ދުނިޔޭގައި ވަރަށް މަދުން ހެދޭ އަދި ނެތިދިއުމުގެ ބިރު ހީވެފައިވާ މެންގްރޫވްގެ ބާވަތެއް ކަމަށްވާ "ބުރުގެރިއާ ހެނެސީ" ގަސްތަކެއް ދާދިފަހުން ރާއްޖެއިން ފެނިފަ އެވެ. ދިވެހިބަހުގެ އެކަޑަމީގެ ލަފާގެ މަތިން އެ މެންގުރޫވްއަށް މިހާރު ވަނީ ނަމެއް ވެސް ކިޔައިފަ އެވެ. އެއީ "ކެލަވަކި" އެވެ. އެ ނަން ދީފައި ވަނީ އެ މެންގްރޫވްގެ ބާވަތް ފެނިފައިވާ ރަށަށް ނިސްބަތްކޮށް ކަމަށް އެންވަޔަރުމަންޓް މިނިސްޓްރީން ވަނީ ބުނެފަ އެވެ. އެހެން ނަމަވެސް، އެބާވަތުގެ ކަނޑޫ ރާއްޖޭގައި ހުރީ ހަމައެކަނި ކެލާގައި ހެއްޔެވެ؟ އެހެން ރަށެއްގައި އެ ބާވަތުގެ ކަނޑޫ ހުރި ނަމަ، ވަކި ރަށަކަށް ނިސްބަތްކޮށް ނަމެއް ދިނުން އިންސާފު ހެއްޔެވެ؟ ދެން އުފެދޭ ސުވާލަކީ، އެ ބާވަތުގެ ކަނޑުލަށް އިހު ދިވެހިން ނަމެއް ނުކިޔާ ހެއްޔެވެ؟ ކިޔާފައި ވާނަމަ، އައު ނަމެއް ދިނުމުގެ ބޭނުމަކީ ކޮބައި ހެއްޔެވެ؟
ރާއްޖެއިން "އަލަށް" ފެނުނުކަމަށް މިނިސްޓްރީއިން ބުނާ ޒާތުގެ ކަނޑުލަށް ކެލަވަކި ކިޔުމާމެދު އާންމުންގެ ޚިޔާލު ތަފާތެވެ. ލޯކަލް ގަވަމަންޓް އޮތޯރިޓީގައި މަސައްކަތް ކުރައްވާ އަދި ދިވެހި ތާރީޚް ޚާއްސަކޮށް އާއިލީ މަތިކޮޅު ދިރާސާ ކުރައްވާ ބޭފުޅެއްކަމުގައިވާ އާދަމް ޝަރީފް ފޭސްބުކްގައި ހާމަކޮށްފައިވާ ގޮތުގައި، މާކަނޑުލަކީ ރާއްޖޭގެ ކަނޑޫފާ ތަކުގައި ހުންނަ އާންމު ގަހެކެވެ.
"އަޅުގަނޑުމެން ޅައިރު ދުވަހު ކޮއްތައް އެންމެ އާއްމުކޮށް ކައި އުޅުނު އެއްބާވަތަކީވެސް ކަނޑުލެވެ. އެއީ ފަރުމަހު ގަރުދިޔައާއެކު މޮޑެގެން ކެއުމަށް މިހާރުވެސް އެންމެ މީރު ކެއުމެވެ. ނަމަވެސް ޒަމާން ބަދަލުވެ ކެއުމުގެ ޘަޤާފަތްވެސް ބަދަލުވެ ފަސޭހައިން ކައްކާލެވޭ ކެއުންތައް އާންމުވުމުން އިހުގެ ކެއުންތައް ވަނީ ސުފުރާމަތިން ގެއްލިފައެވެ. މިއާއެކު އެބާވަތްތަކަށް ކިޔާ ނަންތައްވެސް ވަނީ ބަހުގެ ޢިލްމުވެރިންނަށް ބީވެފައެވެ. ނަތީޖާއަކީ އަސްލު ނަންތައް ހުރެމެ އާ ނަންތައް އެ ތަކެއްޗަށް ދޭން ފެށުމެވެ. މާކަނޑުލަށްވެސް މިވީ އެހެންނެވެ." އެ ބޭފުޅާގެ ސްޓެޓަސްގައި ލިޔެފައިވެއެވެ.
ކެލާއިން ފެނުނީތީ ކެލަވަކި ނަމުން ނަން ދިނުމުން ނ.ކެނދިކުޅުދޫގެ ބައެއް ރައްޔިތުން އެކަމާ ވަނީ ހިތްހަމަ ނުޖެހިފައެވެ. ކެނދިކުޅުދޫ މީހުންނާ ހަވާލާދީ ނޫނު ޑެއިލީގައިވާ ރިޕޯޓެއްގައިވާ ގޮތުން، މި ބާވަތުގެ މެންގުރޫވް ގަހަކީ ޒަމާނުއްސުރެ ވެސް "މަދު ނޫން އަދަދަކަށް" އެ ރަށުގައި ހުންނަ ބާވަތުގެ ގަހެކެވެ. މައުލޫމާތު އެނގިހުރި ކެނދިކުޅުދޫގެ ރައްޔިތަކު "ނޫނު ޑެއިލީ"އަށް ބުނީ އަލަށް ފެނިގެން އުޅޭ ކަމަށް ބުނާ މެންގުރޫވް ގަހަށް އެ ރަށުގައި ކިޔަނީ "ބޮޑު ކަނޑޫ" އެވެ.
