" ބޭރުން ކަންޏާ ފަލަވާނެ" މިއީ ވަރަށް ގިނައިން އިވޭ ޖުމްލައެކެވެ. ނަމަވެސް ހަގީގަތުގައި ގޭގައި ނުވަތަ ބޭރުގައި ކައްކައިގެން ވާނެ ތަފާތެއް ނެތެވެ. ކެއްކުމުގައި ހެދޭ ބައެއް ގޯސްތަކުގެ ސަބަބުން ނުވަތަ އަމަލު ކުރެވޭ ގޮތަކުން ބަރުދަން އިތުރުވުމަށް މަގުފަހިވަނީއެވެ. އަދި ގޭގައި ކައްކާނަމަ މިކަންކަމުގެ ކޮންޓްރޯލް އަމިއްލައަތައް ލިބުމުން އެކަންކަން ރަގަޅުކުރަން ފުރުސަތު ލިބެނީއެވެ. ކެއްކުމުގައި ހެދޭ ބައެއް ގޯސްތަކުގެ ސަބަބުން ކާތަކެތީގައި ހިމެނޭ ފައިދާހުރި މާއްދާތައް ގެއްލި، އިތުރު ކެލޮރީ އެއްވުން ފަދަ ކަންކަން ވާނެއެވެ. މިއަދު ބަލާލާނީ މި ފަދަ ގޯސްތަކަށެވެ.

  1. މާގިނައިން ތެޔޮ ބޭނުންކުރުން

ތެލަކީ ވެސް އިން ސިއްޙީ އެތައް ފައިދާއެއް ލިބޭ އެއްޗެކެވެ. ތަފާތު ތެލުން ލިބޭ ފައިދާވެސް ތަފާތެވެ. ނަމަވެސް ކޮންމެ ތެލެއް ވެސް ބޭނުންކުރަން ހެޔޮ މިންގަނޑެއް އޮވެއެވެ. އެންމެ ސިއްހަތަށް ފައިދާހުރި ކަމަށް ބުނެވޭ ޒައިތޫނި ތެޔޮ ސަމުސަލެއްގައިވެސް 120 ކެލޮރީ ހުރެއެވެ. ނަމަވެސް އޮއްސާލާއިރު މިކަމަށް ވިސްނާނުލެވެއެވެ. އެހެން ކަމުން ފުޅި އޮއްސާލުމުގެ ބަދަލުގައި މިނާނެ ސަމުސަލެއް ގެންގުޅުން ބުއްދިވެރިއެވެ. މިހެން ކޮންމެ ދުވަހަކު އެއް ސަމުސަމުގެ ބަދަލުގައި ދެ ސަމުސާ އޮއްސާލެވޭ ނަމަ އެއީ މަހެއްގެ މައްޗަށް 3،600 ކެލޮރީއެވެ.

  1. ތެލުލާ ހަނާކުރުން އާންމުކަމަކަށް ހެދުން

ކާއެއްޗެއް ކައްކާގޮތަކުން އޭގައި ހިމެނޭ ފައިދާހުރި ބައިތައް ނެތިގެން ހިނގައިދާނެއެވެ. ތެލުލާ، ފިހެ އަދި ހަނާކޮށް ހަދާނަމަ ކާތަކެތީގައި ހިމެނޭ ޕޮޓޭސިއަމް، މެންގަނީޒް އަދި ކެލްސިއަމް ފަދަ މިނެރަލްތައް ނެތިގެން ދާނެއެވެ. ކާތަކެތި ތެލުލާނަމަ އޭގައި ހިމެނޭ ކެލޮރީގެ މިންވަރު އިތުރު ސެޗުރޭޓަޑް ފެޓްގެ މިންވަރުވެސް އިތުރުވާނެއެވެ. މިއީ ސިއްޙަތަށް ރަގަޅު ކަމެއް ނޫނެވެ. މީގެ ބަދަލުގައި އާވިން ކައްކާނަމަ ކާތަކެތީގައި ހިމެނޭ ފައިދާހުރި ބައިތައް ރައްކާކުރެވޭނެއެވެ. ދެން އިތުރަށް ރަހަ މީރުކުރަން ބޭނުންނަމަ އެކަމަށް ހުންނަ ހަވާދުތައް ބޭނުން ކުރާށެވެ.

