މިއީ އިއްޔެގެ ވާހަކަ އެކެވެ. ރާއްޖޭގެ ނޫހެއްގެ ފަލަ ސުރުހީގައި ސުކޫލު ކުދިންތަކަކަށް ދިން އަދަބެއްގެ ވާހަކަ އޮތެވެ. ސުކޫލުގެ ރަސްމީ ގަޑީގައި މުދައްރިސްގެ ހުއްދަ ނުހޯދާ ކުލާސް ރޫމުން ބޭރަށް ނުކުތުމުން އެކުދިންނަށް ދިން އަދަބެއްގެ ވާހަކައެވެ. ގަނޑެއްގައި، ދެން ބޭރަށް ނުނިކުންނާނަމޭ ލިޔެ، ސުކޫލުތެރޭ އެ ގަނޑު ހިފައިގެން ކޮޅަށް ބެހެއްޓި ބެހެއްޓުމުގެ ވާހަކައެވެ. ދެ ގަޑިއިރެއް ހާއިރު އެ ގަނޑު ހިފައިގެން ސުކޫލުގެ އެހެން ދަރިވަރުންނާއި ބެލެނިވެރިންނާއި މުދައްރިސުންނަށްވެސް ފެންނާނެހެން ބެހެއްޓި ބެހެއްޓުމުގެ ވާހަކައެވެ.

އާދެ! އިންސާފު ކުރަން މިއުޅެނީ އެއީ އަދަބެއްތޯ ނުވަތަ އަނިޔާއެއްތޯ އެއް ނޫނެވެ. މި ލިޔުމުގައި ހިމަނާލަން މި ގަސްތުކުރީ އެ ހަބަރަށް ކިޔުންތެރިންނާއި އާއްމުން ދީފާ ހުރި ރަށްދު ތަކެވެ. އެހެނީ މިފަދަ ކަންކަމަކީ އަހަރެމެންގެ މުޖުތަމައާ ވަރަށް ބޮޑަށް ގުޅިފައި ހުންނަ ކަންކަމެވެ.

ހަބަރެއްގެ ސުރުހީއަކަށް، ސުކޫލެއްގައި ދަރިވަރުންތަކަކަށް އަދަބެއް ދިން ވާހަކަ އެރުން ވެގެން ދިޔައީ ގިނަ ބައެއްގެ ސަމާލުކަން ހުއްޓުނު ކަމަކަށެވެ. އެއަށް ގިނަ ބަޔަކު ރައްދުދީ ހެދި ކަމަކަށެވެ. ރައްދު ދިން ބައެއް މީހުން ބުނާގޮތުގައި އެއީ އެކުދިންނަށް ދިން އަދަބެއް ނޫނެވެ. އެއީ އެކުދިންނަށް ދިން އަނިޔާއެކެވެ. އަދި މިފަދަ ތަގުޒީބީ ޒަމާނެއްގައި އެއީ އެއްގޮތަކަށްވެސް ކޮށްގެން ވާނޭ ކަމެއް ނޫން ކަމަށްވެސް ބައެއްމީހުން ބުނެފައި ހުއްޓެވެ. އެއީ މިޒަމާނުގައި ޓީޗަރަކުވެސް ކޮށްގެން ވާނޭ ކަމެއް ނޫންކަމުގައްޔާއި ޓީޗިން ކިޔަވާއިރު ދަސްކުރާ ދަރިވަރުންގެ ނަފްސާނީ ކަންތައްތައް ދަސްނުކުރާ ޓީޗަރެއްތޯވެސް ބައެއްމީހުން ވަނީ ސުވާލު އުފައްދާފައެވެ. އަދި އެ އަދަބު ދިނުމުން އެއީ އަސްކަރީ ސުކޫލެއްތޯވެސް ބަޔަކު ވަނީ ސުވާލު އުފައްދާފައެވެ. މީގެ އިތުރުން އެފަދަ އަދަބެއް، ކިޔަވާ ދަރިވަރުން ތަކަކަށް ދިނުމަކީ އެކުދިންގެ ނަފްސާނީ ދުޅަހެޔޮކަމަށް ބޮޑެތި ބަދަލުތަކެއް އައިސް ކިޔަވަން ފޫހިވާނެ ކަމެއް ކަމުގައްޔާއި އެއީ ސީދާ ހަނގާކުރުމުގެ އަމަލެއްގެ ގޮތުގައިވެސް ބައެއް ކިޔުންތެރިން ވަނީ ސިފަކޮށްފައެވެ.