އެހެން ނަމަވެސް، މި ވާހަކަތަކާ އަލްއުސްތާޛު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު މުޅީން ދެކޮޅެވެ. އެ ބޭފުޅާ އަދިވެސް.އެމްވީ ގައި އެކަމާ ގުޅޭ ގޮތުން ލިޔުއްވާފައިވާ ތަފްޞީލީ ރިޕޯޓުގައި ހަގީގަތް ނޭނގޭ ގޮތަށް، މައުލޫމާތު ހޯދުމެއްނެތި، އޮންލައިން ނޫހަކުން ދިވެހިބަހުގެ އެކަޑަމީއަށް އެ މައްސަލާގައި ފާޑު ކިޔާފައިވާތީ ވަރަށް ބޮޑަށް އެކަން ކުށްވެރި ކުރައްވާފައިވެއެވެ. އެބޭފުޅާ ވިދާޅުވާ ގޮތުގައި، ކެލަވަކި ނަމުން ނަން ދީފައި އެވަނީ ބޮޑުކަނޑުލަކަށް ނޫންކަމަށާއި، މިނިސްޓްރީ އޮފް އެންވައިރަންމަންޓުން ބަޔާންކުރައްވާ ގޮތުގައި އެއީ ހަމަ ހަގީގަތުގައި ވެސް އެ ޢާއިލާގެ އެހެން ބާވަތެއް ކަމަށެވެ. ގަސްގަހާގެހީގެ ދިރުންތައް ދިރާސާކުރެއްވުމުގެ ތެރޭގައި ކަނޑޫ ޢާއިލާގެ ގަސްގަހުގެ ތެރޭގައި، ކުރީން ރާއްޖެއިން ފެނި ނަންދެވިފައި ނުވާ ބާވަތެއް މިނިސްޓްރީގެ ދިރާސާ ޓީމަށް ފެނުމުން ނަމެއް ދިނީކަމުގައެވެ. އަދި އެ ނަމަކީ ދިވެހިބަހުގެ އެކަޑަމީން ދިން ނަމެއް ނޫންކަމަށާއި އެއީ އެ ބާވަތަށް ދިވެހި ނަމެއް އުފައްދަވާން ބޭނުންފުޅުވީ ތިމާވެއްޓާ ބެހޭ ވުޒާރާއިންކަމަށެވެ. އެ ރިޕޯޓް ފޭސްބުކްގައި ހިއްސާ ކުރަމުން ދިވެހި ބަހުގެ އެކަޑަމީގެ ރައީސް އަޝްރަފް އަލީ ވަނީ ހަގީގަތަކީ އެއީކަމަށް ވިދާޅުވެފައެވެ.
ތިމާވެއްޓާ ބެހޭ ވުޒާރާއިން ހާމަކުރައްވާ ގޮތުގައި އާދައިގެ ކަނޑުލަށް ކިޔާ ސައެންޓިފިކް ނަމަކީ Bruguiera Cylindrica އެވެ. ބޮޑަވަކި ނުވަތަ ބޮޑުކަނޑުލަށް ކިޔަނީ Bruguiera gymnorrhzia އެވެ. (މާ ކަނޑުލަށް ވެދާނެ) އަނެއް ބާވަތަކީ Bruguiera sexangula އެވެ. ނަމަވެސް އަލަށް ނަމެއް ހެދީކީ މިއިން ބާވަތަކަށް ނޫނެވެ. މި ޢާއިލާގައި ހިމެނޭ އެހެން ބާވަތަކަށެވެ. އަލަށް ފެނުނު މި ބާވަތަށް ކިޔާ ސައެއްޓިފިކް ނަމެއް ކަމަށް ތިމާވެއްޓާ ބެހޭ ވުޒާރާއިން ވިދާޅުވެފައިވަނީ Bruguiera Hainesii އެވެ. އަލަށް ދިވެހި ލަފުޒެއް ހައްދަވައި އެ ލަފުޒު ދިވެހިބަހުގެ އެކެޑަމީއިން ފާސްކޮށްދެއްވާން އެދިވަޑައިގަތީ މި ބާވަތަށް ކިޔާނެ ދިވެހި ނަމެކެވެ. އެއީ ބޮޑުކަނޑޫ ނުވަތަ މާކަނޑޫ ނުވަތަ ބޮޑަވަކި ނުވަތަ ކަނޑުލުގެ ބަދަލުގައި އުފެއްދި ނަމެއްނޫނެވެ.
ހިޔާލު
ފޮނުއްވާ ޚިޔާލުތައް ޝާއިޢުކުރެވޭނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭތޯ ބެލުމަށް ފަހު ކަމުގައި ދަންނަވަން