  1. އެއްގަމުމަސް މާގިނައިރު ފިހުން

ބާބަކިއު ގްރިލްގައި ފިހެލާފައިވާ ބީފް ސްޓޭކެއްގެ ރަހަ ވަރަށް މީރުވާނެއެވެ. ނަމަވެސް ގިނައިރު މިހެން ފިހެފައިވާ ސްޓޭކެއްގައި މެނޮޕޯސަލް ބްރެސްޓް ކެންސަރު ޖެހުމަށް މަގުފަހިވާ މައްދާ 47 އިންސައްތައަށް އިތުރެވެ. ދެލި އަންދައިގެން ފިހެމުގެ ބަދަލުގައި ކުޑަ ތެޔޮފޮދެއް ޖަހައިގެން ފިހެލާށެވެ. ނޫނީ މީރު ސީޒަނިންގ އެއްކުރުމަށް ފަހު އާވިން ކައްކާލާށެވެ.

  1. ލޮނާއި އެހެން ރަހަތަކަށް މާބޮޑަށް ބަރޯސާވުން

ދިވެހިންގެ ތެރޭގައި ވެސް ކޮންމެ އެއްޗެއް ކެއްކިއަސް ގިނައިން މިރުސް އަޅައިގެން ކައްކާއެއްޗެއްގެ ރަހަމުޅިން ބަދަލުކޮށްލަން ބޭނުން މީހުން ވަރަށް ގިނައެވެ. މިގޮތަށް ގިނަ ބަޔަކު ލޮނުވެސް ބޭނުން ކުރެއެވެ. ނަމަވެސް މިއީ ފަލަވުމަށް ވަރަށް ފަސޭހައިން މަގުފަހިވާ ގޯސް އާދައެކެވެ. ލޮނަށް މިހެން އާދަވުމަކީ ބަނގުރަލާއި މަސްތުވާތަކެއްޗަށް ދެވި ހިފުން ފަދަ ކަމެކެވެ. ކައްކާ އެއްވެސް އެއްޗެއްގެ ރަހަ ގެއްލޭވަރަށް އެހެން ރަހަތައް އިތުރުކޮށްގެން ނުވާނެއެވެ. ލޮނުގަދަ ކްރެކާރސް ފަދަ ތަކެއްޗަށް ދެވިހިފުމަކީ ނުރައްކަލުގެ ރަނގަބީލެކެވެ. ލޮނާއި ބަޓަރު ގިނައިން އަޅައިގެން ތަރުކާރީ ކާނަމަވެސް އާންމުކޮށް ކާން ޖެހޭ ވަރަށްވުރެ އިތުރަށް ކާން ބޭނުންވާނެއެވެ.

  1. ރަގަޅު ސޯސް އިޚްތިޔާރުކުރަން ނޭނގުން

އެއްގަމު މަހާއި ކަނޑުމަސް މެރިނޭޓްކުރުމަށް ބޭނުންކުރާ ސޯސްފުޅީގެ ބޭރު ރަގަޅަށް ކިޔާށެވެ. އޭގައި ލޮނާއި ހަކުރުފަދަ ބާވަތްތައް ހިމެނިފައިވާ މިންވަރު ރަގަޅަށް ދެނެގަންނާށެވެ. ބްރޭންޑް މަޝްހޫރުވުމުގެ މާނައަކީ އުފެއްދުން ރަގަޅު ވުމެއް ނޫނެވެ. ލޮނާއި ހަކުރު މާގިނައިން ހުރިނަމަ އެ ބޭނުން ނުކޮށް އަމިއްލަ އަށް ގޭގައި މި ފަދަ ސޯސް ހަދަން މަސައްކަތް ކުރާށެވެ. ވަރަށް ފަސޭހައިން ރެސިޕީތައް ލިބެން ހުންނާނެއެވެ.