ކަންމިހެން ހުރިނަމަވެސް އަޖައިބުވެ އަންތަރީސްވާ ވަރުގެ ކަމަކަށްވީ އެ ހަބަރަށް ރައްދު ދިން މީހުންގެ ގިނަ މީހުންގެ ރައްދަކަށްވީ އެ އަދަބަށް ތާއީދު ކުރުމެވެ. އެ އަދަބަށް ތާއިދު ކުރި މީހުން ބުނާ ގޮތުގައި އެއީ އަދި އަދަބެއް ނޫން ކަމަށެވެ. އެވަރު އަދަބަކުން ކުދިން އިސްލާހު ނުވާނެ ކަމަށެވެ. އަނެއްބަޔަކު ބުނާ ގޮތުގައި އެމީހުންނަށް އެއަށްވުރެވެސް ބޮޑެތި އަދަބު ލިބުނު ކަމަށާއި ހަބަރަކަށް އެ އަދަބުތަކުގެ ވާހަކަ ހަބަރުތަކަށް ނާރާ ކަމަށެވެ. ދެންވެސް މީހަކު ބުނެފައި ވަނީ އަދަބު ދޭން ޖެހޭނެ ކަމަށާއި އަދަބު ނުދީ ބޮޑުކުރުމުން އެކުދިން މަގު އޮޅިގެންދާ ކަމަށެވެ. ދަރިވަރުންގެ ހައްގުތައް ބޮޑުކަމުން ޓީޗަރުން މިއަދު ތިބެންޖެހެނީ މާ ބޮޑަށް ނަފްސާނީ ވެފަ ކަމަށާއި އެ އަދަބަށް ތާއީދު ކުރާ ކަމަށްވެސް މީހަކު ބުނެފައި ވެއެވެ. އަދިވެސް މީހަކު ބުނެފައި ވަނީ، މިއަދު އެފަދަ ކުށްކުރާ ދަރިވަރުން ދިފާއުކޮށް ވާހަކަ ދައްކާނަމަ، މާދަމާ ހޯދަން ޖެހޭނީ ދިފާއީ ވަކީލެއް ކަމަށެވެ. އަދި އެފަދަ އަދަބުތަކާއި އެއަށްވުރެ ހަރުކަށި އަދަބުތައް ދިން ޒަމާނުގައި ބޮޑެތިވަމުން އައީ ކިޔަމަންތެރި ޖީލުތަކެއް ކަމަށާއި ނަމަވެސް މިއަދު އަދަބު ނުދީ ބޮޑު ކުރާ ޖީލުތަކަށް ވަމުންދާ ގޮތް ނުބުންޏަސް އެނގޭނޭ ކަމަށްވެސް މީހަކު ވަނީ ބުނެފައެވެ.

އެ އަދަބު ކުށްވެރިކޮށް ވާހަކަ ދެއްކި މީހުންނަށްވުރެ، އެ އަދަބަށް ތާއީދު ކުރި މީހުން، ރައްދު ދިން މީހުންގެ ތެރޭގައި ގިނައެވެ. މީގެ މާނައަކީ އަދި މުޅި ގައުމުގެ ބޮޑު ބަޔަކު އެ އަދަބަށް ތާއީދު ކުރުމެއްވެސް ނޫނެވެ. ނަމަވެސް ގިނަ ބަޔަކު އެ އަދަބަށް ތާއީދުކުރި ކުރުމުގައި ކޮންމެވެސް ހިކުމަތްތަކެއް ވާނޭކަން ޔަގީނެވެ. ނަމަވެސް އެއްވެސް ދަރިވަރަކަށް އަނިޔާއެއް ދިނުމަކީވެސް އެއީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ.