ 31 ދުވަސްތެރޭގައި ގާތްގަޑަކަށް 17 ކިލޯ ލުއިވެފައެވެ. އަދި އޭނާގެ އެއްފައިގެ ކުޑަހުޅު 'ޑިސްލޮކޭޓް' ވެފައިވާއިރު ހަށިގަނޑުގެ އެތަން މިތާ ތަފާތު ސޫފިތަކާ ޖަނަވާރުތައް ދަތްއަޅާ ހަމަލާދީފައިވާކަމުގެ ނިޝާންތައް ހުއްޓެވެ.
އެކޯސްޓާ އާ ހަވާލާދީ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުން 31 ދުވަސްވަންދެން ޖަންގަލިތެރޭ ސަލާމަތްވާނެ ގޮތެއް ނުފެނި އޭނާ އުޅުނުއިރު ކެއީ ފަނިފަކުސައާއި ކުދި ސޫފިތައް ކަމަށާ ބުއީ ވާރޭ ވެހޭއިރު ވާރޭ ފެނާއި، ފެން ނުލިބުނު ހާލަތްތަކުގައި އަމިއްލަ ކުޑަކަމުދާތަކެއްޗެވެ.
ސަރވައިވަލް ޓެކްނީކްތައް ކޮންމެވެސްވަރަކަށް އެނގޭތީ ވަރަށް ބޮޑު އެހީއަކަށްވި. ޖަންގަލިތެރެއިން އަތުޖެހުނު ބައެއް ސޫފިތަކާ ފަނިފަކުސަ ކައިގެން އުޅުނީ. ނަސީބަކުން 15 ވަރަކަށް ދުވަހު ވާރޭ ވެހުނު. ވާރޭ ވެހުނު ދުވަސްތަކުގައި އަހަރެންގެ ބޫޓުން ވާރޭ ފެން 'ކަލެކްޓް' ކުރީ. އެވަރަށް ވާރޭ ނުވެހުނުނަމަ އަހަރެން ދިރި ހުންނާނެހެނެއް ހިއެއް ނުވޭ. ފެން ނުލިބުނު ދުވަސްދުވަހު އަމިއްލަ ކުޑަކަމުދާތަކެތިވެސް ބޯން ޖެހުނު. އަދި ޖަންގަލިތެރޭ އުޅުނު ބައެއް ޖަނަވާރުތައް ހަމާލާވެސް ދިން. މިނިކާވަގެއްވެސް އުޅުނު. އެއަށްވެސް ފިލައިގެން އުޅެން ޖެހުނީ. - ޖޮނަތަން އެކޮސްޓާ -
އެކޮސްޓާގެ ވާހަކަތައް ތެދުނަމަ އޭނާ ވާނީ އެމެޒޯން ޖަންގަލީގައި ގިނިކަންޏާ މިގޮތަށް އެންމެ ގިނަ ދުވަހު 'ސަރަވައިވް' ކުރި ނުވަތަ މަރުނުވެ ހިފަހައްޓާލެވުނު އެކަކަށެވެ.
ހިޔާލު
ފޮނުއްވާ ޚިޔާލުތައް ޝާއިޢުކުރެވޭނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭތޯ ބެލުމަށް ފަހު ކަމުގައި ދަންނަވަން