  1. ކޮންމެ ކާއެއްޗަކަށް ޓޮޕިންގ އަޅަން ބޭނުންވުން

ފޮނި ކޮންމެ އެއްޗަކަށް އަޅާ ސިރަޕް ނުވަތަ ކައްކާ އެއްޗެހީގެ މައްޗަށް އަޅާލުމަށް ބޭނުން ކުރެވޭ ޗީޒްކޮޅުވެސް މަދުކޮށްލައިފިނަމަ އެ މަދު ކުރެވެނީ ހަމަ ކެލޮރީއެވެ. އޭގެ ބަދަލުގައި ފޮނިއެއްޗެއް ނަމަ މޭވާއެއް ކޮށާލުމަށްފަހު އަޅާށެވެ. އެހެން އެއްޗެއްސަށް ތަރުކާރީއާއި ހަރބްވެސް އެޅޭނެއެވެ. ރަހަ މީރުވެފައި ހަށިގަނޑަށް ރަގަޅުވާނެއެވެ. އާދައަކަށް ހަދާށެވެ.

  1. ތަރުކާރީ މާގިނައިރު ކެއްކުން

ތަރުކާރީއަކީ ކޮންމެ ކޮންމެ ގޮތަކަށް ތައްޔާރުކޮށްގެން އެއިން މާބޮޑު ފައިދާއެއް ކުރާނެ އެއްޗެއް ނޫނެވެ. ތަރުކާރީ ކައްކާގޮތުން އެ ރޮލާ ހުންނަ އިރަށްވުރެ އޭގައި ހިމެނޭ ފައިދާ އެތައް ގުނައަކަށް މަދުވެދާނެއެވެ. ތަރުކާރީގައި ހިމެނޭ ވިޓަމިންއަކީ ގިނަ އިރު ކެއްކުމުން އޭގެ ފައިދާ މަދުވާއެއްޗެކެވެ. މިސާލަކަށް ބްރޮކޮލީ ފެނުކެއްކުމުގެ ބަދަލުގައި މައިކްރޯ ވޭވުން ރޯފިލުވާލާށެވެ. ނަމަވެސް މައިކްރޯ ވޭވްގައި ބޭނުންކުރާ ތައްޓަކީ އެކަމަށް ރަގަޅު ތައްޓެއްކަން ޔަގީން ކުރަންވާނެއެވެ.

  1. ނުރައްކާތެރި ކެމިކަލް ކާތަކެއްޗާ އެއްކުރުން

މައިކްރޯ ވޭވް ކުރުމުގައި ޕްލާސްޓިކް ތަށި ބޭނުން ކުރާނަމަ އޭގެ ޒަރީއާއިން ވަރަށް ނުރައްކާތެރި ކެމިކަލް ކާތަކެއްޗާ އެކުވާނެއެވެ. ތަށީގެ ބޭރުގައި "މައިކްރޯ ވޭވްގައި ބޭނުން ކުރެވޭނެ" ކަމަށް ލިޔެފައިވަނީ ވިރިގެން ނުދާނެކަން ބަޔާން ކުރުމަށެވެ. ނަމަވެސް ގިނަ ޕްލަސްޓިކްގެ ބާވަތްތަކުގައި ބީ.ޕީ.އޭ ފަދަ ނުރައްކާތެރި ކެމިކަލް ހިމެނޭނެއެވެ. ކޮންމެ ތައްޓެއްގެ ބޭރުގައިވާ މައުލޫމާތުވެސް ކިޔާ އެއީ ރައްކާތެރި ތަކެތިން އުފެއްދިފައިވާ ތައްޓެއްކަން ޔަގީން ކުރަންވާނެއެވެ.